މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގި ސަރަހައްދުގައި ފަޔަ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރޭގައި އިންޑިއާގެ 9 މީހުން
މ. ނިރުފެހި ގޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން ނުވަ މީހުންނަކީ އިންޑިއާގެ ރައްޔިތުންކަން އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ ހާދިސާގައި މަރުވެފައިވާ 10 މީހުންގެ ތެރެއިން:
-
ނުވަ މީހުންނަކީ އިންޑިއާ މީހުން
-
އޭގެ އިތުރުން ދެން މަރުވީ ބަންގްލަދޭޝްގެ މީހެއް
ވީ ކިހިނެއް؟ - ސިފައިން ބުނި ގޮތުގައި، އަލިފާން ރޯވީ އިމާރާތުގެ އެންމެ ތިރީގައި ހުރި ގަރާޖެއްގަ އެވެ. ހަލާކުވެގެން ގެންނަ ވެހިކަލް މަރާމާތުކުރާ އެ ގަރާޖުގައި، މީހެއްގެ އިސްކޮޅު ހުންނަ ވަރުގެ ގޭސް ސިލިންޑަރުތައް ހުރި ކަމަށް ސިފައިން ބުންޏެވެ. މީހުން ދިރިއުޅެމުން ދިޔައީ އެ ތަނުގެ މަތީގައި ހަދާފައި ހުރި ދެ ބުރީގަ އެވެ.
ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބުނަނީ އަލިފާން ރޯވީ އިމާރާތުގެ މަތީގައި ކަމަށެވެ.
-
އިތުރަށް ކިޔާލަން - 10 މަރު: މިހާތަނަށް ރާއްޖޭގެ އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ
ތަފްސީލް - އަލިފާން ރޯވިތާ 3 މިނިޓުގެ ތެރޭގައި އަލިފާން ނިއްވާ މީހުން އެ ސަރަހައްދަށް ދިޔައިރު ވެސް އެ އިމާރާތުގައި ހުރީ ވަރަށް ބޮޑަށް ހުޅުހިފާފަ އެވެ. އެހެންކަމުން، ސިފައިން ފުރަތަމަ އެންމެ ބޮޑު އިސްކަމެއް ދިނީ، އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދިނުމަށެވެ.
އެނގިފައިވާ ގޮތުގައި:
-
ފުރަތަމަ ބުރި އާއި ދެވަނަ ބުރީގައި ވެސް ބިދޭސީން ދިރިއުޅެމުން ދިޔައީ ކުއްޔަށް، ގިނަ މީހުން ވަކިވަކިން
-
ގާތްގަނޑަކަށް 25 މީހުންނަށް ދިރިއުޅެވޭ ގޮތަށް، ކުދިކުދި ކޮޓަރިތަކެއް ހަދާފައި ހުރި
-
ބައެއް ތަންތަނުގައި ދެމަފިރިން ވެސް އުޅުނު
-
އެ ތަނުގައި އުޅުނު މީހުންގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ އަދި ސްރީ ލަންކާގެ މީހުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނޭ
"ހަނިހަނި ސިޑިއަކުން އަރަން ހުރި އިރު، މުޅި ތަން ވެސް ހުރީ ވަރަށް ކޮންޖެސްޓެޑް ގޮތަކަށް،" އިމާރާތް ހުރި ގޮތުން، އަލިފާން ނިއްވައި މީހުން ސަލާމަތް ކުރުމަށް އުނދަގޫތައް ކުރިމަތިވިކަން ފާހަގަކުރައްވައި ފަޔާ އެންޑް ރެސްކިއުއާ ހަވާލުވެ ހުންނެވި ކާނަލް އިބްރާހިމް ރަޝީދު މިއަދު ނޫސްވެރިންނަށް ވިދާޅުވި އެވެ.
މާލޭގައި މީގެ ކުރިން ހިނގާފައި ހުރި އަލިފާނުގެ ބޮޑެތި ހާދިސާތަކާ އަޅާބަލާ އިރު ނިރުފެހި ގޭގައި ރޯވި ހުޅުގަނޑު ނިސްބަތުން ކުޑަ އެވެ. ކައިރީގައި ހުރި އެހެން ގޭގެއަށް ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން އަލިފާން ކޮންޓްރޯލް ވެސް ކުރި އެވެ. ނަމަވެސް މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވުމުގެ ސަބަބަކީ ރޯވި އަލިފާންގަނޑު އިމާރާތުގެ ތެރޭގައި ފެތުރުނުލެއް އަވަސްކަމާއި ގަރާޖުގައި ހުރި އެއްޗެހިން ބޭރުވި ވިހަ ދުން ކަމަށް ބައެއް މީހުން ބުނެ އެވެ.
އެނގުން މުހިއްމު - މާލޭގައި ކެމިކަލް ގުދަންތަކާއި ގަރާޖުތަކުގައި މީގެ ކުރިން ވެސް ނުރައްކާތެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މީގެ ތިން އަހަރު ކުރިން، 20 ސެޕްޓެމްބަރު 2019ގައި، ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގީ އެހާ ތަނަށް އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. ކައިރީގައި ހުރި ގެއަކުން ނުނިކުމެވި، ތާށިވި އަންހެނަކު މަރުވި އެވެ. ހަތަރު ގުދަނާއި ހަ ގެއެއް އެނދި އެވެ. ހާލުގައި ޖެހުނު މީހުންގެ އަދަދު 400 އަށް ވުރެ މައްޗެވެ.
ކުދިކުދި ތަންތަންކޮޅުގައި ތޮއްޖައްސައިގެން ބިދޭސީން ގެންގުޅުމުގެ މައްސަލައަކީ ވެސް ރާއްޖޭގައި އާންމު ނަމަވެސް ހައްލެއް ނުލިބޭ މައްސަލަ އެކެވެ. މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި ގިނަ އަދަދެއްގެ މީހުން އުޅެން ޖެހުމުން ނުރައްކާތެރި ހާދިސާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާ ގޮތަށް ކަންކަން ހުރެ އެވެ. ނިރުފެހިގޭގެ މަތީގައި ހުރި ކޮންމެ އެނދެއް ކައިރީގައި ގޭސް ފުޅިއެއް ބަހައްޓާފައި ހުރިކަމަށް އެމްއެންޑީއެފުން ބުންޏެވެ.
-
ލައިވް ކަވަރޭޖް - މާލޭގެ ގަރާޖެއްގައި ރޯވެ 10 މީހަކު މަރުވެއްޖެ