މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާއިލް ޒަަރިޔަންދު (ވ) ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ސަލާންކުރައްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

ރައްޔިތުންގެ ކަމަކު ނޫނީ ޒަރިޔަންދު މޭޔަރު ކަމުގައި އަޅުގަނޑު އެދޭނެ ކަމެއް ނޯންނާނެ: ޔާމީން

ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޒަރިޔަންދުއާ އެ މަނިކުފާނު ފިކުރުގެ ގޮތުން ވަރަށް ތަފާތު ކަމަށާއި ޒަރިޔަންދަށް ތާއީދުކުރެއްވީ ގައުމުގެ މަސްލަހަތުގައި ކަމަށް
28 ފެބްރުއަރީ 2026
1

އިސްމާއީލް ޒަރިޔަންދަށް މާލޭގެ މޭޔަރުކަން ލިބިވަޑައިގެންފި ނަމަ، ރައްޔިތުންގެ ފައިދާއަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރުމަށް ނޫނީ އޭނާގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - އަންނަ 4 އޭޕްރީލްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ޔާމީނާއި އެ މަނިކުފާނުގެ ޕީއެންއެފުން ވަނީ ޒަރިޔަންދަށް ތާއީދުކޮށްފަ އެވެ. ޒަރިޔަންދު ވާދަކުރައްވާކަން އިއުލާންކުރެއްވީ ވެސް ޕީއެންއެފުން ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.

ބުނީ ކީކޭ؟ - ރޭ ހުޅުމާލޭގައި ބޭއްވި ޒަރިޔަންދުގެ ކެމްޕެއިން ހަރަކާތެއްގައި ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ އަބަދު ވެސް އޭރެއްގެ ހާލަތަށް ބަލާފައި ގައުމުގެ މަސްލަހަތަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި މާލޭގެ މެންބަރުކަމަށް އެ ބޭފުޅުންގެ ވާދަވެރިޔާ މުހައްމަދު ނަޝީދު ނުކުންނެވުމުން ޔާމީން ނަޝީދަށް ތާއީދުކުރެއްވި ކުރެއްވުމެވެ.

ޔާމީން ރޭ ވިދާޅުވި ގޮތުގައި، އޭރު ވެސް ނަޝީދަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް، ސިޔާސީ ޖޯޝު ހުންނެވި ބޭފުޅަކު މަޖިލީހުގައި އިންނަވަން ޖެހޭ ކަމަށް ޔާމީން ގަބޫލުކުރައްވާތީ ކަމަށެވެ.

"އަޅުގަނޑު ބޭނުންވީ މަޖިލީހުގައި އިސްލާހީ ވާހަކަ ދައްކާނެ މީހެއް. އެ އޮޑި އަބަދު ވެސް ދުވާ މިސްރާބަކަށް ދުއްވުމުގެ ބަދަލުގައި ކޮންމެވެސް ވަރަކަށް ބާނި ހުރެއްޖެ ނަމަ އޮޑި ދުވާނެ ގޮތް ވެސް ބަލާލަން. އެއީ ޑިމޮކްރެސީގައި ހުރި ވަރުގަދަކަން އެނގޭނެ ގޮތަކީ،" ޔާމީން ވިދާޅުވި އެވެ.

މިއަދު ވެސް ނަޝީދުގެ ސިޔާސީ ފިކުރުތަކާ މެދު ހިތްހަމަޖެހުމެއް ނެތް ކަމަށާއި އެމްޑީޕީއާ މެދު ވެސް އޮންނަ ހިތްހަމަޖެހުމަކީ ކޮންމެ ފަހަރަކު ވެސް ދައުލަތުގެ ހަރުމުދާތައް ވިއްކަން މަސައްކަތްކުރާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

އޭގެ އަހަރުތަކެއް ފަހުން މިއަދު ޒަރިޔަންދުއާ އެކު ވެސް ހުންނެވީ ގައުމުގެ މަސްލަހަތުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

މާލެއަކީ ވެރިކަންކުރާ ރަށަށްވާތީ ރާއްޖޭގެ އެންމެންގެ ވެސް ރަށް ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް ވޭތުވެދިޔަ ތަނުގައި މާލޭގެ މޭޔަރުންގެ ފަރާތުން ފެނުނުހާ ވެސް ކަމަކީ މާލޭގެ ބިންތައް ނުއަގުގައި ގާތް ވަކި ބަޔަކަށް ދިނުން އެކަނި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގައި ހިނގި މައްސަލަތައް ބަލަން ޖެހޭ ކަމަށާއި އެކަން ބެލެން އަންނަނީ ޒަރިޔަންދު ފަދަ ގާބިލް އަދި މި ވަގުތު ސިޔާސީ ލީޑަރެއްގެ ފަހަތުގައި ނެތް މީހަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ޒަރިޔަންދަކީ ރައީސް ޔާމީނާ މާ ގާތް ގުޅުންތަކެއް އޮތް ބޭފުޅެއް ވެސް ނޫން. އަޅުގަނޑުގެ ސިޔާސީ ޕާޓީއެއްގައި ހުންނެވި ބޭފުޅެއް ވެސް ނޫން. އެކަމަކު އަޅުގަނޑު ޒަރިޔަންދު އިސްކުރީ ގައުމީ މަސްލަހަތަށް،" މީގެ ކުރިން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގައި ސިޔާސީ ގޮތުން ހަރަކާތްތެރިވި ޒަރިޔަންދުއާ ގުޅޭ ގޮތުން ޔާމީން ރޭ ވިދާޅުވި އެވެ.

މި ވަގުތު ހާލަތު އޮތް ގޮތުން ޕީއެންސީގެ މޭޔަރަކު އިންތިހާބުވާ ނަމަ އޭނާ މަސައްކަތްކުރާނީ ހަމައެކަނި ރައީސް މުހައްމަދު މުއިއްޒުގެ އަމުރުތަކަށް އެކަނި ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އާއިލީ ގުޅުންތަކުގެ ސަބަބުން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ދެ އަހަރު ވެސް ފެނުނީ މައްސަލަތައް ބެލުމުގައި ފަހަތު ފަޔަށް ބުރަވާ ތަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޒަރިޔަންދުގެ މޭޔަރުކަމުގައި އޭނާ ބަލަން ޖެހޭ ސިޔާސީ ލީޑަރަކު ނުހުންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީނަށް ވެސް އޭނާ ބަލަން ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ވެސް މި ދަންނަވަނީ، ރައްޔިތުންގެ ފައިދާއަށް ޒަރިޔަންދު ކަމެއް ކުރުން ފިޔަވައި އަޅުގަނޑު ޒަރިޔަންދު އަރިހުން އެދޭނެ އެއްވެސް ކަމެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (1)

އަނީސާ އިބްރާ

28 ފެބްރުއަރީ 2026
ބޮޑާބެ ހަމަރަނގަޅަށްވެސް ޒަރިޔަންދުގެ އޮފު ކަނޑުވައިފި. ފުރަތަމަ ފިޔަވަޅުންވެސް ތިޔާ ފޭލިވީ. ޖަމީލުމެންނާއެކު ޕއނއފ ކިބަޅިފަރާތަށް ބޮލެއް އިތުރުވީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް