އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މާފުށި ޖަލުން އޮންލައިންކޮށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގެން --

ބައްސާމް އިތުރު 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ ހިޔާނާތުގެ ކުށަށް 8 އަހަރު އަދި މަނީ ލޯންޑަރިންގެ ކުށަށް 15 އަހަރަށް ޖަލަށް ލުމަށް؛ މި ހުކުމުގެ އިތުރުން ބައްސާމް މިހާރު ވެސް ހުންނެވީ 9 އަހަރުގެ ޖަލު ހުކުމެއްގައި
6 ޖެނުއަރީ 2026

ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން ޕެންޓްހައުސްއެއް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ބައްސާމް އަދީލް ޖަލީލް ގަތް ކަމަށް ބުނާ މައްސަލާގައި އޭނާ 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ:

  • އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލް، ފެހިކުރި/ގއ. ގެމަނަފުށި - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  •  ހަސަން ވަހީދު، މ. ހިރިނައިދޫ - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  • ބައްސާމް - ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

މީގެ ތެރެއިން ބައްސާމްގެ މައްޗަށް ކުރާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކަނޑައެޅި އެވެ.

ތަފްސީލް - މިއަދު އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދެ ފަރާތަށް ފުރުސަތު ދިނުމަށް ފަހު، ގާޒީ މުހައްމަދު މިސްބާހް ކަނޑައެޅުއްވި އަދަބަކީ:

  • ހިޔާނާތުގެ ކުށުގެ ދައުވާ - އަސާސީ އަދަބަށްވުރެ ތިން ދަރަޖަ މަތިކޮށް، 8 އަހަރަށް ޖަލަށް ލުން އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް

  • މަނީ ލޯންޑަރިންގެ ދައުވާ - 15 އަހަރަށް ޖަލަށް ލުމަށް؛ މަނީލޯންޑަކުރި 44.4 މިލިއަން ރުފިޔާ ދެއްކުމަށް އަދި މަނީލޯންޑާކުރިކަމަށް ބުނާ5.8 މިލިއަން ރުފިޔާ ހުރި ތަނެއް ހޯދައި ދައުލަތަށް ނެގުމަށް

މި މައްސަލާގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޝަރީއަތުން މިއަދު ނިންމި އެވެ. ދެން ދައުވާކޮށްފައިވާ ހަސަން ވަހީދާއި އަގީލާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

އެނގުން މުހިންމު - 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.

ނަމަވެސް ބައްސާމާއި އަމިން ކޮންސްޓްރަކްޝަންސްގެ ފަރާތުން ބުނަނީ އެ ލޯނު އެފްއޭއެމަށް ލިބުމުގެ މާ ކުރިން ބައްސާމް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށެވެ.

ގުޅުން ހުރި  - އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ބައްސާމް މިހާރު ވެސް ގެންދަވަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް