މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ފުރަން އޮތް ފްލައިޓުތައް ކެންސަލްވުމާ ގުޅިގެން ވީއައިއޭގައި ފަތުވެރިން ތާށިވެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެތައް ހާސް ފަތުރުވެރިން ވީއައިއޭގައި ތާށިވެ، މާޔޫސްކަމެއްގައި

ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން ބެލެވޭ ގޮތުގައި މިއަދު އެއްފަހަރާ 2،000އަށް ވުރެ ގިނަ ފަތުރުވެރިން ވީއައިއޭގައި ތާށިވި

ޕެރެގުއޭއަށް ނިސްބަތްވާ މެސަލާ ބްެރޮންސްޓްރްޕް، އޭނާގެ ހަތް ރަހުމަތްތެރިންނާ އެކު މީގެ ހަ ދުވަސް ކުރިން ރާއްޖެ އައީ މި ގައުމުގެ ރީތިކަން ދެކިލުމަށް އެތައް އަހަރެއް ވަންދެން ކުރި އުންމީދުތަކުގައި ކުލަ ޖެއްސުމަށެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އެ ރީތިކަން އެ މީހުން ދެކެފި އެވެ. 

ހަ ދުވަހުގެ އުފާވެރި ޗުއްޓީ ނިންމާލައި އެނބުރި އަމިއްލަ ގައުމަށް ފުރަން އެ މީހުން މިއަދު ހެނދުނު 10 ޖެހިއިރު ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ދިޔައީ އުފަލުންނެވެ. ނަމަވެސް ދެން ކަންތައް ވެގެންދިޔައީ އެ މީހުން ހީކުރި ގޮތާ ހިލާފަށެވެ. 

"ހަމަ 10 އިން 10 މި ޓްރިޕަށް ދޭނަން. އެކަމަކު މިހާރު މި ތިބީ މާޔޫސްކަމެއްގައި،" މެދުއިރުމަތީގައި މިއަދު ފެށި ހަމަލާތަކާ ގުޅިގެން، ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދު ކުރުމާ ގުޅިގެން ވީއައިއޭގައި ތާށިވެފައި ހުރި މެސަލާ ބުންޏެވެ.

މެސަލާ (ކ-4) އާއި އޭނާގެ ރަހުމަތްތެރިން ވީއައިއޭ އިންޓަނޭޝަލް ޓާމިނަލް ކުރިމަތީ ފޮޓޯއަކަށް ހުއްޓިލައިގެން: އެ މީހުން އެއާޕޯޓުގައި މަޑުކޮށްގެން ތިބޭތާ މިހާރު ތިން ގަޑިއިރު ވަނީ ވެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މެސަލާ އާއި އޭނާގެ ރަހުމަތްތެރިން ފުރަން އޮތް ފްލައިޓަކީ މިއަދު މެންދުރު 1އަކަށް ފުރަން ޝެޑިއުކޮށްފައި އޮތް ފްލައިދުބާއިގެ ފްލައިޓު FZ1026 އެވެ. އެ ފްލައިޓު ފުރަތަމަ ގަޑިއިރަކަށް ލަސްވުމަށް ފަހު، ވީއައިއޭއިން ފުރީ 2 ޖަހަން އުޅެނިކޮށެވެ. ނަމަވެސް މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ އެކު އެ ފްލައިޓު އަނބުރާ ރާއްޖެ އަންނަން ޖެހެނެވެ. އަނބުރާ ރާއްޖެ އައީ ދެ ގަޑިއެއްހާއިރު ވައިގެ ތެރޭ ދުއްވުމަށް ފަހު އެވެ.

"އެ ވަގުތު ކޮންމެވެސް ވަރަކަށް ބިރުގަތް،" އަނބުރާ ރާއްޖެއަށް ފްލައިޓް ޖައްސަން ޖެހުމުން ކުރެވުނު އިހްސާސްތައް ކިޔައިދެމުން މެސެލާ ބުންޏެވެ.

ފްލައިދުބާއިގެ ފްލައިޓު ދަތުރު ކުރި ރޫޓް ފެންނަ ސްކްރީންޝޮޓެއް ފްލައިޓްރާޑާއިން.

މެސަލާ އާއި އޭނާގެ ރަހުމަތްތެރިން ޕެރަގުއޭއަށް ދާން އޮތީ، ދުބާއީ މަގުން ބްރެޒިލްއަށް ދިއުމަށް ފަހު އެވެ. ނަމަވެސް މިހާރު އެ މީހުން ވީއައިއޭގައި ތާށިވެފައި އެ ތިބީ، ދެން އަނބުރާ ގައުމަށް ދެވޭނެ ދުވަހެއް ނޭނގި އެވެ.

މެސަލާމެން ތިބި ފްލައިޓު އެނބުރި ރާއްޖޭގައި ޖެއްސީ މިއަދު ހަވީރު 4 ހާއިރު އެވެ. އޭރު ހަވީރު އޮތް އެއާ އަރަބިއާ ފްލައިޓު ވެސް އޮތީ ކެންސަލްވެފަ އެވެ. އެ ފްލައިޓް ކެންސަލްވިކަން އެނގުނީ ފަސިންޖަރުން ފްލައިޓަށް އެރި ފަހުންނެވެ. 

"ފްލައިޓްއަށް އަރައި، ފްލައިޓު ޑިލޭވިތާ އެތައް އިރެއް ފަހުން އެނގުނީ ކެންސަލްވިކަން. މިހާރު މި ތިބީ ރާއްޖޭގައި ތާށިވެފައި،" އެއާ އަރަބިއާއިން ފުރަން އުޅުނު މިނާ އަހްނާ، 31، ބުންޏެވެ.

މިނާ އަހްނާ އޭނާގެ ބޯޑިން ޕާސް ދައްކާލަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

މިސްރަށް ނިސްބަތްޗާ މިނާ އަހްނާ ރާއްޖެ އައީ ޗުއްޓީ ހޭދަކޮށްލުމަށް އޭނާގެ އަންހެނުންނާ އެކު އެވެ. މިހާރު އޭނާ ބޭނުންވަނީ ހާސްކަން ފިލުވުމަށް މާލެ ނުވަތަ ހުޅުމާލޭގެ ބީޗަކަށް ދިއުމަށެވެ.

"ބްރޯ، ކެން ޔޫ ޓެލްމީ އަ ގުޑް ބީޗު އައި ކޭން ގޯ ދިސް އޭރިއާ؟،" އިނގިރޭސި ބަހުން މިނާ އެހި އެވެ. ހުޅުމާލެއިން ދާންވީ ބީޗު އޭނާ ފޯނުގެ އެޕްލިކޭޝަނުން ފާހަގަ ކުރި އެވެ.

ތާށިވެފައި ހުރި ފަތުވެރިއަކު ފޯނުން މީހަކަށް ގުޅަން މަސައްކަތް ކުރަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި މިހާރު ތާށިވެފައި ހުރި ފަތުރުވެރިއަކު ވީއައިއޭ އިންޓަނޭޝަނަލް ޓާމިނަލް ބޭރުގައި މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

މެންދުރުފަހުން ފެށިގެން މިރެއާ ހަމައަށް މެދުއިރުމަތީގެ ގައުމުތަކަށް ޝެޑިއުލްކޮށްފައި އޮތް 10 ވަރަކަށް ފްލައިޓު މިހާރު ވަނީ ކެންސަލްވެފަ އެވެ. 

ފްލައިދުބާއި އާއި އެއާ އަރަބިއާގެ އިތުރުން މިރޭ 8އާ ހަމައަށް ފުރަން އޮތް ގިނަ ފްލައިޓުތަކުގެ ފަސިންޖަރުންނަށް ވެސް އެ ފްލައިޓުތައް ކެންސަލްވިކަން އެނގުނީ އެއާޕޯޓަށް ދިޔަ ފަހުންނެވެ. އެހެންވެ، ހަވީރުން ފެށިގެން އެއާޕޯޓުގައި ވަނީ ތޮއްޖެހިފަ އެވެ.

"ޓެކްސީއެއް ނުލިބިގެން މި ތަނުގައި މިހާރު ހުންނަތާ ތިން ވަރަކަށް ގަޑިއިރުވެއްޖެ،" އެހެން ފަތުވެރިއަކު ބުންޏެވެ.

އިރުއޮއްސުނު ވަގުތު ވީއައިއޭ އިންޓަނޭޝަލް ޓާމިނަލް ބޭރުގައި ހަދާފައިވާ ޓެކްސީ ކިއު. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޓެކްސީއެއް ނުލިބިގެން ބައެއް ފަތުރުވެރިން ޓާމިނަލް ބޭރުގައި މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އާ ޓާމިނަލް ބޭރުގައި ފަތުވެރިން އަދި ރިސޯޓު މުވައްޒަފުން މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

އިރުއޮއްސުނު ވަގުތު ޓެކްސީ ކިއު ބޮޑުވި ނަމަވެސް މިހާރު ކޮންމެވެސް ވަރަކަށް ތޮއްޖެހުން ވަނީ ކުޑަވެފަ އެވެ.

ވީއައިއޭ ޓާމިނަލް ތެރޭ ބައެއް ފަތުރުވެރިން މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދުﷲ)
ޓާމިނަލް ބޭރުގައި ފަތުވެރިން މަޑުކޮށްލައިގެން: މިރޭ 7ގެ ފަހުން ކޮންމެވެސް ވަރަކަށް ތޮއްޖެހުން ވަނީ ކުޑަވެފައި. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓޫރިސްޓުން ގެންނަ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއަދު ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން 2،000އެއްހާ ފަތުވެރިން އެއާޕޯޓުގައި ވަނީ ތާށިވެފަ އެވެ. އަދި މިކަމާ ގުޅިގެން ކުއްލި ފިޔަވަޅުތަކެއް އަޅަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ވަރުގަދަ ގުޅުމެއް ގާއިމުކޮށް، ސާފު މުއާމަލާތްތަކެއްކޮށް، އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިފައިވާ ރީތި ނަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަން ބޭނުންތެރިކަމެއް،" ބޮޑެތި ގިނަ އެއާލައިންތަކުގެ އެޖެންޓްކަން ކުރަމުންދާ ފިރާގު ވިދާޅުވި އެވެ.

ޓެކްސީ ކިއުގައި ހުރި ފަތުވެރިއަކާ އެއާ އަރަބިއާގެ އޮފިފަލަކު ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މި ކަންތައްތަކާ ގުޅިިގެން ވީއައީއޭ ހިންގާ އެމްއޭސީއެލްއިން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީއެއް މިރޭ ނެރަފަ އެވެ. އެ ކުންފުނިން އިލްތިމާސް ކުރި ކަންތައްތަކީ:

  • އެއާޕޯޓަށް ދިއުމުގެ ކުރިން އެ އެއާލައިންގެ ރަސްމީ ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފްލައިޓްގެ ސްޓޭޓަސް ޗެކް ކުރުން

  • އެންމެ ފަހުގެ ގައިޑްލައިން، ރީބުކިން ނުވަތަ ޝެޑިއުލް ބަދަލުކުރުމުގެ މައުލޫމާތު ހޯދުމަށް ޓުއާ އޮޕަރޭޓަރަށް ގުޅުމަށް އެދެން

  • ދަތުރު ކުރަން ޖެހޭ ކަންކަން ހަމަޖެއްސުމަށް އިތުރު ވަގުތު ދިނުން

  • ފްލައިޓްގެ ރިއަލްޓައިމް މައުލޫމާތު fis.com.mv އިން ލިބޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް