ބޮޑުތަކުރުފާނު މަގު ހަދަމުން އަންނަ ސަރަހައްދުގައި ހުރި ގަސްތައް ނަގާފައި. ދުރުން ފެންނަ އެ ހުރީ އަދި މަސައްކަތް ނުފަށާ ސަރަހައްދެއްގައި ހުރި ގަހެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަގު ހެދުން

މީހެއްގެ ސުވާލެއް: 'ގަސް ނުކަނޑައި، މަގު ހެދޭނެ ގޮތެއް ނެތް ހެއްޔެވެ؟'

ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ ބައެއް މީހުން ބުނިގޮތުގައި ގަސްތައް ކަނޑައިގެން ގެންނަ މި ތަރައްގީގެ ސަބަބުން ލިބެނީ އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް
22 ޑިސެމްބަރު 2025
2

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން، ބޮޑުތަކުރުފާނު މަގުގެ އެއްބައި މިހާރު ވަނީ ނިންމައި، ހުޅުވާލާފަ އެވެ. އެކަމަކު ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމާ އެކު އިވެންފެށީ އާ ޝަކުވާ އެކެވެ؛ ކުރިން ބޮޑެތި ގަސްތަކުން ފެހިވެ، ހިޔާ ދޭ އެ ސަރަހައްދުގައި ހުރި ގަސްތައް މުލުން ލުހެލައި، މުޅި ހިސާބުގަނޑު 'އަލިކޮށްލީ' އެވެ. މަގުގެ ގާތަށް ނަގައި، އަލުން އެ އަތުރައި ތާރު އަޅަން ނިންމާފައިވާއިރު، ކުރިން އޮތް ފެހިކަން އޮތީ އެއްކޮށްހެން ގެއްލިފަ އެވެ.

"އާއްމު ގޮތެއްގައި ރޯދަ މަހު ހަވީރު މިތަނަށް މީހުން ވަރަށް ވިޔަފާރި ކުރަން އަންނާނެ. ހިތަށް އަރަނީ މި ފަހަރު ހާދަ ހޫނެއް ވާނެއޭ،" މަގު ހަދާތަން ބަލައި، ފޮޓޯނަގަން ހުރި ފޮޓޯގްރާފަރު ބުންޏެވެ.

ބޮޑުތަކުރުފާނު މަގު ހަދަމުން އަންނަ ސަރަހައްދުގައި ހުރި ގަސްތައް ނަގާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"އެއީ ވަރަށް ދުވަސްވީ ބޮޑެތި، ގަސްތަކެއް."

އެމްޓީސީސީން ކުރަމުން އަންނަ އެ މަސައްކަތުގެ ދަށުން، މިހާރު ލުހެލާފައިވަނީ އަތޮޅު ފިހާރަތައް ކުރިމަތީގައި ހުންނަ ގަސްތަކެވެ. އެ ގަސްތައް ނަގައި، އެ ތަނުގައި ތާރު އެޅުމަށް ވަނީ ނިންމާފަ އެވެ.

މާލޭގެ ގިނަ ދުވަސްވީ، ބޮޑެތި ގަސްތަކެއް ނެގުމުން، ކަމާ ގުޅޭ ޖަމިއްޔާތަކާއި ތަޖުރިބާކާރުންނާއި ސިޔާސީވެރިން ވެސް އަންނަނީ ފާޑުކިޔަމުންނެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާ، 'ބްލޫޕީސް' އިން ބުނިގޮތުގައި މިއީ މަގު ހެދުމާ ގުޅުން ހުރި ކަމެއް ނޫނެވެ. ގަސްތަކުގައި އަތް ނުލާ ވެސް، އެ މަގު ފުޅާކުރެވެން އޮތް ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.

"މާލޭގައި މިހާރު އޮތް ކުޑަ ފެހިކަން ވެސް، ދުއްވާލައިގެން ނޫނީ، މަގުތައް ހެދެން ނެތުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް،" މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސައިފް ފާތިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫތަކުގައި ތިމާވެށި ރައްކާތެރިކުރުމުގެ ވިސްނުން ނުގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މާލެއިން ޒަމާނުއްސުރެ މުޅި ރާއްޖެއަށް މެހެމާންދާރީ ފޯރުކޮށްދޭ އެންމެ މުހިއްމުތަނަކީ މާލޭގެ ބަނދަރުމަތި ކަމަށާއި، އެ ސަރަހައްދުގައި ވީވަރަކުން ހިޔާދޭ ބޮޑެތި ގަސްތައް ހައްދައި، ފެހިކޮށް، ފިނިކޮށް ބޭއްވޭތޯ އިސް ރަށްވެހިން މަސައްކަތް ކުރި ކަމަށެވެ.

"މާލޭ ބަނދަރުމަތިން ގަސްތައް ކަނޑައި ހޫނު ހަަނަފަސްތަނަކަށް ހެދުމަކީ ވަރަށް ބޮޑު ގޯހެއް،" އާޒިމް ވިދާޅުވި އެވެ.

ބޮޑު ތަކުރުފާނު މަގުގެ ފުރަތަމަ ބައި ހެދިއިރު، އެތަނުގައި ހުރި ގަސްތައް ނެގުމުން ވެސް ބައެއް މީހުން ޝަކުވާ ކުރި އެވެ.

ބޮޑުތަކުރުފާނު މަގުގައި ދުރުން ފެންނަން އެ ހުރީ، މިހާރު މަސައްކަތް ނުފަށާ ސަރަހައްދުގައި ހުރި ގަސްތައް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އާއްމު މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

"ތަރައްގީގެ ހުރިހާ މަޝްރޫއެއްހެން ގުޅިފައި މި ހުންނަނީ ފަނާކުރުމުގެ ވިސްނުމާ  އެވެ. މާލޭގެ ފެހިކަން އިންތިހާއަށް ކުޑަ އެވެ. އެ ކުޑަކުޑަ ފެހިކަން ވެސް މި ފެންނަނީ ނެތިދާނެވެ. މަގު ހަދާއިރު ގަސް ނުކަނޑާ ވާނެ ގޮތެއް ހަމަ ނެތްތޯ އެވެ؟."

މަގުހަދާއިރު ގަސްތައް ކަނޑާތީ ބައެއް މީހުން ޝަކުވާ ކުރި ނަމަވެސް، އަނެއް ބަޔަކު އެކަން ދިފާއު ކުރެ އެވެ. އެ މީހުން ބުނާގޮތުގައި އެ ގަސްތައް އެތަނުން ނުނަގައި، މަގު ބޮޑެއް ނުކުރެވޭނެ އެވެ. މަސައްކަތް ނިންމާއިރު، ގަސް ޖެހޭ ފަދަ ގޮތަކަށް އެކަން ކުރުމުން މައްސަލަ ހައްލުވާނެ ކަމަށް އެ މީހުން ދެކެ އެވެ.

"އެހެން ނޫނަސް އެއީ، ދުވަސްވީ، އޭގެ މުލުގެ ސަބަބުން އިމާރާތްތަކަށް ގެއްލުން ލިބެމުންދާ ގަސްތަކެއް،" އެކަން ދިފާއު ކުރި މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

ކޮމެންޓް (2)

ހަސަންމަލާ

22 ޑިސެމްބަރު 2025
އެއީ މަޝްހޫރު އަތޮޅު ފިހާރަތައް. ފިހާރަތައް ހެދީވެސް މޫދު ހިއްކާގެން. އޭރުއެތާ އެއްވެސްގަހެއް ނުހުރޭ.ކުރީގެ ފޮޓޯތަކުން އެނގޭނެ. އެތާ ގަސްއިންދީ މައުމޫނުގެ ވެރިކަމުގައި. އެތަންތަނުގައި ގަސްއިންދަނީ އަމިއްލަމީހުނެއްނުން ސަރުކާރުން. އެހެންވީމާ އެގަސްތައް ނަގަނީވެސް ސަރުކާރުން. މިހާރު މައްސަލައަކި ކޮންމެކަމަކަށްވެސް ބޭނިގަތުން. އެގަސްތައް އިންދުމާ ކެނޑުމާއެއީ ބަޔަކާ ބެހޭކަމެއްނޫން. އެގަސްތައް ހުރެގެން ލިބުނު ފައިދާއެއްވެސްނެތް.
1 5

މަބުނީ

22 ޑިސެމްބަރު 2025
ގަސްތައްހުރީ މުސްކުޅިވެފަ. އައުގަސް އިންދަން ލިބޭނީ މިަފަދަ ފުރުސަތެއް. އަލުން ގަސްއިންދީމަ ނިމުނީ. މަރުނުވަންޏާ ބޮޑެތިވެ ހިޔާލިބޭނެ.
2 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް