ގާސިމް،(ކ/ ދައުވާ ލިބޭ އަދުހަމް،ވ

ގާސިމްގެ އާއިލާއަށް ނުގުޅުމަށް އޭނާގެ ގާތިލަށް ކޯޓުން އަންގައިފި

ގާސިމްގެ އާއިލާއާ ހަވާލާދީ ދައުލަތުން މިއަދު ބުނީ އެ އާއިލާއާ މުއާމަލާތް ކުރުމަށް އަދުހަމްގެ ވަކީލު މަސައްކަތްކޮށްފައިވާ ކަމަށް

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ އާއިލާއަށް ނުގުޅުމަށް އޭނާ މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ އަދުހަމް މުހައްމަދަށް ހައި ކޯޓުން މިއަދު އަންގައިފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭގައި ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރެ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ:

  • އަދުހަމް މުހައްމަދު، ބޮޑުހިޔާގެ/ޅ. ހިންނަވަރުގެ މައްޗަށް

  • ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރުކުރީ އެ މަހުގެ 20 ވަނަ ދުވަހު

  • އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ

  • އަދުހަމް، ގާސިމް މަރާލީ ބިރުދައްކައިގެން ގާސިމްގެ އަތުން ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ބުނޭ

ވީ ކިހިނެއް؟ - ގާސިމްގެ މަރަށް ތިން އަހަރު ފަހުން، މިދިޔަ އަހަރު މާޗު މަހު ކްރިމިނަލް ކޯޓުން ވަނީ އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާއަށް މަރުގެ އަދަބު ދޭން ހުކުމްކޮށްފަ އެވެ. އަދި މިއީ މަރުގެ މައްސަލައަކަށްވާތީވެ، ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އެ ހުކުމް އޮތީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އިސްތިއުނާފްކޮށްފަ އެވެ.

ތަފްސީލު - މި މައްސަލައިގައި މިއަދު ބޭއްވި ހައި ކޯޓުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ގާސިމްގެ އާއިލާއާ ހަވާލާދީ ބުނީ، އަދުހަމްގެ ވަކީލު އެ އާއިލާއާ މުއާމަލާތް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށްވުމަށް އާއިލާއިން ބޭނުން ނުވާކަން ފާހަގަކުރި އެވެ.

"[ގާސިމްގެ] ފަސް ވާރިސުންގެ ފަރާތުން ވެސް ދައުލަތަށް މައުލޫމާތު ދީފައި ވަނީ، މި މައްސަލައިގައި އިސްތިއުނާފް ރައްދުވާ ފަރާތާ [އަދުހަމްއާ] ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމާ އަދި އިސްތިއުނާފް ރައްދުވާ ފަރާތާ ގުޅުން ހުރި އެއްވެސް ފަރާތަކުން އެޕްރޯޗު ނުކުރުމަށް އެދިފައިވާ [ކަމަށް]،" މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ނައުފަލް ވިދާޅުވި އެވެ.

އެކަން ސާފުވެއްޖެތޯ އެހުމަށް ފަހު، މި މައްސަލައިގެ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ދިބަނާޒު ފަހުމީ އަދުހަމްއަށް އެންގެވީ ދައުލަތުން އެދުނު ގޮތަށް ގާސިމްގެ އާއިލާއާ ނުގުޅުމަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން އަދުހަމް

ކްރިމިނަލް ކޯޓުގައި އަދުހަމްގެ މައްޗަށް ކުށް ސާބިތުވި އަޑުއެހުމުގައި އަދުހަމް އެދުނީ އޭނާއަށް މައާފްކޮށްދިނުމަށެވެ. ނަމަވެސް ފަސް ވާރިސުން ވެސް އެދުނީ މަރުގެ އަދަބު ދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް އަދުހަމް އޭނާގެ ވަކީލް މެދުވެރިކޮށް ކުށަށް އިއުތިރާފްވެފައިވެ އެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ދަށު ކޯޓުގައި ކުށަށް އިއުތިރާފްވުމަށް ފަހު، އަނބުރާ އެ އިއުތިރާފް ގެންގޮސްފަ އެވެ.

ގާސިމްގެ މަރުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގެ ލައިވް

އަދުހަމްގެ މައްޗަށް އިއްވި ހުކުމްގެ ކުރު ހުލާސާއެއް:

  • ހަމަލާއަކުން ދިފާއު ނުވެވޭ ވަރުގެ އުމުރުން ދުވަސްވީ މީހެއްގެ ޓެކްސީއެއް އިހުތިޔާރުކުރީ ފޭރި، މަރާލުމުގެ ގަސްތު މާ ކުރިން ހިތުގައި ބާއްވައިގެން

  • ކާރަށް އެރުމުގެ ކުރިން އަދުހަމް ގެންގުޅުނު ވަޅި ތޫނުކޮށްފައިވާ ކަމަށް އަދުހަމް ބުނެފައިވޭ

  • މީހުން ނޫޅޭ އަނދިރި މަގުމަގުން ދުއްވަން ގާސިމަށް އިރުޝާދު ދެމުންދިޔަ

  • ގާސިމް މަރާލަން ކަރަށް ވަޅިން ހަމަލާދީފައިވަނީ މަރާލުމުގެ ނިޔަތް އޮވެގެން

  • ކަރުން ވަޅި ދަމައިގެންއިރު ކާރުގެ ސީޓެއްގައިި ވަޅިން އެޅި، ކެފިވާ ކަމަށް އަދުހަމް ބުނާއިރު، އެ ކަމުގެ ނިޝާން ކާރުގެ ސީޓަކުން ފެނިފައިވޭ

  • ގާސިމްގެ ކަރަށް ވަޅި ހެރުމަށް ފަހު އަދުހަމް ފިލަން މަސައްކަތް ކުރީ ގާސިމް އެހީއަށް އެދި އެދި ގޮވަގޮވާ އޮއްވާ

  • ގާސިމަށް އަވަސް ފަރުވާ ލިބުނު ނަމަ، ފުރާނަ ސަލާމަތް ކުރެވޭނެކަން ޑޮކްޓަރު ފާހަގަކުރެއްވި

  • އެހީއަށް އެދިއެދި އޮއްވައި މީހުން ނޫޅޭ ދުރު ތަނަަކަށް ދޫކޮށްލާފައި ދިއުމަކީ ސީދާ ގަސްތުގައި މީހަކު މަަރަށް ހުށަހެޅިގެން ދިޔަ ކަމެއް

  • މަރާލުމުގެ ނިޔަތް ނެތް ކަމަށް އަދުހަމް ބުނި ނަމަވެސް، ގާސިމްގެ ކަރުން ގިނަ އަދަދެއްގެ ލޭ އަންނަމުން ދިޔަ ތަނާއި ގާސިމް ކާރުން ނުކުމެ އެހީތެރިކަމަށް އެދި ގޮވަމުން ދިޔަ ތަން އަދުހަމަށް ފެނުނު ނަމަވެސް، އެހީ ނުވެ، އޭނާ އެ ތަނުން ގޮސްފައިވޭ

  • އިނގިލީގެ ނިޝާނުގެ އިތުރުން، ސީސީޓީވީ ފުޓޭޖުން ވެސް އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް