އަމީން އެވެނިއު: މި ތަނުގެ ދެ ޕެންޓްހައުސް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމަށް ވިއްކީ ފީފާއިން ދިން ފައިސާއަށް ކަމަށް ތުހުމަތުކުރޭ (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބައްސާމްގެ ދެ އެޕާޓްމަންޓް ހިފެހެއްޓުމުގެ އަމުރަކާ އެކު އަމީން ކޮންސްޓްރަކްޝަންގެ މައްސަލަ އިސްތިއުނާފަށް

ޕީޖީން ބުނީ އެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން ނިންމުމާއި މައްސަލައިގެ ހެކި ގަރީނާ ވަޒަންކުރީ އުސޫލާ ހިލާފަށް ކަމަށް

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށް ސާބިތުނުވާ ކަމަށް ނިންމި ނިންމުން މިއަދު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ. އެ އިސްތިއުނާފުގައި ދެން އެދުނީ އަމީން އެވެނިއުއިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓް ބޭނުންކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަަށެވެ.

ވީ ކިހިނެއް؟ - އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް މަނީ ލޯންޑާކުރަން އެހީވެދިނުމުގެ ދައުވާ ދައުލަތުން ކުރީ، ފީފާއިން އެފްއޭއެމަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ބައްސާމް ގަތް ކަމަށް ބުނާ މައްސަލައިގަ އެވެ.

އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 6ގަ އެވެ.  އެކަމަކު ބައްސާމްގެ މައްޗަށް ކުށް ސާބިތުވި އެވެ.

ބުނީ ކީކޭ؟ - އެ މައްސަލަ އިސްތިއުނާފްކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިރާސާކުރިއިރު، އެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނަގަން ކޯޓުން ނިންމީ އަދި މައްސަލައިގެ ހެކި ގަރީނާ ވަޒަންކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ފެންނަ ކަމަށެވެ. 

އިސްތިއުނާފްގައި ޕީޖީން އެދިފައިވަނީ:

  • ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ އަލުން ބަލަން އެ ކޯޓަށް ފޮނުވައިދޭން

  • މި އިސްތިއުނާފާ އެކު، އަމީން އެވެނިއުގައި ހުރި ބައްސާމްގެ ދެ އެޕާޓުމަންެޓް ބޭނުންކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވޭ

  • ތަހުގީގު ފެށުމާ އެކު ޝަރީއަތް ނިމެންދެން އެ އެޕާޓްމަންޓުތައް މީގެ ކުރިން ވެސް ހުރީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހް، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނިންމެވީ، އަމިީން ކޮންސްޓްރަކްޝަނަށް ލިބުނު 1 މިލިއަން ޑޮލަރުގެ ބަދަލުގައި އެފްއޭއެމަށް 15.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދިން ކަމަށް ބާރުދޭ ހެކިތަކެއް ހުރުމުންނެވެ. 

އެނގުން މުހިންމު - ދައުލަތުން ތުހުމަތުކުރާ ގޮތުގައި:

  • އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އެ ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާއިން 1 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދެއްކި

  • އެ ޑޮލަރަށް ވާ ދިވެހި ފައިސާ އަމީންއިން އެފްއޭއެމަށް ދައްކާފައެއް ނުވޭ؛ ނަމަވެސް ދެއްކި ކަމަށް ހަދަން ވަގު ލިޔެކިޔުން ތައްޔާރުކުރި

  • އެ 1 މިލިއަން ޑޮލަރަކީ ކޮވިޑު-19ގައި ކްލަބްތަކަށް ދިމާވި މާލީ ދަތިކަން ހައްލުކޮށްދޭން ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނު

  • ނަމަވެސް ބައްސާމާއި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ބުނަނީ އެ ލޯނު އެފްއޭއެމަށް ލިބުމުގެ މާ ކުރިން ބައްސާމް އެޕާޓްމަންޓް ގަންނަން ފައިސާ ދައްކާފައިވާ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް