ފުލުހުން އެފްއޭއެމް އިމާރާތުގެ ބޭރުގައި ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ހުޅުމާލެ ބިމު ކުލިން އެފްއޭއެމަށް ލިބެން ޖެހޭ 29 މިލިއަން ރުފިޔާ ގެއްލުވާލި: އޮޑިޓް
ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލެއް އެޅުމަށް އެފްއޭއެމަށް ދޫކޮށްފައިވާ ބިމުގެ ސްލޮޓްތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްގެން އެފްއޭއެމަށް ލިބުނު ފައިސާގެ ތެރެއިން 29.6 މިލިއަން ރުފިޔާ ގެއްލުވާލާފައިވާކަން އޮޑިޓް ރިޕޯޓަކުން ދައްކައިފި އެވެ.
ވީކިހިނެއް؟ - އެޗްޑީސީން އެފްއޭއެމާ އެކު 11 ޖުލައި 2018ގައި އެއްބަސްވުމެެއްގައި ސޮއިކޮށް، ހުޅުމާލޭން ދޫކުރީ 23،000 އަކަފޫޓުގެ ބިމެކެވެ. ނަމަވެސް 2023 އިން ފެށިގެން އެއްބަސްވި ގޮތަށް އެ ބިމުގެ ކުލި ނުދައްކާ އޮތުމުންނާއި ފުޓުބޯޅަ ސްކޫލުގެ މަސައްކަތް ވެސް ނުހިނގާތީ 17 ސެޕްޓެމްބަރު 2024ގައި އެޗްޑީސީން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
އެ ބިމުގެ ސްލޮޓްތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްގެން ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރާ އެ މައްސަލާގައި އޮޑިޓް އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓެއް އިއްޔެ އެ އޮފީހުން ވަނީ އާންމުކޮށްފަ އެވެ.
ތަފްސީލް - އެ އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި، އެފްއޭއެމުން ސަބްލީސް އެއްބަސްވުންތަކެއް ހަދައިގެން ބިމުގެ ބައިތައް ކުއްޔަށް ދޫކުރަން ފެށީ 14 ޑިސެމްބަރު 2021ގަ އެވެ. އޭރުން ފެށިގެން ބިމުގެ އެއްބަސްވުން ބާތިލްކުރަންދެން 15 ސަބްލީސް އެއްބަސްވުމެއް ހެދި އެވެ.
އެ މުއްދަތުގެ ތެރޭގައި އެފްއޭއެމްއަށް ޖުމުލަ 52.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން 29.6 މިލިއަން ރުފިޔާ ގެއްލުވާލާފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން:
-
އޭގެ ތެރެއިން 14.1 މިލިއަން ރުފިޔާއަކީ އެފްއޭއެމްގެ ސްޓޭމްޕް އަދި އިސް ވެރިންގެ ސޮއި ހިމެނޭ ގޮތަށް ފައިސާ ލިބުނު ކަމުގެ ރަސީދުތައް ހިމެނޭ ފައިސާ؛ ނަމަވެސް އެފްއޭއެމްގެ އެކައުންޓްތަކަށް ޖަމާކޮށްފައެއް ނުވޭ
-
އިތުރު 14.1 މިލިއަން ރުފިޔާއަކީ އެފްއޭއެމްގެ އެކައުންޓަކަށް ޖަމާކުރުމަށް ފަހު އަމިއްލަ ވިޔަފާރިތަކާއި އެކި ފަރުދުންގެ އެކައުންޓްތަކަށް ފޮނުވާފައިވާ ފައިސާ
-
1.4 މިލިއަން ރުފިޔާއަކީ އެފްއޭއެމްގެ އެކައުންޓަކަށް ޖަމާކުރުމަށް ފަހު، ކޮން ބޭނުމަކަށްކަން ނޭނގި އެކި ފަހަރު މަތިން ނަގުދު ފައިސާގެ ގޮތުގައި އެ އެކައުންޓުން ނަގާފައިވާ ފައިސާ
ނަގުދު ފައިސާއިން އެފްއޭއެމަށް ލިބުނު ކަމުގެ ރަސީދުތަކުގައި ސޮއިކޮށްފައިވާ ތަފުސީލު ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ. ނަމަވެސް ރިޕޯޓްގައި ލިޔެފައިވަނީ ސޮއިކުރި ފަރާތުގެ މަގާމު އެކަންޏެވެ. ނަން ލިޔެފައެއް ނެތެވެ. އެގޮތުން:
-
އެފްއޭއެމްގެ އޭރުގެ ޑިރެކްޓާ އޮފް ފިނޭންސް ސޮއިކޮށްފައިވާ ރަސީދުތަކުގައިވާ ފައިސާ އަދަދު - 9.9 މިލިއަން ރުފިޔާ
-
އެފްއޭއެމްގެ އޭރުގެ ރައީސް ސޮއިކޮށްފައިވާ ރަސީދުތަކުގައިވާ ފައިސާގެ އަދަދު - 3 މިލިއަން ރުފިޔާ
-
އެފްއޭއެމްގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ސޮއިކޮށްފައިވާ ފައިސާގެ އަދަދު - 1.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓްގައިވާ ގޮތުން، އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެހެން އެކައުންޓްތަކަށް ފޮނުވި ފައިސާގެ ތެރޭގައި ހިމެނެނީ:
-
ބޭރު ފައިސާ ގަނެ ވިއްކުމަށް ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްއެސް ފައިނޭންސް ކަރެންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް 8.9 މިލިއަން ރުފިޔާ
-
އެހެން އަމިއްލަ ކުންފުނިތަކަށް 2.8 މިލިއަން ރ. އަދި އެކި ފަރުދުންނަށް 1.4 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ
-
ޑިރެކްޓާ އޮފް ފައިނޭންސްގެ އެކައުންޓަށް 0.9 މިލިއަން ރުފިޔާ ފޮނުވާފައިވޭ
ފުޓުބޯޅަ ސްކޫލް ޕްރޮޖެކްޓާ ގުޅޭ ހަބަރުތައް
މީގެ އިތުރުން، ފުޓުބޯޅަ ސްކޫލް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް އެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރަށް ފައިސާ ދޫކޮށްފައިވާ ކަން އެނގެ އެވެ. އެގޮތުން:
-
މި ޕްރޮޖެކްޓް ހިންގުމަށް ޓަކައި ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމަށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
-
އެފްއޭއެމުން ކޮންޓްރެކްޓަރަށް 32.4 މިިލިއަން ރުފިޔާ ދޫކޮށްފައިވޭ؛ ނަމަވެސް ކުރި މަސައްކަތުގެ އަގު އަރަނީ 18 މިލިއަން ރުފިޔާއަށް
ފާހަގަކޮށްލެވޭ ކަމެއް - 2018 އިން 2023އަށް ސްޕޯޓްސް މިނިސްޓްރީ އޮޑިޓްކުރުމަށް އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ވެސް ސްކޫލް ޕްރޮޖެކްޓްގައި ހިނގާފައިވާ ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ފާހަގަކޮށްފައިވެ އެވެ.
-
ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ޔޫތު މިނިސްޓްރީއަށް ދޫކުރީ ކޮންޓިންޖެންސީ ބަޖެޓުގައިވާ ފައިސާގެ ތެރެއިން؛ އެކަމަކު ޓެންޑާ ބޯޑު މެދުވެރިނުކޮށް އޮންނަ އުސޫލުތަކާ ހިލާފަށް
-
އެފްއޭއެމުން ކޮންޓްރެކްޓަރަކަށް މަސައްކަތް ހަވާލުކުރީ، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އަގު ކުޑަކޮށް ހުށަހެޅި ޕާޓީތައް ނުހިމަނައި ދެން ހުރި ޕާޓީތައް އިވެލުއޭޓްކޮށްފައި
ގުޅުން ހުރި - އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދަނީ ތަހުގީގު ކުރަމުންނެވެ. އެއިން ދެ މައްސަލައެއްގައި ބައްސާމްގެ މައްޗަށް ހުކުމްކޮށް އޭނާ ގެންދަވަނީ ޖުމުލަ 31 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.