އަމިން އެވެނިއު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެފްއޭއެމް

އެފްއޭއެމްގެ ކޮރަޕްޝަން: އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

ގާޒީ މުހައްމަދު މިސްބާހް ހުކުމްކުރެއްވީ އެފްއޭއެމުން ދޫކުރި ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާގެ ނަގުދު ފައިސާ ހަވާލުކުރި ކަމަށް ބާރު ލިބިދޭ ހެކިތައް އެބަ ހުރި ކަމަށް

ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން ޕެންޓްހައުސްއެއް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ބައްސާމް އަދީލް ޖަލީލް ގަތް ކަމަށް ބުނާ މައްސަލާގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިއަދު ނިންމައިފި އެވެ.

ވީކިހިނެއް؟ - މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ:

  • އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލް، ފެހިކުރި/ގއ. ގެމަނަފުށި - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  •  ހަސަން ވަހީދު، މ. ހިރިނައިދޫ - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  • ބައްސާމް - ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

ތަފްސީލް - ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް، އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނިންމެވީ:

  • އަމިިން ކޮންސްޓްރަކްޝަނަށް ލިބުނު 1 މިލިއަން ޑޮލަރުގެ ބަދަލުގައި އެފްއޭއެމަށް ދިވެހި ރުފިޔާ (15.4 މިލިއަން ރުފިޔާ)ގެ ނަގުދު ފައިސާ ލިބުނު ކަމަށް ދައްކާ ވައުޗާތަކެއް ހުރި

  • ސައްހަ ނޫން ވައުޗާތަކެއް ކަމަށް ދައުލަތުން ބުނި ނަމަވެސް މިހެން ބުނާ އަސާސެއް ބުނެދެވިފައެއް ނުވޭ؛ ލިބިފައިވާ ހެކިތަކުން އެ ފައިސާ އެފްއޭއެމަށް ދިން ކަމާއި ހަވާލުކުރީ ހަސަން ވަހީދުއާ ކަން އެނގޭ

އެނގުން މުހިންމު - 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.

ނަމަވެސް ބައްސާމާއި އަމިން ކޮންސްޓްރަކްޝަންސްގެ ފަރާތުން ބުނަނީ އެ ލޯނު އެފްއޭއެމަށް ލިބުމުގެ މާ ކުރިން ބައްސާމް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށެވެ.

އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޝަރީއަތުން ނިންމި އިރު، ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވެ އެވެ. އެއީ އެފްއޭއެމަށް ލިބުނު ފައިސާ އެ ތަނަށް ނުވައްދައި، އެހާ ވަރުގެ ފައިސާ އިން ބައްސާމް ޕެންޓްހައުސް ގަނެފައިވާ ކަން ސާބިތުވާތީ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

ދެން ދައުވާކުރި މީހުންނާ މެދު ޝަރީއަތުން އަދި ގޮތެއް ނުނިންމަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކުންފުންޏަކަށް ކުރާ ދައުވާއަކަށްވާތީ ކުރިއަށް ދާނެ ގޮތުގެ ދިރާސާއެއް ހަދަން ކަމަށް ބުނެ އަމިންގެ ބައި ދުވަސްކޮޅަކަށް ކޯޓުން މަޑުޖައްސާ ވެސް ލި އެވެ.

ގުޅުން ހުރި  - އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ބައްސާމް މިހާރު ވެސް ގެންދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ކޮމެންޓް (1)

ޱރ އިންސާފު

6 ޖެނުއަރީ 2026
ހުރި ހިތާމައެއްގެ ބޮޱުކަންދޯ! ހުރިހާކަމަކަށް މަގުފަހިކޮށްދިން މީހުން ދުރުގައެތިބީ ހޭން ކުޅިބަލަން މިސޮރުގެ މުޅިއުމުރު ޖަލުގަ ކޮބައިތޯ އިންސާފުވެރި ޝަރިއަތަކީ؟ ނުބުނަން މިސޮރު ކުށެއްނުކުރާވަހަކަ އެކަމަކު ބަލަންޖެހޭނެ ވަށައިގެންވާ މާހައުލު ހުކުމް ކުރުމުގެ ކުރިން. ނުވިތަނަކަށް ދެން ނޫސްތައްވެސް ވާނީ ސަރުކާރުގެ އަޅުންނަށް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް