މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސަރުކާރުން އުޅެނީ ޕާޓީއަށް ހަރަދު ކުޑަކޮށް، 2 ބާރު އެއް ބުރުން ނަގަން ފަސޭހަ ކުރަން: އީވާ

މިއީ ޑިމޮކްރަސީ ހަރަދަނާ ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސަރުކާރުން ދެއްކުމަކީ ވެސް "ހިނި އަންނަ ޒާތުގެ ވާހަކައެއް" ކަމަށް އީވާ ވިދާޅުވި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން އުޅެނީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށާއި ކުރަން އުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް ހަރަދު ކުޑަކޮށް، ދައުލަތުގެ ދެ ބާރު ނެގުމަށް ފަސޭހަ ކުރަން ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު ނެގުމަށް ސަރުކާރުން ނިންމުމާ އެކު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެކަން އިއުލާންކޮށްފަ އެވެ. އެ ހިޔާލު ހޯދުމުގެ ވޯޓަށް ނުނެކޭ ބުނުމަށް ސިޔާސީ ބައެއް ފަރާތްތަކުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ތަފްސީލު - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ދެ އިންތިހާބު އެކުގައި ބާއްވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ކަމަށް ބުނި ނަމަވެސް އެއީ "މަލާމާތެއް" ކަމަށެވެ. މިއީ ޑިމޮކްރަސީ ހަރަދަނާ ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސަރުކާރުން ދެއްކުމަކީ ވެސް "ހިނި އަންނަ ޒާތުގެ ވާހަކައެއް" ކަމަށް އީވާ ވިދާޅުވި އެވެ.

"ހަގީގަތުގައި ދައުލަތުގެ ހަރަދު ކުޑަކުރަންށޭ ކިޔާފައި ކުރަން އެ އުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް، ސަރުކާރަކަށް ވެސް ނޫން، ސަރުކާރު ހިންގާ ޕާޓީ އަށާއި ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ކެމްޕެއިންކުރަން ހަރަދު ކުޑަކުރަނީ. އެ ކުރަން އެ އުޅޭ ކަމަކީ އެއްފަހަރާ އެއް ބުރުން، އެއްފަހަރާ ދެ ބާރު އެއް ކެމްޕެއިނަކަށް ހަރަދުކޮށްގެން ނަގަން ފަސޭހަކުރަނީ،" ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރު އަދާ ކުރެއްވި އީވާ ވިދާޅުވި އެވެ.

މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވަކިން ދެ ދުވަހެއްގައި ބާއްވާ ގޮތަށް އޮތުމުން، އެ ދެ އިންތިހާބަށް ދެ ފަހަރަށް ހަރަދު ކުރަން ޖެހޭނެ ކަމަށް އީވާ ފާހަގަ ކުރެއްވި އެވެ.

"[ނަމަވެސް] މިއީ އެއް ކެމްޕެއިނަކަށް ހަދާފައި، ނާޖާއިޒު ހުރިހާ ވަސީލަތެއް، އެއީ ވޯޓަށްޓަކާ އެ އަޅާ ފައިސާތައް ކަމަށް ވިޔަސް [ނުވަތަ] ވަޒީފާތައް ކަމަށް ވިޔަސް [ނުވަތަ] ވޯޓަށްޓަކައި އެ ދޭ ކޮންޓްރެކްޓްތައް ކަމަށް ވިޔަސް، ނާޖާއިޒު ހުރިހާ ވަސީލަތެއް އެއް ކެމްޕެއިނަކަށް އަޅާލާފައި ދެ ބާރު އެއް ބުރުން ސަރުކާރު ހިންގާ ޕާޓީއަށް ނަގަން އެ ފަސޭހަ އެ ކުރަނީ. މިއީ ވިސްނާލަން ޖެހޭ ކަމެއް،" އިވާ ވިދާޅުވި އެވެ.

"ސަރުކާރު ހިންގާ ޕާޓީއަށް ހަރަދު ކުޑަ ކުރުމަކީ ދައުލަތް ހިންގުމަށް ހަރަދު ކުޑަ ކުރުމެއް ނޫން."

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އީވާ ވިދާޅުވީ، ދައުލަތުގެ ހަރަދު ކުޑަ ކުރަން ސަރުކާރުގެ ހެޔޮ ނިޔަަތެއް އޮތް ނަމަ، އެގޮތަށް ހަރަދު ކުޑަ ކުރެވޭނެ އެތައް ދިމާލެއް ދެއްކި ދާނެ ކަމަށެވެ. އެއީ، ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ރާއްޖެއިން ބޭރުގައި ހުރި ދިވެހި އެމްބަސީތަކުގެ ވަޒީފާތައް މަދުކޮށް، ބޭކާރު މަޝްރޫއޫތައް ނުހިންގައި، މިފަދަ ކިތަންމެ ދިމާލަކުން ސަރުކާރަށް ހަރަދު ކުޑަ ކުރެވެން އެބަ އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އިންތިހާބަކުން ނޫން ހަރަދު ކުޑަކުރަން ފަށަން ޖެހޭނީކީ. އިންތިހާބަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސް. އިންތިހާބަކީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ބާރެއް. އެހެންވީމަ، ރައްޔިތުންގެ އަތްމަތީގައި އޮންނަ ބާރަކުން ނޫން ފުރަތަމަ ހަރަދު ކުޑަކުރަން ފަށަން ޖެހޭނީކީ،" ކުއްލިއަކަށް މި ވޯޓު ނަގަނީ ރައްޔިތުންގެ އޮޅުވާލުމެއްގެ ތެރޭ ބައިތިއްބާފައިކަން ފާހަގަ ކުރައްވައި އީވާ އިތުރަށް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސަްވެރިންގެ ބައްދަލުވުމ

އެހެންކަމުން އީވާ އެދިވަޑައިގެންނެވީ 4 އޭޕްރީލްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ އަތަށް އަރާނެ ތިން ވޯޓު ކަރުދާސްކޮޅުގެ ތެރެއިން މި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން މިކަމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށެވެ.

"ކުއްލިއަކަށް މި ވޯޓަށް އަހަރާއިރު، މި ގެންނަނީ ކުޑަކުޑަ އިދާރީ ބަދަލެއް ނޫން. މިއީ ހަމައެކަނި ދެ އިންތިހާބު އެއް ދުވަހެއްގައި ވޯޓުލުމެއް ވެސް ނޫން. އަދި މިއީ ވަގުތީ ބަދަލެއް ވެސް ނޫން. މިއީ ކުރު މުއްދަތަކަށް ގެންނަ ބަދަލެއް ނޫން... މިއީ އަޅުގަނޑުމެންގެ މުޅި ޑިމޮކްރަސީ ހިނގާ ތަރުތީބާއި މުޅި ބައްޓަމަށް އަންނަ ބޮޑު ބަދަލެއް. މިއީ ދާއިމީ ބަދަލެއް،" އީވާ ވިދާޅުވި އެވެ.

ކޮމެންޓް (2)

ބޮޑުދުފާ

9 މާރިޗު 2026
ކޮބާ މައްސަލައަކީ. ކަލޭމެން ބުނަނީ ދެން ވެރިކަމަށް އަންނާނީ އެމްޑީޕީކަމަށް. އެހެންވީމާ އެހުރިހާކަމެއް ފަހިމިވަނީ ކަލޭމެންނަކަށްނު.
2 0

އަސްލަމް ޝާކިރު

9 މާރިޗު 2026
ވެރިކަން ކުރާ ޕާޓީއަށް ޚަރަދު ކުޑަވާހެން އިދިކޮޅު ޕާޓީއަށްވެސް ޚަރަދު ކުޑަވާނެތާ؟ މިއަށްވުރެ ސުޕްރީމްކޯޓު އިނދަޖައްސާލުމާއި، ރައްޔުތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމާއި (ވޯޓު އެއްކުރުމަށް ވުރެ މާ ގޯސްކަމެއް އިނގޭތޯ ކޮށްގެން އެތިބީ)، އަތޮޅު ކައުންސިލްތައް އުވާލުމާއި، ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކޮށަމުންދާ މަގުތަކުގެ ވާހަކައާއި، ބާރުތައް މުށުތެރެއަށް ޖަމާކުރުމުގެ ވާހަކަ އިދިކޮޅަށް ދައްކަން ނުކެރެނީ ކީއްވެ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް