ރޭ އެމްޑީޕީން ބޭއްވި ހަފްލާގައި ސޯލިހް ވާހަކަ ދައްކަވަނީ (ފޮޓޯ/ އެމްޑީޕީ)
ހަނގުރާމައިން ރާއްޖެއަށް ދިމާވެދާނެ ދަތިތަކާ ގުޅޭ ތެދު މައުލޫމާތު ދޭން ޖެހޭ: ސޯލިހް
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދިމާވެދާނެ ދަތިތަކާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކޮށް، ތެދު މައުލޫމާތު ސަރުކާރުން ދޭން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް އިސްވެ ދޭން ފެށި ހަމަލާތަކާ އެކު ފެށި ހަނގުރާމަ އަދިވެސް ނިމުމަކަށް ނާދެ އެވެ.
މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދިމާވެދާނެ ދަތިތަކަށް ސަރުކާރުން ކުރަމުންދާ ކަންކަމަށް ފާޑުވިދާޅުވެ ސޯލިހް ވާހަކަ ދެއްކެވީ ރޭ އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި ކައުންސިލް ކެމްޕެއިން ހަފްލާފަ އެވެ.
ތަފްސީލު - އެމްޑީޕީގެ މާލެ ސީޓީ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ބޭއްވި އެ ހަފްލާގައި ވާހަކަ ދައްކަވަމުން ސޯލިހް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިވަގުތު ދުނިޔެ މިއޮތީ ވަރަށް ނުބައި ފައްތަރެއްގައި ކަމަށެވެ. އަދި ރާއްޖެ ފަދަ ހުރިހާ ކަމެއް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއްގައި ސަރުކާރުން މިވަގުތު ކުރަން ޖެހޭ ކަމަކީ މިކަމާ ދޭތެރޭ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރަކުން ވިއްޔާ ދުރާލާ ވިސްނައި މިކަމާ ދޭތެރޭ ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭނެ. އަޅުގަނޑުމެންނަކީ އިމްޕޯޓަށް މުޅިން ބަރޯސާވެފައިވާ ގައުމެއް. އެއީ ޓޫރިސްޓުން ކަމަށް ވިޔަސް، ކާބޯތަކެތި ކަމަށް ވިޔަސް، ތެޔޮ ކަމަށް ވިޔަސް، މިއީ މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް،" އެކަން އެ މަގުން ކުރާ ތަނެއް ނުފެންނަކަން ފާހަގަ ކުރައްވައި ސޯލިހް ވިދާޅުވި އެވެ.
"އެންމެ މުހިންމީ ތެދު މައުލޫމާތު ރައްޔިތުންނަށް ހާމަ ކުރުން. މިސްއިންފޮމޭޝަން ހުއްޓުވުން. އެކަން ކުރެވޭނީ ސަރުކާރަށް. ފުރިހަމަ މައުލޫމާތު ހުންނާނީ ސަރުކާރެއްގައި."
ސަރުކާރުން ތެދު މައުލުމާތު ނުދޭ ކަމަށް ސޯލިހް ދެއްކެވި މިސާލަކީ، ރާއްޖެއަށް ތެޔޮ ލިބުން ދަތިނުވާނެ ކަމަށް ވިދާޅުވެ، މިދިޔަ ހޯމަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށެވެ. އަދި އެއް މަސްދުވަހަށްވާ ވަރަށް ތެޔޮ ސްޓޮކް އެބަހުރިކަން ރައީސް އެ ދުވަހު ވިދާޅުވިކަން ސޯލިހް ފާހަގަ ކުރެއްވި އެވެ.
ނަމަވެސް އެއީ ކަން އޮތް ގޮތް ނޫންކަން ފާހަގަ ކުރައްވައި ސޯލިހް ވިދާޅުވި ގޮތުގައި:
-
އެސްޓީއޯގެ ކެޕޭސިޓީ އެ މިންވަރަށް ތެޔޮ ރައްކާ ކުރެވޭނެ މިންވަރަށް ނެތް
-
"ކޮންމެ ދެ ހަފްތާއަކުން ތެޔޮ އުފުލާ ބޯޓެއް ރާއްޖެއަށް ނައިސިއްޔާ ތެޔޮ ސްޓޯރޭޖް 10 ދުވަހާއި 15 ދުވަހާ ދޭތެރެއަށް ތިރި ވެގެން ދާނެ"
-
ކޮންމެ ދުވަހަކު ރާއްޖެއަށް 1.1 މިލިއަން ލީޓަރާއި 2 މިލިއަން ލީޓަރާ ދެމެދުގެ އަދަދަށް ތެޔޮ ބޭނުންވާނެ
-
އަންދާޒާ ކުރެވޭ ގޮތުގައި
"އެހެންވީމަ، މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ރައްޔިތުންނަށް [ތެދަށް] ހާމަކޮށްދޭން ޖެހޭ،" ސޯލިހް ވިދާޅުވި އެވެ.
ތެޔޮ ފީފާއެއްގެ އަގު މިފަހަރު 150 ޑޮލަރަށް އަރާނެ ކަމަށް ބައެއް މާހިރުން ލަފާކޮށްފައިވާކަން ފާހަގަކުރައްވައި ސޯލިހް ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގައި 60 ޑޮލަރުން 148 ޑޮލަރަށް އޭރު އެރި ކަމަށެވެ.
"ނަމަވެސް އެކި ރޭވުންތެރިކަމުގެ ތެރޭގައި އަޅުގަނޑުމެން އެއަށް ހައްލު ހޯދިން. އަޅުގަނޑަކަށް ނުފެނޭ މިއަދު [މި ސަރުކާރަށް] ކުރެވެމުންދާ ތަނެއް،" ކޮވިޑްގެ ބަލިމަޑުކަން އައިރު އޭރު ވެރިކަމުގައި ހުުްނެވި ސޯލިހް، ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިޔައީ އޭރު ބަރާބަރަށް ކޮންމެ ދުވަހަކު އޭގެ މައުލޫމާތު ރައްޔިތުންނަށް ހާމަ ކުރަމުން. ސަރުކާރުން މިއަދު އެކަން ކުރަން ފައްޓަވަން ވެއްޖެ."
އެ މަނިކުފާނު އެދެނީ ހަނގުރާމަ ވީހާ ވެސް އަވަހަކަށް ނިމުން ކަމަށާއި ނަމަވެސް އަދި ފެންނަނީ މި ހަނގުރާމަ ދިގުލައިގެންދާތަން ކަމަށް ސޯލިހް ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެ، ތަކެތީގެ އަގުތައް ވެސް ބޮޑު ވެގެންދާނެ ކަމަށެވެ. އެކަމަށް މިއަދުގެ ސަރުކާރުން ދުރާލާ ތައްތާރުވާން ވެއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އޮޅުވާލައި ދޮގު ހަދައިގެން ރައްޔިތުން އޭގެ ތެރޭ ބޭތިއްބީމާ ދެން ނުކުންނާނެ [ނުވަތަ] ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ،" ސޯލިހް ވިދާޅުވި އެވެ.