އަދުހަމް އަދި ގާސިމް

ގާސިމްގެ މަރަށް 3 އަހަރު ފަހުން އަދުހަމް މަރަން ހުކުމް ކޮށްފި

ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބީ އޭނާގެ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިފުޅު ބޭނުންވީ މަރަށް މަރު ހިފަން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ އަދުހަމް މުހައްމަދު މަރަން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭގައި ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރެ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ:

  • އަދުހަމް މުހައްމަދު، ބޮޑުހިޔާގެ/ޅ. ހިންނަވަރުގެ މައްޗަށް

  • ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރުކުރީ އެ މަހުގެ 20 ވަނަ ދުވަހު

  • އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ

  • އަދުހަމް، ގާސިމް މަރާލީ ބިރުދައްކައިގެން ގާސިމްގެ އަތުން ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ބުނޭ

މި މައްސަލައިގައި ހުކުމް އިއްވުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ކޯޓުން ހުކުމްކުރީ ގަސްތުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެތް ނެތް މިންވަރަށް އަދުހަމްގެ މައްޗަށް ސާބިތުވާ ކަމަށެވެ. 

ވީ ކިހިނެއް؟ - މިއަދު އޮތީ ވާރިސުންގެ ބަސް ނެގުމާއި އަދަބު ކަނޑައެޅުމުގެ މަޖިލީހެވެ. ގާސިމްގެ ވާރިސުންގެ ގޮތުގައި މި ވަގުތު ދުނިޔޭގައި ތިބީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހަށް ވާރިސުންގެ ބަސް ނެގުމަށް އޭނާގެ ފަސް ދަރިން ހާޒިރުވެފައި ވާއިރު، އެ އެންމެން ވެސް ބުނީ މަރަށް މަަރު ހިފަން ބޭނުންވާ ކަމަށެވެ.

އަދުހަމްގެ މައްޗަށް ކުށް ސާބިތުވެފައިވާތީ މިއަދުގެ އަޑުއެހުމުގައި އަދަބާ ގުޅޭ ގޮތުން ވާހަކަދެއްކުން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން:

  • ދައުލަތުން އެދުނީ ގާނޫނުގައި ބުނާ މަރުގެ އަދަބު ކަނޑައަޅައިދިނުމަށް 

  • އަދުހަމްގެ ފަރާތުން އެދުނީ މައާފް ދިނުމަށް

ތަފްސީލް - މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ބުނުމުން، މިއަދު ކޯޓުން ހުކުމްކުރީ އަދުހަމްގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ މަރަށް މަރު ހިފުން ކަމަށެވެ.

ނަމަވެސް، އަދަބު ތަންފީޒުކުރުމުގެ އެެއްވެސް މަރުހަލާއެއްގައި ވާރިސުން މައާފް ދީފި ނަމަ، މަރުގެ އަދަބު ތަންފީޒު ނުކުރާނެކަން ގާޒީ ފާހަގަކުރެއްވި އެވެ. ރާއްޖޭގައި މިހާތަނަށް އިއްވާފައިވާ އެއްވެސް މަރުގެ ހުުކުމެއް އަދި ތަންފީޒެއް ނުކުރެ އެވެ.

މައްސަލައިގެ ހުލާސާ 

ގާސިމް މަރާލި ކަމަށް އަދުހަމް މީގެ ކުރިން ވަނީ ފުލުހުންގެ ތަހުގީގުގަ އާއި 12 ފެބްރުއަރީ 2020ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އިއުތިރާފް ވެފަ އެވެ. އަދުހަމް އެ ދުވަހު ކުށަށް އިއުތިރާފްވީ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމަށް ފަހު އެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އަދުހަމް އެ ދުވަހު ބުނީ:

  • ދައުވާ ސާފުވެއްޖެ ކަމަށާއި ގާސިމް މަރާލި ކަމަށް އިއުތިރާފްވާ ކަމަށް 

  • އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް 

  • އެކަމާ މިހާރު ދެރަވެ، ހިތާމަކުރާ ކަމަށް

  • ކުރެވުނު ކުށަށް ތައުބާވެ، ތައުބާގެ ނަމާދު ވެސް ކޮށްފައިވާ ކަމަށް 

  • ކުރެވުނު ކުށަށް ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް

ގާސިމް މަރާލި ގޮތް ކިޔައިދީ، ކުރި ކުށާ މެދު ދެރަވެ، މާފަށް އެދޭ ކަމަށް ބުނުމަށް ފަހު، އޭގެ ފަހުން އޮތް އަޑުއެހުމެއްގައި އޭނާ ދައުވާތަކަށް އިންކާރުކުރި އެވެ. އަދި އަނެއްކާވެސް ފަހުން އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެފައެވެ. 

ކޯޓުން އަދުހަމްގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ:

  • ހަމަލާއަކުން ދިފާއު ނުވެވޭ ވަރުގެ އުމުރުން ދުވަސްވީ މީހެއްގެ ޓެކްސީއެއް އިހުތިޔާރުކުރީ ފޭރި، މަރާލުމުގެ ގަސްތު މާ ކުރިން ހިތުގައި ބާއްވައިގެން

  • ކާރަށް އެރުމުގެ ކުރިން އަދުހަމް ގެންގުޅުނު ވަޅި ތޫނުކޮށްފައިވާ ކަމަށް އަދުހަމް ބުނެފައިވޭ

  • މީހުން ނޫޅޭ އަނދިރި މަގުމަގުން ދުއްވަން ގާސިމަށް އިރުޝާދު ދެމުންދިޔަ

  • ގާސިމް މަރާލަން ކަރަށް ވަޅިން ހަމަލާދީފައިވަނީ މަރާލުމުގެ ނިޔަތް އޮވެގެން

  • ކަރުން ވަޅި ދަމައިގެންއިރު ކާރުގެ ސީޓެއްގައިި ވަޅިން އެޅި، ކެފިވާ ކަމަށް އަދުހަމް ބުނާއިރު، އެ ކަމުގެ ނިޝާން ކާރުގެ ސީޓަކުން ފެނިފައިވޭ

  • ގާސިމްގެ ކަރަށް ވަޅި ހެރުމަށް ފަހު އަދުހަމް ފިލަން މަސައްކަތް ކުރީ ގާސިމް އެހީއަށް އެދި އެދި ގޮވަގޮވާ އޮއްވާ

  • ގާސިމަށް އަވަސް ފަރުވާ ލިބުނު ނަމަ، ފުރާނަ ސަލާމަތް ކުރެވޭނެކަން ޑޮކްޓަރު ފާހަގަކުރެއްވި

  • އެހީއަށް އެދި އެދި އޮއްވައި މީހުން ނޫޅޭ ދުރު ތަނަަކަށް ދޫކޮށްލާފައި ދިއުމަކީ ސީދާ ގަސްތުގައި މީހަކު މަަރަށް ހުށަހެޅިގެން ދިޔަ ކަމެއް

  • މަރާލުމުގެ ނިޔަތް ނެތް ކަމަށް އަދުހަމް ބުނި ނަމަވެސް، ގާސިމްގެ ކަރުން ގިނަ އަދަދެއްގެ ލޭ އަންނަމުން ދިޔަ ތަނާއި ގާސިމް ކާރުން ނުކުމެ އެހީތެރިކަމަށް އެދި ގޮވަމުން ދިޔަ ތަން އަދުހަމަށް ފެނުނު ނަމަވެސް، އެހީ ނުވެ، އޭނާ އެ ތަނުން ގޮސްފައިވޭ

  • އިނގިލީގެ ނިޝާނުގެ އިތުރުން، ސީސީޓީވީ ފުޓޭޖުން ވެސް އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް