ގުޅީފަޅުގައި ހުރި އެކޮމޮޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން. (ފޮޓޯ/އެމްއެންޑީއެފް)

އެފްކޮންސްގެ ގެއްލުނު މުވައްޒަފު ހޯދަނިކޮށް، ހަށިގަނޑެއްގެ ބައެއް ފެނިއްޖެ

އަލިފާން ރޯވި ތަނުން ހަށިގަނޑެއްގެ ބައެއް ފެނުނީ، އެނގިފައިވާ ގޮތުގައި، މިއަދު ހެނދުނު 11 ހާއިރު

ގްރޭޓާ މާލޭ ބްރިޖު އަޅާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މަސައްކަތްތެރިން ތިބޭ ގުޅީފަޅު ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ކުންފުނީގެ މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ތަނުން އިންސާނެއްގެ ހަށިގަނޑެއްގެ ބައެއް މިއަދު ފެނިފައިވާކަން 'ދައުރު'އަށް ކަށަވަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެފްކޮންސްގެ 80އެއްހާ މަސައްކަތްތެރިން ޒަހަމްވި އަލިފާނުގެ ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެވެ. އެ ތަނުގައި ދިިރުއުޅުނު އެ ކުންފުނީގެ މުވައްޒަފަކު އެ ހާދިސާއަށް ފަހު، ގެއްލިގެން ހޯދަމުން އަންނަ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފަ އެވެ.

ތަފްސީލު - އިތުރުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ބުނި ގޮތުގައި:

  • ފުލުހުން އަލިފާން ރޯވި ތަން ބަލަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައެއް ފެނުނީ މިއަދު ހެނދުރު 11 ހާއިރު

  • ފެނިފައި ވަނީ ގާތްގަނޑަކަށް ހަށިގަނޑުގެ ދެބައިކުޅަ އެއްބައި

  • ފެނުނީ ހަށިގަނޑުގެ މަތީ ބައި

ފުލުހުންގެ ބަސް - ދެންމެ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގެއްލުނު މީހާ ހޯދަން ކުރި މަސައްކަތުން މިއަދު "އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް" އެ ތަނުން ފެނިފައިވާ ކަމަށެވެ.

"އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރުކުރުމަށް ކުރަން ޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން،" އެ މެެސެޖުގައި ބުނެފައިވެ އެވެ.

ފަސްމަންޒަރު - އެ ރޭ ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި 76 މީހަކަށް އަނިޔާވެ، ވަނީ ހޮސްޕިޓަލްގައި ފަރުވާދީފަ އެވެ. އިއްޔެއާ ހަމައަށް ހަތަރު މީހަކު ފިޔަވައި އެންމެ ވަނީ ދޫކޮށްލާފަ އެވެ.

ގިނަ މީހުންނަށް އަނިޔާވީ އަލިފާން ރޯވުމުން ސަލާމަތްވާން އިމާރާތުގެ ދެވަނަ ބުރިން ބިން މައްޗަށް ފުންމާލުމުން އަތާއި ތަންތަން ބިދިގެންނެވެ. އަދި އަނެއް ބަޔަކަށް ފިތުމުގެ ސަބަބުން ވެސް ގެއްލުންވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް