އަދުހަމް އޭނާގެ ވަކީލާ އެކު މިއަދުގެ އަޑުއެހުމުގައި.

އަދުހަމްގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަން ސާބިތުވެއްޖެ

އަދުހަމް މެރުމަށް ގާސިމްގެ ވާރިސުން ބޭނުންވެއްޖެ ނަމަ، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އަދުހަމް މުހައްމަދުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭގައި ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައި ވަނީ:

  • އަދުހަމް މުހައްމަދު، ބޮޑުހިޔާގެ/ޅ. ހިންނަވަރުގެ މައްޗަށް

  • ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރުކުރީ އެ މަހުގެ 20 ވަނަ ދުވަހު 

  • އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ

  • އަދުހަމް، ގާސިމް މަރާލީ ބިރުދައްކައިގެން ގާސިމްގެ އަތުން ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ބުނޭ

ވީ ކިިހިނެއް؟ - މި މައްސަލައިގައި ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ހުކުމްކުރީ ގަސްތުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެތް ނެތް މިންވަރަށް އަދުހަމްގެ މައްޗަށް ސާބިތުވާ ކަމަށެވެ. 

ގާސިމް (ކ) އަދި ދައުވާ ލިބޭ އަދުހަމް.

ތަފްސީލް - ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ:

  • ހަމަލާއަކުން ދިފާއު ނުވެވޭ ވަރުގެ އުމުރުން ދުވަސްވީ މީހެއްގެ ޓެކްސީއެއް އިހުތިޔާރުކުރީ ފޭރި، މަރާލުމުގެ ގަސްތު މާ ކުރިން ހިތުގައި ބާއްވައިގެން

  • ކާރަށް އެރުމުގެ ކުރިން އަދުހަމް ގެންގުޅުނު ވަޅި ތޫނުކޮށްފައިވާ ކަމަށް އަދުހަމް ބުނެފައިވޭ

  • މީހުން ނޫޅޭ އަނދިރި މަގުމަގުން ދުއްވަން ގާސިމަށް އިރުޝާދު ދެމުންދިޔަ

  • ގާސިމް މަރާލަން ކަރަށް ވަޅިން ހަމަލާދީފައިވަނީ މަރާލުމުގެ ނިޔަތް އޮވެގެން

  • ކަރުން ވަޅި ދަމައިގެންއިރު ކާރުގެ ސީޓެއްގައިި ވަޅިން އެޅި، ކެފިވާ ކަމަށް އަދުހަމް ބުނާއިރު، އެކަމުގެ ނިޝާން ކާރުގެ ސީޓަކުން ފެނިފައިވޭ

  • ގާސިމްގެ ކަރަށް ވަޅި ހެރުމަށް ފަހު އަދުހަމް ފިލަން މަސައްކަތް ކުރީ ގާސިމް އެހީއަށް އެދި އެދި ގޮވަގޮވާ އޮއްވާ

  • ގާސިމަށް އަވަސް ފަރުވާ ލިބުނު ނަމަ ފުރާނަ ސަލާމަތް ކުރެވޭނެކަން ޑޮކްޓަރު ފާހަގަކުރެއްވި

  • އެހީއަށް އެދި އެދި އޮއްވާ މީހުން ނޫޅޭ ދުރު ތަނަަކަށް ދޫކޮށްލާފައި ދިއުމަކީ ސީދާ ގަސްތުގައި މީހަކު މަަރަށް ހުށަހެޅިގެން ދިޔަ ކަމެއް

  • މަރާލުމުގެ ނިޔަތް ނެތް ކަމަށް އަދުހަމް ބުނި ނަމަވެސް، ގާސިމްގެ ކަރުން ގިނަ އަދަދެއްގެ ލޭ އަންނަމުން ދިޔަ ތަނާއި ގާސިމް ކާރުން ނުކުމެ އެހީތެރިކަމަށް އެދި ގޮވަމުން ދިޔަ ތަން އަދުހަމަށް ފެނުނު ނަމަވެސް، އެހީ ނުވެ، އޭނާ އެ ތަނުން ގޮސްފައިވޭ

  • އިނގިލީގެ ނިޝާނުގެ އިތުރުން، ސީސީޓީވީ ފުޓޭޖުން ވެސް އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވޭ

އެނގުން މުހިންމު - ދެން މި މައްސަލާގައި އޮންނާނީ ވާރިސުންގެ ބަސް ނަގައި އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެކެވެ. މި އަޑުއެހުން އޮންނާނެ ދުވަހެއް މިއަދު ޝަރީއަތުން އިއުލާނެެއް ނުކުރެ އެވެ.

އަދުހަމް މެރުމަށް ގާސިމްގެ ވާރިސުން އެދިއްޖެ ނަމަ، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ އެވެ. ނަމަވެސް، އެ ކަމަށް އެއްވެސް ވާރިސަކު ދެކޮޅު ހަދައިފި ނަމަ، ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން، އޭނާގެ އަދަބު ޖަލު ހުކުމަކަށް ލުއިވާނެ އެވެ. އޭރުން އަދުހަމްގެ މައްޗަށް އިއްވާނީ 17 އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެކެވެ.

އަޑުއެހުންތަކުގައި ކަން ހިނފައިވާ ގޮތް

ގާސިމް މަރާލި ކަމަށް އަދުހަމް މީގެ ކުރިން ވަނީ ފުލުހުންގެ ތަހުގީގުގަ އާއި 12 ފެބްރުއަރީ 2020ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އިއުތިރާފް ވެފަ އެވެ. އަދުހަމް އެ ދުވަހު ކުށަށް އިއުތިރާފްވީ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމަށް ފަހު އެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އަދުހަމް އެ ދުވަހު ބުނީ:

  • ދައުވާ ސާފުވެއްޖެ ކަމަށާއި ގާސިމް މަރާލި ކަމަށް އިއުތިރާފްވާ ކަމަށް 

  • އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް 

  • އެކަމާ މިހާރު ދެރަވެ، ހިތާމަކުރާ ކަމަށް

  • ކުރެވުނު ކުށަށް ތައުބާވެ، ތައުބާގެ ނަމާދު ވެސް ކޮށްފައިވާ ކަމަށް 

  • ކުރެވުނު ކުށަށް ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް

ގާސިމް މަރާލި ގޮތް ކިޔައިދީ، ކުރި ކުށާ މެދު ދެރަވެ، މާފަށް އެދޭ ކަމަށް ބުނުމަށް ފަހު، އޭގެ ފަހުން އޮތް އަޑުއެހުމެއްގައި އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ދައުވާތަކަށް އިންކާރުކުރުމަށް ފަހު އެ އަޑުއެހުމުގައި އަދުހަމް ބުނީ:

  • ކުށަށް އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށް 

  • އޭގެ ފަހުން އަނެއްކާވެސް އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެފައި 

  • އެ ފަހަރު އަދުހަމް ވަނީ ގަސްތު ނޫން މަރެއްގެ ގޮތުގައި އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ޝަރީއަތުގައި އެދިފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް