22 އޮކްޓޯބަރު 2023 - ފުލުހުން އެފްއޭއެމް އިމާރާތުގެ ބޭރުގައި ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެފްއޭއެމް

ގޯސްތަކެއް ހަދާފައިވީ ނަމަވެސް ފުޓުބޯޅަ ސްކޫލަށް ދިން ހުޅުމާލޭގެ ބިން އަނބުރާ ދޭން އެފްއޭއެމުން އެދިއްޖެ

އެފްއޭއެމުން އެޗްޑީސީއަށް ދައްކަން ޖެހޭ ކުލި ނުދެއްކުމުން ހެޑްލީސް އެގުރިމަންޓް ވަނީ ބާތިލުކޮށްފައި؛ އެ ޕްރޮޖެކްޓްގެ ތެރެއިިން ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ފެންމަތިވެފައިވޭ

ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލެއް ނުވަތަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރަން ސަރުކާރުން ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އަށް ދޫކުރި ބިމުގެ ހެޑްލީސް ބާތިލުކުރަން ނިންމުމުން އެ ނިންމުން ބަދަލުކޮށްދިނުމަށް އެ އެސޯސިއޭޝަނުން އެދިއްޖެ އެވެ.

ވީކިހިނެއް؟ - އެފްއޭއެމްގެ ނޮމަލައިޒޭޝަން ކޮމިޓީން މިއަދު މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން އެޗްޑީސީން އެ ބިމުގެ ހެޑްލީސް ބާތިލްކުރީ:

  • ސްކޫލް ޕްރޮޖެކްޓް ކުރިއަށް ނުގޮސް އޮތުމުން

  • ދައްކަން ޖެހޭ ކުލި ވެސް ދައްކާފައި ނެތުމުން

ބުނީ ކީކޭ؟ - އެފްއޭއެމުން ބުނީ އެ ބިމަކީ ވިޔަފާރީގެ ބޭނުމަކަށް ދޫކޮށްފައިވާ ބިމަކަށް ނުވެފައި، އެއީ ފުޓުބޯޅައިގެ ބޭނުމަށް އިޖުތިމާއީ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އެހެންވެ އެ ބިމުގެ ހެޑްލީސް އަލުން އިއާދަކޮށްދިނުމަށް އެދިފައިވެ އެވެ.

"ގްރޭޓާ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު އަދި ޖާގައިގެ ދަތިކަން ހުރި ގޮތުން، ފުޓުބޯޅައިގެ ބޭނުމަށް ދޫކޮށްފައިވާ މިފަދަ ބިމެއް ގެއްލިގެން ދިއުމަކީ ދިވެހި ފުޓުބޯޅައަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވާތީ އެ ކަމާ މެދު ނޮމަލައިޒޭޝަން ކޮމިޓީން ކަންބޮޑުވުން ފާޅުކުރަން،" އެފްއޭއެމުން ނެރުނު ބަޔާނުގައިވެ އެވެ.

ތަފްސީލް - އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ކުލި ނުދެއްކި އޮތީ އެފްއޭއެމަށް ފައިދާނުވާ ގޮތަކަށް ކުރީގެ މެނޭޖުމަންޓުން ބިމުގެ ސަބްލީސް އެގުރިމަންޓްތަކެއް ހަދައި ބަޔަކަށް ދޫކޮށްފައި އޮތުމުންނެވެ. އެގޮތުން:

  • ސަބްލީސްއަށް ކުއްޔަށް ދޫކޮށްފައިވަނީ އިއުލާން ކުރުމެއް ނެތި އަދި ބިޑަށް ހުޅުވާލުމެއް ނެތި

  • ހެޑްލީސް ނުވަތަ އެފްއޭއެމަށް މުޅި ބިން ދިން މުއްދަތަކީ 40 އަހަރު ނަމަވެސް އެއަށް ވުރެ ދިގު މުއްދަތަށް ބިމުގެ ބައެއް ޕްލޮޓްތައް ސަބްލީސްއަށް ކުއްޔަށް ދޫކޮށްފައިވޭ

  • އެފްއޭއެމަށް ކުލި ހަމަޖައްސާފައިވަނީ އަކަފޫޓަކަށް 10ރ.ގެ ރޭޓުން؛ ނަމަވެސް ސަބްލީސްއަށް ބިން ކުއްޔަށް ދޫކޮށްފައި ހުރީ އަކަފޫޓަކަށް 3ރ.ގެ ރޭޓުން

  • ގަނޑުކޮށް ފައިސާ ނަގާފައިވީ ނަމަވެސް އެއިން ގިނަ އަދަދެއްގެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން ފެންނާކަށް ނެތް

  • އެފްއޭއެމުން ކުލި ދައްކަން ގްރޭސް ޕީރިއަޑެއް ނެތް؛ އެކަމަކު ގިނަ ސަބްލީސް އެގުރިމަންޓްތައް ހުރީ ދިގު މުއްދަތެއްގެ ގްރޭސް ޕީރިއަޑެއް ހިމަނާފައި

  • އެއްވެސް ސަބަބަކާ ހުރެ އެއްބަސްވުމެއް އުވާލާ ހާލަތުގައި ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ބޮޑު ބަދަލެއް ދޭން ޖެހޭ ގޮތަށް އެއްބަސްވުންތައް ހަދާފައިވާކަން

އެއްބަސްވުންތައް ހެދިފައިވާ ގޮތާއި ފައިސާއަށްވީ ގޮތް ހޯދުމަށް ތަފްސީލީ އޮޑިޓެއް ހަދަން ޖެހޭ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - 2018 އިން 2023އަށް ސްޕޯޓްސް މިނިސްޓްރީ އޮޑިޓްކުރުމަށް އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ވެސް ސްކޫލް ޕްރޮޖެކްޓްގައި ހިނގާފައިވާ ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ފާހަގަކޮށްފައިވެ އެވެ. 

  • ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ޔޫތު މިނިސްޓްރީއަށް ދޫކުރީ ކޮންޓިންޖެންސީ ބަޖެޓުގައިވާ ފައިސާގެ ތެރެއިން؛ އެކަމަކު ޓެންޑާ ބޯޑު މެދުވެރިނުކޮށް އޮންނަ އުސޫލުތަކާ ހިލާފަށް

  • އެފްއޭއެމުން ކޮންޓްރެކްޓަރަކަށް މަސައްކަތް ހަވާލުކުރީ، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އަގުކުޑަކޮށް ހުށަހެޅި ޕާޓީތައް ނުހިމަނައި ދެން ހުރި ޕާޓީތައް އިވެލުއޭޓްކޮށްފައި

ގުޅުން ހުރި - އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދަނީ ތަހުގީގު ކުރަމުންނެވެ. މިހާރު ވެސް ދެ މައްސަލައެއްގައި ބައްސާމްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. ފީފާއިން ބައްސާމް ސަސްޕެންޑްކުރަނީ ވެސް އެ ތުހުމަތުތަކުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް