އަމީނީމަގުގެ ހެދުމަށް އެ ސަރަަހައްދުގެ ބޮޑު ގަސްތައް ކަނޑާލުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި(ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ތިމާވެށި

ގެދޮރުގެ ބޮޑެތި މަޝްރޫއުތަކާއި މަގުހެދުން ފަދަ ކަންކަމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތް ހަދައިފި

އާންމު އުނދަގުލަކަށް ވެގެން ނުވަތަ ކޮންމެހެން ނަގަންޖެހޭ ގަހެއް ކެނޑުމަށް ވެސް އީއައިއޭ ހުށަހަޅަން ނުޖެހޭގޮތަށް ގަވާއިދު މިހާރު ވަނީ އިސްލާހުކޮށްފައި

ގެދޮރުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށާއި މަގުހެދުންފަދަ މަޝްރޫއުތައް ހިންގުމަށް މީގެ ކުރިން ހަދަންޖެހޭ، ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ (އީއައިއޭ) ރިޕޯޓު ހަދަން ނުޖެހޭ ގޮތަށް 'ތިމާވެއްޓަށް އަސަަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު' އިސްލާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ތިމާވެއްޓަށް އަސަަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު'އަކީ، އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކޮށް، މިފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެށި ތަގައްޔަރުވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެންދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރުއެޅުމުގެ ގޮތުން ހަދާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގައިވާ ކަންކަން ތަންފީޒުކޮށް ބަލަހައްޓަމުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީންނެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު މި ގަވާއިދަށް ގެނައި އިސްލާހުގައި އެ ޒިންމާތައް މިހާރު ހަވާލުކޮށްފައިވަނީ، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އެވެ.

ތަފްސީލް - މިހާރު އާންމުކޮށްފައިވާ އިސްލާހުގައި، ދެން މި ގަވާއިދަށް ގެނައި މައިގަނޑު ބަދަލަކީ، އީއައިއޭ ރިޕޯޓް ހަދަންޖެހޭ ކަންކަން އިސްލާހުކުރުމެވެ. އެގޮތުން އެ ރިޕޯޓު ހަދަންޖެހޭ ކަންކަމާއި ހަދަން ނުޖެހޭ ކަންކަމުގެ ލިސްޓު ވަކިވަކިން ބަޔާންކޮށްފައިވެ އެވެ.

އީއައިއޭ ރިޕޯޓު ހަދަންޖެހޭ ކަންކަމުގެ ގޮތުގައި މީގެ ކުރިން ގަވާއިދުގައި ހިމަނާފައިވާ ބައެއް ކަންކަން އުނިކޮށް، އެ ކަންކަމަކީ އީއައިއޭ ހުށަނާޅާ ކުރެވޭނެ ކަންކަމުގެ ގޮތުގައި ލިސްޓުގައި ހިމަނާފައިވެ އެވެ.

މީގެ ކުރިން ގަވާއިދު ބުނާ ގޮތުން:

  • ގެދޮރު އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫއުތަކުގެ އީއައިއޭ ހަދަންޖެހޭނެ

  • ބޭސްމަންޓަކާ އެކު 10 ބުރިއަށް ވުރެ އުސްކޮށް އިމާރާތްކުރާ ނަމަ ވެސް އީއައިއޭ ހަދަންޖެހޭނެ 

އެކަމަކު، އަލަށް ގެނައި އިސްލާހުގައި ވަނީ، 10 ބުރިއަށް އިމާރާތްކުރުމުގެ މަސައްކަތް އީއައިއޭ ހަދަންޖެހޭ ކަންކަމުގެ ލިސްޓުން އުނިކޮށްފަ އެވެ. އަދި، އީއައިއޭ ހަދަން ނުޖެހޭ ކަންކަމުގެ ލިސްޓުގައި ގެދޮރު އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިމަނާފައިވެ އެވެ. 

މީގެ އިތުރުން:

  • މަގު ހެދުމުގެ މަޝްރޫއުތަކަށް ވެސް އިސްލާހުގައިވާގޮތުން ދެން އީއައިއޭ ހަދާކަށް ނުޖެހޭނެ 

  • މީގެ ކުރިން އީއައިއޭ ހަދަންޖެހޭ ކަމެއްގެ ގޮތުގައި އޮތް، ގިނަ އަދަދަކަށް ރުއްކެނޑުން ވެސް އީއައިއޭ ހަދަންޖެހޭ ކަންކަމުގެ ލިސްޓުން މިހާރު ވަނީ އުނިކޮށްފައި

  • ގަސް ބެލެހެއްޓުމުގެ ގޮތުން ނުވަތަ އާންމު އުނދަގުލަކަށް މަގުފަހިވެފައިވާތީ (ދިޔަދޮވި، ފުރާޅު އަދި ފެންތާންގިއަށް ފަތްކުނި އެޅޭ) ގަސްގަހާގެހި ކޮށުން ނުވަތަ ކޮންމެހެން ނަގަންޖެހޭ ގަހެއް ނެގުމަށް ވެސް އީއައިއޭ ހަދާކަށް ނުޖެހޭނެ

  • ޓޫރިސްޓް ރިސޯޓް ނުވަތަ ހޮޓާ އަލަށް ތަރައްގީކުރާއިރު، އެ ތަނުގައި ފުރަތަމަ ގާއިމުކުރަންޖެހޭ ގުދަނާއި، އެކޮމޮޑޭޝަން ބްލޮކާއި، ކޮމިއުނިކޭޝަން ޓަވަރު އެޅުމަށް ވެސް އީއައިއޭ ހަދާކަށް ނުޖެހޭނެ

ފާހަގަކޮށްލެވޭ ކަމެއް - މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، ތިމާވެއްޓަށް އެކަމުން ކުރާނެ އަސަރުތައް އެކަށީގެންވާގޮތެއްގައި ދެނެނުގަންނާތީ އާއި މިފަދަ މަޝްރޫއުތަކަށް ދުވަސްވީ ބޮޑެތި ގަސްތައް ކެނޑުމުގައި ވެސް އެކަންކަމަށް އެކަށީގެންވާ ގޮތެއްގައި ނުބަލާތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން މިހާރު ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެ އެވެ.

އެނގުން މުހިންމު - އީއައިއޭ ހަދަންޖެހޭ ކަމަށް ގަވާއިދު ބުނާ ތަރައްގީގެ މަސައްކަތެއް ފެށުމުގެ ކުރިން ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ. އީއައިއޭ ރިޕޯޓުގައި، ތަރައްގީގެ ހުށަހެޅުން އެކުލަވާލުމުގައި ތިމާވެށްޓާބެހޭ ހުރިހާ ކަންކަމަކަށް ބަލައި، އެކަންކަމާ ގުޅިގެން ދިމާވެދާނޭ ކަންތައްތައް ދެނެގަނެ، އެކަންކަމާ ކުރިމަތިލާނޭ ގޮތްތައް ކަނޑައެޅިފައިވާކަން ޔަގީންކޮށްދޭންޖެހެ އެވެ.

ގަވާއިދު ބުނާގޮތުން، އެ ރިޕޯޓު ބަލައި ވަޒަން ކުރުމަށްފަހު އެމަޝްރޫއުގެ ސަބަބުން ގަބޫލު ނުކުރެވޭފަދަ އަދި އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ތިމާވެށްޓަށް ކޮށްފާނެ ކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ އެމަޝްރޫއު ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް މިނިސްޓްރީން އެންގިދާނެ އެވެ.

ކޮމެންޓް (2)

މަޖުނޫނު44443

10 މާރިޗު 2026
ހާސްތަރުތައް ނުދަމާ ރައީސްގެ ލަފާފުޅާ އިރުޝާދުގެ ދަށުންނޭ ކިޔާފަ ތި ގަވާއިދެއް އުވާލަބަލަ. އޭރުން އެއްގޮތަކަށްވެސް އީއައިއޭ ހަދާކަށް ނުޖެހޭނެ.
0 0

މަޖުނޫން

10 މާރިޗު 2026
ހާސްތަރުތައް ނުދަމާ ރައީސްގެ ލަފާފުޅާ އިރުޝާދުގެ ދަށުންނޭ ކިޔާފަ ތި ގަވާއިދެއް އުވާލަބަލަ. އޭރުން އެއްގޮތަކަށްވެސް އީއައިއޭ ހަދާކަށް ނުޖެހޭނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް