ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ހާއްސަ މަޖިލީހުގެ ވިސްނުމަކީ 2 އިންތިހާބު ދޭތެރެއަށް މުއްދަތެއް ލުން: މާރިޔާ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދޭތެރެ މާ ދުރުނުކޮށް އޮތަސް އެ ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އެ ދެ އިންތިހާބު އެކުގައި ބާއްވަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި ބިލު މަޖިލީހުގެ ކޮމިޓީގައި ދިރާސާކުރަމުން ދަނިކޮށް، މިހާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ކޮމިޓީއަށް ހާޒިރުކުރި ދުވަހެއްގައި ވިދާޅުވީ އެ ދެ އިންތިހާބު ދުރުކުރުމުގެ ވިސްނުމެއް ގާނޫނުއަސާސީ އެކުލަވާލިއިރު ގެންގުޅެފައި ނެތް ކަމަށެވެ.
އޭގެ އިތުރުން އުޝާމް ވިދާޅުވީ ދެ އިންތިހާބުގެ ދެމެދުގައި މިހާރު އޮންނަ ހަ މަސްދުވަހުގެ މުއްދަތަކީ ރައީސްގެ މަސައްކަތް ވަޒަން ކުރެވޭނެ މުއްދަތެއް ވެސް ނޫން ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހަރަކާތެއް ފެށުމަށް އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މާރިޔާ މި ކަމަށް ރައްދެއް ދެއްވީ، އުޝާމް ދެއްކެވި ވާހަކައާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލުކުރުމުންނެވެ.
ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބު ފައްޓަވަމުން މާރިޔާ ވިދާޅުވީ ސަރުކާރުން ހުށަހަޅާ ކަމަކީ ބަންޑާރަ ނައިބު އުޝާމް އެ ފާހަގަކުރައްވާ ގޮތަށް ދެ އިންތިހާބު ދޭތެރޭގެ މުއްދަތު ކައިރިކުރުމާއި ނޫނީ ދުރުކުރުމާ ގުޅޭ ކަމެއް ނޫން ކަމަށެވެ. ސަރުކާރުން ހުށަހަޅަނީ ދެ އިންތިހާބު އެކުގައި ބޭއްވުން ކަމަށް މާރިޔާ ވިދާޅުވި އެވެ.
"މި ދައްކަނީ ދެ އިންތިހާބު ދާނީ އެކީގައިތޯ ނުވަތަ ނޫންތޯ؟ މި ދައްކަނީއެއް ހަތަރު މަހާއި، ދެ މަހާއި، ހަ މަހުގެ ވާހަކައެއް ނޫން،" ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މާރިޔާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދޭތެރެ މާ ދުރުނުކޮށް އޮތަސް އެ ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވި.
— Dhauru (@Dhaurunews) March 8, 2026
އިތުރަށް ކިޔާލަން:… pic.twitter.com/BLbGCm1Cyd
ހާއްސަ މަޖިލީހުގައި އިންތިހާބުތައް އޮންނަންވީ މުއްދަތުތައް ކަނޑައެޅިއިރުގައި ގައިމު ވެސް ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ވާހަކަ މެންބަރުން ދައްކަވާފައި ނުވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަބަދުވެސް ވިސްނުން ގެންގުޅުނު ކަމަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާ ދުވަހާ ދޭތެރޭގައި މުއްދަތެއް ހިމެނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގެ ފަސްވަރަކަށް މަސް ފަހުން މަޖިލިސް އިންތިހާބު އަންނަނީ ވެސް، ރައްޔިތުންނަށް ވަގުތުކޮޅެއް ލިބޭނެ ވިސްނަން. މިއީ ޑިކްޓޭޓަރު ވިސްނުން ގެންގުޅޭ ވެރިއެއްތޯ؟ ވައުދު ފުއްދާނެ ވެރިއެއްތޯ؟ ކޮންމެ ކަހަލަ ވެރިއެއްތޯ އިންތިހާބުކުރެވުނީ ވިސްނާލަން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް ވެސް ވިދާޅުވީ ގާނޫނުއަސާސީ ޑްރާފްޓްކުރުމުގެ މަސައްކަތުގައި އޭނާއަށް ވެސް ބައިވެރިވެވިފައިވާ ކަމަށާއި ވަކި މުއްދަތުތަކެއް ގާނޫނުއަސާސީގައި ބަޔާންކުރީ ވަރަށް ވިސްނުމަށް ފަހު ކަމަށެވެ.
އެ ގޮތުން، އޭނާ އިޝާރާތްކުރެއްވީ ގާނޫނުއަސާސީގައި ބަޔާންކުރާ ދައުލަތުގެ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުން އެކުގައި ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެކި ދުވަސްވަރަށް ދައުރު ހަމަވާ ގޮތަށް ގެނައީ ވެސް ގަސްތުގައި ކަމަށް ހަސަން ވިދާޅުވި އެވެ. އެހެން ނޫނީ އެއްފަހަރާ މުއައްސަސާތަކުގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު އޮވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރު ވާހަަކަ ދެކެވުނީ މިހެން ހަ މަސްދުވަސް ފަހުން ބާއްވައިގެން މައްސަލައެއްތޯ. ދެން ވާހަކަ ދައްކައިގެން ނިންމީ މައްސަލައެއް ނޫނޭ، ސަރުކާރު ޗެކެއްގެ ގޮތުގައި ބޭއްވޭނޭ. ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަ ތަނަކަށް މަޖިލިސް ވެސް ވާތީ އެހެން އެ އޮންނަނީ،" ހަސަން ވިދާޅުވި އެވެ.
އެނގުން މުހިންމު - ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.
އިތުރަށް ކިޔާލަން
ހުދުމުހުތާރު ލަގަބު އަޅުގަނޑަށް ދޭން ހިތަށް ވެސް ނޭރުވޭނެ: ރައީސް
2 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލާ ވޯޓަކީ ކަޅު ވިލާގަނޑެއް؛ ޕާޓީ ރަސްކަން
27 ފެބްރުއަރީ 2026
ހީލަތްތެރި ރޭވުން ދޫކޮށް، ދައްކަންވީ ހުދުމުހުތާރު ނުވެވޭނެ ގޮތެއް
6 ޖެނުއަރީ 2026