ރައީސް މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

ރައީސް ވިދާޅުވީ ހާލަތު އެންމެ ގޯސްވެދާނެ ކަމަށް ބަލައިގެން ތައްޔާރުވާން ޖެހޭނެ ކަމަށާއި ނަމަވެސް އެ ހާލަތަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެލާއި ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ތެޔޮ ނުލިބޭނެ ހާލަތެއް އައިސްދާނެކަމުގެ ކަންބޮޑުވުމެއް އަދި ކާބޯތަކެތި ނުލިބިދާނެކަމުގެ ކަންބޮޑުވުމެއް ވެސް ނެތް ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހާލަތާ އެކު ވިސްނަންޖެހޭ ކަންތައްތަކަކީ ތެލާއި ކާބޯތަކެއްޗާއި ފަތުރުވެރިކަން ކަމަށާއި އެ ތިން ދާއިރާގެ ކަންތައް ގާތުން ބަލަމުން އަންނަ ކަމަށެވެ.

"މިއީ ވަރަށް ނުރައްކާތެރި ގޮތެއްގައި ހިނގަމުންދާ ކަމެއް. ރާއްޖެއަށް އޭގެ އަސަރު މި ކުރަނީ ރާއްޖެއަކީ ވަރަށް ބޮޑަށް ޓޫރިޒަމަށް އަދި ކާބޯތަކެއްޗާއި ތެލަށް މެދުއިރުމައްޗަށް ޑިޕެންޑު [ބަރޯސާ] ވެފައިވާ ތަނަކަށް ވާތީވެ. އެހެންވީމާ ރާއްޖޭން ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން ވެސް ގިނަ މަސައްކަތްތައް މި ގެންދަނީ ކުރަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާން އިންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިދިޔަ މަހުގެ 28ގައި ވެސް ތެޔޮ ބޯޓެއް އެ ގައުމުން ރާއްޖެ އަންނަން ފުރާފައިވާ ކަމަށެވެ.

"އިތުރު ޝިޕްމެންޓެއް ހޯދުމުގެ މަސައްކަތް ރޭގައި ފަށައިފިން. މިވަގުތު ވެސް އެބަހުރި ނިއާލީ މަންތަކަށް [ގާތްގަނޑަކަށް އެއް މަހަށް]ވާ ވަރަށް ތެޔޮ. ރާއްޖޭގައި ސްޓޮކް ކުރެވޭނެ އެންމެ މެކްސިމަމް އެބަހުރި ސްޓޮކް ކޮށްފައި މިހާރު ވެސް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހާލަތު އެންމެ ގޯސްވެދާނެ ކަމަށް ބަލައިގެން ތައްޔާރުވާން ޖެހޭނެ ކަމަށާއި ނަމަވެސް އެ ހާލަތަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ކަންބޮޑުވުމެއް ވެސް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް