ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ

ގިރާވަރު ފަޅު

ގިރާވަރު ފަޅު ފެހިކުރަން 3 ފަޅުރަށަކުން ރުއްގަސް ނަގާނެ

އީއައިއޭ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި އެ ތަނަށް 142،000 އަށް ވުރެ ގިނަ ރުއްގަސް ބޭނުންވާނެ

މުހިންމު ނުކުތާތައް

ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރަށްވެހިންނަށް 2،000 ގޯތި ދިނުމަށް ސަރުކާރުން ވަނީ ރާވާފައި

ރުއްގަސް ނެގޭނީ އީޕީއޭގެ ހުއްދަ ލިބިގެން؛ ނަގާ ކޮންމެ ރުކެއް/ގަހަކަށް ދެ ރުއް/ގަސް އިންދަން ޖެހޭ

ހއ، ގދ، އަދި ލ އަތޮޅުގެ އެ ތިން ފަޅުރަށުގައި އަލުން ރުއްގަސް އިންދަން 4.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިފަހުން ހިއްކަން ފެށި ކ. ގިރާވަރު ފަޅު ފެހިކުރަން ތިން ފަޅުރަށަކުން ރުއްގަސް ނަގަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ގިރާވަރު ފަޅު ހިއްކުމަށް ފަހު ފެހިކުރަން ރުއްގަސް ނަގަން ނިންމާފައިވާ ފަޅުރަށްތައް، އެ ފަޅު ހިއްކުމުގެ މަޝްރޫއުއާ ގުޅޭގޮތުން ހަދާފައިވާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ.

ތަފްސީލު - އީއައިއޭ ރިޕޯޓުގައިވާ ގޮތުން ގިރާވަރު ފަޅު ފެހިކުރަން ދެ ރަށަކުން ރުއްގަސް ނަގާނެ އެވެ. އެއީ އެގްރޯނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ބެލުމުގެ ދަށުގައި އޮންނަ ހއ. މުލިދޫ އާއި ގދ. ގަމެވެ. އޭގެ އިތުރުން، އެކަމަށް ލ. ގާދޫއިން ވެސް ރުއްގަސް ނަގާނެކަން އެނގޭ ސިޓީއެއްގެ ކޮޕީ 'ދައުރު' އަށް ލިބިފައިވެ އެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ގިރާވަރު ފަޅު ތަރައްގީކުރަން ހަވާލުކޮށްފައިވާ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އަށް، އެ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ އެގްރޯނެޓުން ފޮނުވާފައިވާ އެ ސިޓީގައިވާ ގޮތުން ގިރާވަރު ފެހިކުރަން ހއ. މުލިދޫ އާއި ގދ. ގަމުގެ އިތުރުން ލ. ގާދޫއިން ވެސް ރުއްގަސް ނެގޭނެ އިންތިޒާމު އެގްރޯނެޓުން ހަމަޖައްސައިދޭނެ އެވެ.

ލ. ގާދޫ
ހއ. މުލިދޫ

ގިރާވަރު ފަޅު ހިއްކުމަށް ފަހު އެ ފަސްގަނޑު ފެހިކުރަން 142،000އަށް ވުރެ ގިނަ ރުއްގަސް ބޭނުންވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.

ގިރާވަރު ފެހިކުރަން ބޭނުންވާނެ ކަމަށް ލަފާކުރެވޭ ރުއްގަހުގެ އަދަދު:

  • ރުއް (އެކި ސައިޒުގެ) - 18،596

  • ގަސްގަހާގެހީގެ އެކި ބާވަތްތައް - 123،625

ގާނޫނުގައި އޮންނަ ގޮތުން ރުއްގަސް ނެގޭނީ އީޕީއޭގެ ހުއްދަ ލިބިގެންނެވެ. އަދި ހުއްދަ ލިބިގެން ނެގި ނަމަވެސް، ނަގާ ކޮންމެ ރުކެއް/ގަހަކަށް ދެ ރުއް/ގަސް އިންދަން ޖެހެ އެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ އީއައިއޭ ރިޕޯޓުގައި ގިރާވަރު ފެހިކުރަން ރުއްގަސް ނަގަންޖެހޭ ކަމަށް ލަފާކުރާ އަދަދަށް ރިއާޔަތްކޮށް، އެ ރުއްގަސް ނަގާ ތަންތަނުގައި އަލުން ރުއްގަސް އިންދުމަށް 270،000 ޑޮލަރު (4.1 މިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއު

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ފައިސާ ހޯދާފައި ވަނީ ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ވިއްކާލައިގެންނެވެ.

  • އެ ފަޅު ހިއްކައިގެން މާލޭ ރަށްވެހިންނަށް 2،000 ގޯތި ދިނުމަށް ރާވާފައިވޭ

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށް އެބަ ދެ އެވެ. ނަމަވެސް އެ މަޝްރޫއު ހަވާލުކުރީ ކޮން ބަޔަކާ، ކޮން އަގެއްގައި ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. 

ކޮމެންޓް (2)

ށީސޯ

5 ޖުލައި 2023
ދުވަސް ވީ ޖަންގައްޔެއްގެ ފާއިދާއެއް ދިވެހި އިކޮސިސްޓަމަކަށް ދިވެހި ކުރިމަގުގެ ޖީލަކަށް ނެތްދޯ ދުވަހަކުވެސް ލިބޭކަށް. ތިތަނަށް ބޭނުންވާ ގަސް މިހާރު އެހެން ތަނެއްގައި އިންދަންވީނު ކުރީން އޮތް ފަޅުރަށެއް ހަލާކު ނުކޮށް
0 0

ރޓ ގޮލާ

5 ޖުލައި 2023
ކިހާ މޮޅު.. ގޯތި މާލޭ އެލީޓިސްޓުންނަށް، ގަސްތަކާ ފައިސާ ބޭނުންކުރަންވީމަ ރޓ މީހުންގެ ގޮހޮރަށް އަތްކޮއްޕަން އޯކޭ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް