އެފްއޭއެމް އޯޑިނަރީ ކޮންގްރެސްގެ ތެރެއިން؛ ފުޓުބޯޅަ ސްކޫލްގެ ބިމަށް ބަދަލެއް ނުގެންނަން އެންގި - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެފްއޭއެމް

ފުޓުބޯޅަ ސްކޫލް ހަދަން ދިން ބިމަށް ބަދަލުތައް ނުގެންނަން އެފްއޭއެމުން އަންގައިފި

ފުޓުބޯޅަ ސްކޫލް ހަދަން ހުޅުމާލޭން ދިން ބިން ސަބްލީސްއަށް ކުއްޔަށް ދިން ފަރާތްތަކުން އެއްބަސްވުންތަކުގެ ކޮޕީ ފޮނުވުމަށް ވެސް އެފްއޭއެމުން ނެރުނު އެންގުމުގައިވޭ
10 އޯގަސްޓު 2025

ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލެއް ނުވަތަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރަން ސަރުކާރުން ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އަށް ދޫކުރި ބިމުން ސަބްލީސްއަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް އެއްވެސް ބަދަލެއް ނުގެންނަން މިއަދު އަންގައިފި އެވެ.

ވީ ކިހިނެއް؟ - ފުޓުބޯޅަ ސްކޫލް އަޅަން ދޫކުރި ބިމާއި މާލޭގެ މާފަންނު ދަނޑު ކައިރިން އެފްއޭއެމަށް އޮންނަ ބިމުގެ މައްސަލާގައި ވަކިވަކިން ދެ އެންގުމެއް އެފްއޭއެމުން މިއަދު ނެރުނެވެ.

ތަފްސީލް - ހުޅުމާލެ ބިމުގެ މައްސަލާގައި އެފްއޭއެމުން ނެރުނު އެންގުމުގައި ބުނެފައިވަނީ އެ ބިމުގެ ކުލި އެފްއޭއެމްގެ ކުރީގެ މެނޭޖުމަންޓުން ދައްކާފައި ނެތުމުން އެޗްޑީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެގެން އެ ބިން ބޭނުންކުރަމުންދާ ފަރާތްތަކުން ބިމަށް އެއްވެސް ބަދަލުތަކެއް ނުގެންނަން އެންގުމުގައިވެ އެވެ. އެ ގޮތުން:

  • ބިމުގައި މިހާރު ހުރި އެއްވެސް އިމާރާތަކަށް އެއްވެސް ބަދަލެއް ނުގެނުމަށް އަންގާފައިވޭ

  • އިމާރާތް ހުރި ބިމާއި ވަށައިގެންވާ ބިމުގައި އެއްވެސް އިތުރު އިމާރާތެއް ނުކުރުމަށް ވެސް އަންގާފައިވޭ

އެ ބިމުން ސަބްލީސްއަށް ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުން އެފްއޭއެމްއާ އެކު ހަދާފައިވާ އެއްބަސްވުންތަކާއި ހުރިހާ ލިޔެކިއުމެއް ފޮނުވުމަށް ވެސް އެދިފައިވެ އެވެ. އެ ގޮތުން:

  • މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:30 ގެ ކުރިން ފޮނުވަން ޖެހޭ

  • ފޮނުވަން ޖެހޭނީ މެއިލް މެދުވެރިކޮށް ނުވަތަ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީހަށް ގޮސްގެން

މާލޭގެ 378 ނަންބަރު ކޮށިން އެފްއޭއެމަށް ދޫކޮށްފައިވާ ބިމަކީ ފީފާގެ ހަރަދުގައި ސްޕޯޓްސް އެރީނާއަކާއި އޮފީސް އިމާރާތެއް ހެދުމަށް 2017ގައި ދޫކުރި ބިމެކެވެ.

އެ ބިމުގެ ހުޅަނގު ފަރާތުގައި މިހާރު ހަދާފައިވާ މާފަންނު ސްޓޭޑިއަމް އޮފީސް އިމާރާތާއި ބިން މިހާރު ބޭނުންކުރާ ފަރާތްތަކުން ވެސް އެއްބަސްވުންތައް މި މަހުގެ 24ވަނަ ދުވަހުގެ ކުރިން ފޮނުވައިދިނުމަށް އެފްއޭއެމުން އެދެ އެވެ.

އެނގުން މުހިންމު - އެފްއޭއެމުން ކުރިން ބުނެފައިވާ ގޮތުގައި ކުލި ނުދެއްކި އޮތީ އެފްއޭއެމަށް ފައިދާނުވާ ގޮތަކަށް ކުރީގެ މެނޭޖުމަންޓުން ބިމުގެ ސަބްލީސް އެގުރިމަންޓްތަކެއް ހަދައި ބަޔަކަށް ދޫކޮށްފައި އޮތުމުންނެވެ. އެގޮތުން:

  • ސަބްލީސްއަށް ކުއްޔަށް ދޫކޮށްފައިވަނީ އިއުލާން ކުރުމެއް ނެތި އަދި ބިޑަށް ހުޅުވާލުމެއް ނެތި

  • ހެޑްލީސް ނުވަތަ އެފްއޭއެމަށް މުޅި ބިން ދިން މުއްދަތަކީ 40 އަހަރު ނަމަވެސް އެއަށް ވުރެ ދިގު މުއްދަތަށް ބިމުގެ ބައެއް ޕްލޮޓްތައް ސަބްލީސްއަށް  ކުއްޔަށް ދޫކޮށްފައިވޭ

  • އެފްއޭއެމަށް ކުލި ހަމަޖައްސާފައިވަނީ އަކަފޫޓަކަށް 10ރ.ގެ ރޭޓުން؛ ނަމަވެސް ސަބްލީސްއަށް ބިން ކުއްޔަށް ދޫކޮށްފައި ހުރީ އަކަފޫޓަކަށް 3ރ.ގެ ރޭޓުން

  • ގަނޑުކޮށް ފައިސާ ނަގާފައިވީ ނަމަވެސް އެއިން ގިނަ އަދަދެއްގެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން ފެންނާކަށް ނެތް

  • އެފްއޭއެމުން ކުލި ދައްކަން ގްރޭސް ޕީރިއަޑެއް ނެތް؛ އެކަމަކު ގިނަ ސަބްލީސް އެގުރިމަންޓްތައް ހުރީ ދިގު މުއްދަތެއްގެ ގްރޭސް ޕީރިއަޑެއް ހިމަނާފައި

  • އެއްވެސް ސަބަބަކާ ހުރެ އެއްބަސްވުމެއް އުވާލާ ހާލަތުގައި ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ބޮޑު ބަދަލެއް ދޭން ޖެހޭ ގޮތަށް އެއްބަސްވުންތައް ހަދާފައިވާކަން

ފާހަގަކޮށްލެވޭ ކަމެއް - 2018 އިން 2023 އަށް ސްޕޯޓްސް މިނިސްޓްރީ އޮޑިޓްކުރުމަށް އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ވެސް ސްކޫލް ޕްރޮޖެކްޓްގައި ހިނގާފައިވާ ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ފާހަގަކޮށްފައިވެ އެވެ. 

  • ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ޔޫތު މިނިސްޓްރީއަށް ދޫކުރީ ކޮންޓިންޖެންސީ ބަޖެޓުގައިވާ ފައިސާގެ ތެރެއިން؛ އެކަމަކު ޓެންޑާ ބޯޑު މެދުވެރިނުކޮށް އޮންނަ އުސޫލުތަކާ ހިލާފަށް

  • އެފްއޭއެމުން ކޮންޓްރެކްޓަރަކަށް މަސައްކަތް ހަވާލުކުރީ، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އަގު ކުޑަކޮށް ހުށަހެޅި ޕާޓީތައް ނުހިމަނައި ދެން ހުރި ޕާޓީތައް އިވެލުއޭޓްކޮށްފައި

ގުޅުން ހުރި - އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދަނީ ތަހުގީގު ކުރަމުންނެވެ. މިހާރު ވެސް ދެ މައްސަލައެއްގައި ބައްސާމްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް