ޕީއެންއެފްގެ 'ރިސެޓް' ޖަލްސާގައި މާލޭގެ މޭޔަރުކަމަށް އެ ޕާޓީން ނެރޭ އިސްމާއިލް ޒަަރިޔަންދު (ވ) ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ސަލާންކުރައްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތް ނުބެލީ މިދިޔަ ސަރުކާރުން، ޔާމީން ބޮލަކަށް އެކަނި ނުޖެހޭނެ: ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ އޭނާ އަބަދުވެސް ވަކާލަތުކުރެއްވީ ކޮންމެ މީހަކަށް ވެސް ތުހުމަތުކުރެވޭ މައްސަލަ ބަލައި، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ލިބުމަށްކަމަށް؛ ޔާމީނާ ގުޅޭ ގޮތުން ކުރެއްވި ޕޯސްޓްތަކުގައި ވެސް 'ތުހުމަތު' ގެ ބަސް ބޭނުންކުރައްވާފައިވާނެ ކަމަށް ވިދާޅުވި
23 ޑިސެމްބަރު 2025
2

އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމުގެ ބާރު ކުރީގެ ސަރުކާރުން ނުކޮށް ތިބެމެ، އެ މައްސަލަ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބޮލަށް ނުޖެހޭނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދު ރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ޔާމީންގެ ޕީއެންއެފްގެ އެންޑޯޒްމަންޓާ އެކު މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު ވާދަކުރައްވާއިރު، ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގި ދުވަސްވަރު އެ މަނިކުފާނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ޒަރިޔަންދެވެ.

ކުރީގެ ގައުމީ ގޯލްކީޕަރު އަދި ދައުލަތުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރެއްވި ޒަރިޔަންދު މީގެ ކުރިން ޔާމީނާ ގުޅޭ ގޮތުން ކުރައްވާފައިވާ ބައެއް ޕޯސްޓްތައް، އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ދައުރުކުރަމުންނެވެ.

ތަފްސީލް - ރޭ ޗެނަލް 13ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ނޫސްވެރިޔާ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޒަރިޔަންދު ވިދާޅުވީ އޭނާ އޭރު ވެސް ދެއްކެވި ވާހަކަތައް މިހާރު ވެސް ގަބޫލުކުރައްވާ ކަމަށެވެ.

އޭރު ވެސް އޭނާ ވަކާލާތުކުރެއްވީ ކޮންމެ މީހަކަށް ވެސް ތުހުމަތުކުރެވޭ މައްސަލަ ބަލައި، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ލިބުމެވެ. ޔާމީނާ ގުޅޭ ގޮތުން ކުރެއްވި ޕޯސްޓްތަކުގައި ވެސް 'ތުހުމަތު'ގެ ބަސް ބޭނުންކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންކުރަނީ ހަމަ އަޅުގަނޑު ހިތުގެ އަޑިން ހަމަ އެ ވަގުތަކަށް އެންމެ އެކަށީގެންވާ ބަސްތައް. އެހެންވެ އަޅުގަނޑު ހިތަށް އެރީ މި އެއްޗެހި ޑިލީޓްކުރާނެ ކަމެއް ނެތޭ. ކޮންމެހެން ފޮހެލަން އުޅޭނެ ކަމެއް ނެތޭ. ނުބައިކަމެއް ކުރަން އުޅުނީއެއް ނޫންތާ،" އޭނާ ވިދާޅުވި އެވެ.

ޒަރިޔަންދު ދެން ފާހަގަކުރެއްވީ "2018ވަނަ އަހަރު އޭރު އޮތް [ގިނަ ޕާޓީ ހިމެނޭ] ކޯލިޝަންގެ ސަރުކާރެއް އައީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކައަށް ހާއްސަކުރެވިގެން" ކަމަށެވެ. މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް އެކުލަވާލިކަން ޒަރިޔަންދު ފާހަގަކުރެއްވި އެވެ.

ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިހްތިޔާރު އޮންނަ ރިޔާސީ ކޮމިޝަނަކަށް މައްސަލަ ތަހުގީގު ކުރުމުގެ އިހްތިޔާރު ދިނުމަށް ފަހު ވެސް މައްސަލަ ނުބެލި ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވިސްނުނީ އެމްއެމްޕީއާރުސީގެ މައްސަލަ ނުބެލޭނެ ކަމަށް، ފަހުން،" ޒަރިޔަންދު ވިދާޅުވި އެވެ.

އެ ގޮތަށް ޒަރިޔަންދު ގަބޫލުކުރައްވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުންނާއި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ކޮރަޕްޝަންގައި ބައިވެރިވިކަމުގެ ތުހުމަތު ގިނަ ބަޔަކަށް އޮތް އިރު އެއިން ކަމެއް ނުބެލީތީ އެވެ.

ޒަރިޔަންދު ވިދާޅުވި ގޮތުގައި އޭރުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ވެސް ތުހުމަތު އޮތް ނަމަވެސް އޭރުގައި ވެސް އަދި މިހާރު ވެސް ހަމައެކަނި އަމާޒުކުރައްވަނީ ޔާމީނަށް އެކަނި ކަމަށެވެ.

"އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މިހާރުގެ ސަރުކާރުގެ މިވެނި އަދަދެއް، މިހާރުގެ މަޖިލީހުގެ މިވެނި އަދަދެއް. ނަމަވެސް އެއިން ކަމެއް ނުބަލާ،" ޒަރިޔަންދު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަން ވިދާޅުނުވެ، ޒަރިޔަންދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަކީ "ފަހުގެ ތާރީހެއްގައި އެއް އޮފީހަކުން އެކަކު ހުންނަވައިގެން ހިންގެވި އެންމެ ބޮޑު ކޮރަޕްޝަން" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މީގެ ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ދުރަށް ޖެހި ޑިމޮކްރެޓްސް އުފެއްދެވުމުން އެ ޕާޓީއާ ގުޅިވަޑައިގަތީ ވެސް ނަޝީދު އަވާހަރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލަ ބެލުމުގައި ވެސް އެ ސަރުކާރުގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

"އެހެންވެ އެ ރުޅީގައާ އެކު އަޅުގަނޑު ޑިމޮކްރެޓްސްއާ ގުޅުނީ ވެސް. އަޅުގަނޑު އަމިއްލައަށް ގުޅުނީ ވެސް. ކުރީގެ ރައީސް ނަޝީދު އެދިވަޑައިގެނެއް ނޫން." ޒަރިޔަންދު ވިދާޅުވި އެވެ.

ކޮމެންޓް (2)

ތެފައާސާ.

23 ޑިސެމްބަރު 2025
ބޮޑު ޚިޔާނާތް ނުބެލީ މިދިޔަ ސަރުކާރުން. އެއީ ސަތޭކައިގެ ވާހަކައެއް. އެކަމަކު ބޮޑު ޚިޔާނާތް ހިންގީ ކާކުގެ ސަރުކާރަކުން ކާކު އިސްކޮށް ހުރެގެންބާ؟ އަދި އެކަމުގެ ކުރީކޮޅު އޭރުގެ އޮޑިޓާރ ޖެނެރަލް އެވާހަކަ ދައްކަން ފެށުމުން އެފަކީރަށް ޖެއްސީ ކޮން ހާލެއްބާ؟ ޒަރިޔަންދުއަށް މައްސަލައަކަށް މި ވަނީ ގޯސް ހެދިމީހާއަށްވުރެ ހެދި ގޯސް ނުބެލި މީހުން؟ ހެހެ
7 3

ޒަކީ

24 ޑިސެމްބަރު 2025
@ތެފައާސާ. އެމްއެމްޕީއާރްސީ ގެ މައްސަލަ ބަލަންފެށީ ރައީސް ޔާމީން ގެ ސަރުކާރުން...މިކަން އިންޖިނިއަރ ކުރިމީހަާ އަތުން މިލިޔަނުން ލާރިނަގާ ވެރިކަމުގެ ފަހުދުވަހު އިބޫ އެހުރީ އޭނާ ދޫކޮށްލާފަ..މިކަމުން އަދީބު އަތުން ފައިސާ ނެގި އެންމެން އެތިބީ މިނިވަން ކޮށް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް