ވެލާނާގެއަށް ސިވިލް ސާވެންޓުން މަސައްކަތަށް ހާޒިރުވާތަން.

ދަރިއަށް 2 އަހަރު ވަންދެން 30 މިނިޓުގެ ހުސް ވަގުތު ލިބޭ ގޮތަށް ހަދަން ފާސްކޮށްފި

މި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ 62 ވޯޓުން

ސަރުކާރުގެ މުވައްޒަފުންގެ ދަރިންނަށް 2 އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު 2 ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން މިދިޔަ މަހު ކުރީކޮޅު މި އިސްލާހު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒް އެވެ. މިދިޔަ ހަފްތާގައި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ވަނީ ސަރުކާރުން ފޮނުވި ގޮތަށް އިތުރު ބަދަލެއް ނުގެސް އެ ބިލުގެ މަސައްކަތް ނިންމާފަ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހި އެވެ.

ތަފްސީލު - ތަޅުމުގައި ނެގި ވޯޓުގައި، ކޮމިޓީން ނިންމި ގޮތަށް ބިލު ފާސްވެފައި ވަނީ 62 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މީގެ އިތުރުން، 45 މިނެޓަށް އިތުރުކުރުމަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު އިސްލާހެއް މިއަދު ހުށަހެޅުއްވި އެވެ. ނަމަވެސް، އެ ގޮތަށް އިސްލާހުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 7 މެންބަރެކެވެ. ފާސްނުކުރަން 49 މެންބަރުން ވޯޓު ދެއްވި އެވެ.

މި ބިލުން ގެންނަ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ދަރިފުޅު ގާތަށް ދިއުމަށް ދޭ ހުސް ވަގުތުކޮޅު ލިބޭ މުއްދަތު އިތުރު ކުރުމެވެ.

އެކަން ބަޔާން ކުރަނީ ގާނޫނުގެ 45 ވަނަ މާއްދާގަ އެވެ. އެގޮތުން، އެ މާއްދާގައި ވަނީ: 

  • މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމަށް މުސަރާއިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގާތަށް ދިޔުމަށް 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދުވާލަކު ދެ ފަހަރު ދޭން ވާނެ ކަމަށް އެ މާއްދާގައި ބުނޭ

އެގޮތަށް ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭނީ ކުއްޖާއަށް 1 އަހަރު ވަންދެން ކަމަށް އެ މާއްދާގައި މިހާރު ބުނެ އެވެ.

މެންބަރުގެ އިސްލާހުގައި ވަނީ ކުއްޖާއަށް 2 އަހަރު ވަންދެން އެ ލުއި ލިބޭ ގޮތަށް އެ މުއްދަތު އިތުރުކުރުމަށް ހިމަނާފަ އެވެ.

މި ބިލުގައި ހުރި ކަންކަމަށް އަމަލު ކުރަން ފެށުން އޮތީ ބިލު ފާސްކޮށް، ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް