ޕީއެންއެފްގެ 'ރިސެޓް' ޖަލްސާގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އިސްމާއިލް ޒަަރިޔަންދު (ވ)ގެ ކެންޑިޑެސީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޗުކޮށްދެއްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

މި ނުކުންނަނީ މިނިވަންކޮށް؛ ޔާމީން ހުންނެވީ އެކީގައި: ޒަރިޔަންދު

ަޒަރިޔަންދު ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މި އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ހުރެގެން އެހެން ސިޔާސީ ޕާޓީތަކުގެ އެހީތެރިކަމަށް ވެސް ކުރިން އެދުނު ކަމަށާއި އެހީތެރިކަން ފޯރުކޮށްދިނީ ޔާމީން އެކަނި ކަމަށް

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ނުކުންނަވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ނޫން ކަމަށާއި، ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދުކުރައްވާ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް މާލޭ ކައުންސިލުގެ މޭޔަރު ކަމަށް ކުރިމަތިލައްވާ އިސްމާއިލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޒަރިޔަންދު މާލޭ ކައުންސިލްގެ މޭޔަރު ކަމުގެ ޓިކެޓުގައި ނުކުންނަވާކަން ހާމަކުރެއްވީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ޕީއެންއެފްއިން އާޓިފިޝަލް ބީޗުގައި ބޭއްވި 'ރިސެޓް' ޖަލްސާގަ އެވެ. އެ ޖަލްސާގައި ޒަރިޔަންދުގެ 'ރިސެޓް' ކެމްޕޭން ޔާމީން ލޯންޗުކޮށްދެއްވީ 'ގައުމީ ކެންޑިޑޭޓެއްގެ' ގޮތުގަ އެވެ.

ކުރީގެ އޮޑިޓަރު އަދި ގިނަ ދުވަސްތަކެއް ވަންދެން ފިނޭންސްގެ ފައިސާއާ ބެހޭ ބައިގާ މަސައްކަތް ކުރެއްވި ޒަރިޔަންދު މި ޖަލްސާގައި ޔާމީން އެންޑޯޒްކޮށްދެއްވުމުން، ގިނަ ބަޔަކަށް ހީވީ، ޒަރިޔަންދު ނުކުންނަވަނީ ޕީއެންއެފްގެ ޓިކެޓުގައި ކަމަށެވެ.

ބުނީ ކީކޭ؟ - މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް 50އަށް ވުރެ ގިނަ މީހުންގެ ސޮއި މިހާރު ވެސް ހޯއްދަވާފައިވާ ޒަރިޔަންދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އޭނާއަކީ ފެށުނީއްސުރެ މިނިވަން ކެންޑިޑޭޓެއް ކަމަށާއި އެ ރޭގެ ޖަލްސާގައި ޔާމީން އޭނާ "އެންޑޯޒްކޮށްދެއްވީ" ކަމަށެވެ.

ޔާމީންގެ ތާއީދާ އެކު އިންތިހާބަށް ނުކުންނެވުނު ގޮތާ ބެހޭ ގޮތުން އިތުރަށް ތަފްސީލުކޮށްދެއްވަމުން ޒަރިޔަންދު ވިދާޅުވީ:

  • މާލޭ ކައުންސިލުގެ ހިންގުން ރަނގަޅުކުރުމަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން އެހެން ސިޔާސީ ޕާޓީތަކުގައި ވެސް ޝައުގުވެރިކަން ފާޅުކުރިން

  • އެއްވެސް ބޭފުޅަކު އެހީތެރިކަން ފޯރުކޮށް ނުދީ ހުއްޓައި ޔާމީން އެދިވަޑައިގަތީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވަން؛ އެ މަނިކުފާނު އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި

  • އިންތިހާބުގައި ވާދަކުރަން ޕީއެންއެފްއަށް ސޮއިކުރާކަށް ވެސް އެދިވަޑައެއްނުގަންނަވާ؛ އެއީ އެ މަނިކުފާނު ވެސް ބޭނުންވަނީ މިނިވަން މީހަކު މާލޭ ކައުންސިލަށް ހޮވި، އެ ކައުންސިލްގެ ހިންގުން ރަނގަޅުކުރަން

"އަޅުގަނޑުގެ މަސައްކަތްތައް ވެސް ވަރަށް ގާތުން ޔާމީނަށް ފެނިވަޑައިގެންފައި ހުރުމުންނާއި އަޅުގަނޑާ މެދު ހިތްހަމަޖެހިވަޑައިގަންނަވާތީ ޔާމީން އެދިވަޑައިގަތީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވަން. ވިދާޅުވީ ދެން އެއްވެސް މީހަކު އެހީތެރިކަމެއް ނުދިނެއްނޫންހޭ، މިނިވަންކޮށް ނުކުންނާށެ، އެކުގައި ހުންނަވާނަމޭ،" ޒަރިޔަންދު ވިދާޅުވި އެވެ.

އެފަދަ މަގާމަކަށް ކުރިމަތިލައްވަން ނިންމެވީ މާލެ ކައުންސިލްގައި ހުރި މައްސަލަތައް ހައްލުކުރައްވަން އޭނާ ކަހަލަ ބޭފުޅަކު ބޭނުންވާ ކަމަށް ޔާމީން ވިދާޅުވުމުން ކަމަށް އެ ރޭގެ ޖަލްސާގައި ވެސް ޒަރިޔަންދު ވިދާޅުވި އެވެ. އެ ފިޔަވަޅު މަތީގައި ހުންނެވީ ސިޔާސީ ހަރުގަނޑެއް ކަމަށް ބަލައި ސިޔާސީ ބޮޑު ގޮނޑިއަކަށް ވަޑައިގަންނަވަން ނޫން ކަމަށް ވެސް އެ ރޭ ވިދާޅުވި އެވެ. 

ޒަރިޔަންދު ވިދާޅުވި ގޮތުގައި، އޭނާގެ ބޭނުމަކީ:

  • މާލެ ތަހުޒީބީ މުޖުތަމައުއަކަށް ފެތޭ ގޮތަށް ތަރުތީބުކުރުން

  • މާލޭގެ ކޮންމެ ރައްޔިތެއްގެ ހައްގުތައް ކަށަވަރުކުރެވޭނެ އިންތިޒާމެއް ގާއިމުކޮށް ޒަމާނީ ހިދުމަތްދޭނެ ވަސީލަތްތަކަކަށް ބަދަލުކުރުން

  • މާލޭ ކައުންސިލުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ކަންކަމާއި ގަވާއިދާ ހިލާފަށް ކޮށްފައިވާކަންކަން ބަލައި އެކަންކަމުގައި ޒިންމާވާންޖެހޭ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުން

  • މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މާލޭ ކައުންސިލަށް ގާނޫނުތަކުން ދީފައިވާ ބާރުތަކުގެ ބޭނުންކޮށްގެން އެ ހައްގުތައް ހޯދައިދިނުން

އެ ޖަލްސާގައި ޒަރިޔަންދަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ޔާމީން ވެސް ވާހަކަދެއްކެވި އެވެ. 

އެގޮތުން ޔާމީން ވިދާޅުވީ، ރަނގަޅަށް ނުހިނގާ އޮތް 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މާލޭ ކައުންސިލުގެ މާލޭގެ މޭޔަރު ކަމަށް ޕީއެންއެފްގެ ފަރާތުން ނެރޭ މީހަކީ ތަޖުރިބާކާރު، ފަންނީ، ގާބިލު އަދި މުރާލިކަމާ އެކު ފަސް ޖެހުމެއްނެތި ގާނޫނުތައް ނަގަހައްޓައި އިހުލާސްތެރި މަސައްކަތްތަކެއް ކުރާނެ މީހަކަށް ވުމަށް އެ މަނިކުފާނު ބޭނުންވާ ކަމަށެވެ. ޒަރިޔަންދު އިހުތިޔާރުކުރީ، އެކަމަށް އެންމެ ގާބިލު ބޭފުޅަކީ ޒަރިޔަންދު ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެ ރޭ ޔާމީން ވެސް ވިދާޅުވީ ޒަރިޔަންދަކީ ގައުމީ ކެންޑިޑޭޓެއް ކަމަށާއި "ސިޔާސީ ކެންޑިޑޭޓެއް ނޫން" ކަމަށެވެ. 

ކޮމެންޓް (2)

ތެފައާސާ.

21 ޖެނުއަރީ 2026
މިހާރު ނޭގުނު މިވާއެއް ނުވާއެއް. ތައާރަފްކުރި ޖަލްސާގައި އަދި އޭގެ ފަހުން މިއޮތްހާދުވަހު ކިޔަމުން އައީ ޕީއެންއެފްގެ ކެންޑިޑޭޓޭ. މިހާރު ކުއްލިއަކަށް މިނިވަން ކެނޑިޑޭޓަކަށް ވެއްޖެ. ހޮވިޖެއްޔާ ޕީއެންސީ ކެންޑިޑޭޓަށް ނުވާނެބާ؟
0 1

ގޯލް ގޯލް

20 ޖެނުއަރީ 2026
މީނައަށް މިކަންކުރެވޭނެ، ފިސާރިކެރޭނެ މުރާލިވާނެ، އޯގާތެރިވާނެ އަމިއްލަ ނަފުސައް ތެދުވެރިވާނެ. ޖެހިލުންކުޱަ ލޯހުޅުވިފަ ހުރި މީހެއް. ބަދަލަކަށް އެދި ވޯޓްދެމާ ޒަރިޔަންދު އަށް މިފަހަރު.
3 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް