ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމް(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަޖިލިސް ގޮނޑި އަތުލުމާއި ކައުންސިލަރުން މަދުކުރަން ގެނައި އިސްލާހަށް ތާއީދުކުރަން: ގާސިމް

ގާސިމް ވިދާޅުވީ އެކަންކަމަށް ތާއީދުކުރަނީ ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުން ވެސް އިތުރު ހަލަބޮލިކަމެއް ރާއްޖޭގައި ހިނގުމުގެ ފުރުސަތު ނުދިނުމަށް ކަމަށް

ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަަށް ގެނައި އިސްލާހާއި ކައުންސިލަރުންގެ އަދަދު މަދުކުރަން ގެނައި އިސްލާހުތައް ހިމެނޭހެން މި ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަމުންދާ އިސްލާހުތަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ތާއީދުކުރާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ލާމަރުކަޒީ ގާނޫނާއި ގާނޫނުއަސާސީއަށް މި ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން، އަތޮޅު ކައުންސިލްތައް ވަނީ އުވިފަ އެވެ. އަދި ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު ވަނީ މަދުވެފަ އެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް އެމީހަކު އިންތިހާބުވާ ޕާޓީން ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ވެސް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.

މީގެ އިތުރުން، މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދެކޮޅު ހަދަމުންދަނިކޮށް އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކޮށް، ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މީޑިއާ ކޮންޓްރޯލު ބިލަށް ތާއީދުކޮށް ވެސް ގާސިމް ވާހަކަދެއްކެވި އެވެ.

ތަފްސީލް - ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗުކުރަން ރޭ ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފުރަތަމަ ގާސިމް ވިދާޅުވީ، ޔުނިޓަރީ ދައުލަތެއްގެ ސިފަތައް ފަހަނައަޅާ ގާނޫނުތައް ބަދަލެއް ނުކުރެވޭނެ ކަމަށާއި ކޮންމެ މީހަކު ލަފާދީގެން ބަދަލުކުރިޔަސް އަދި ތަސްދީގުުކުރިޔަސް "ނުބައެއް ވާނީ ނުބަޔަކަށް" ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް 15 ވަރަކަށް އިސްލާހު މިހާރު ވެސް ހުށަހަޅައިފި ކަމަށާއި އެކަމަށް "ކޮޅެއް މެދެއް ނެތް" ކަމަށް ވެސް ވިދާޅުވި އެވެ. އަދި "ކުޅޭ ކުޅިގަނޑަކަށް" އެކަން ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ފަހުން މި ވާހަކަތަކާ އިިދިކޮޅަށް ވާހަކަތައް ބައްޓަންކުރެއްވާ ގާނޫނުތަކަށް މި ސަރުކާރުން ގެނައި ބަދަލުތަކަށް ތާއީދުކުރައްވާ، ގާނޫނުއަސާސީ އިތުރަށް އިސްލާހުކުރެއްވުމަށް ހިތްވަރުދެއްވި އެވެ.

އެގޮތުން މާމިގިލި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، އެކަންކަމަށް ތާއީދުކުރަނީ ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުން ވެސް އިތުރު ހަލަބޮލިކަމެއް ރާއްޖޭގައި ހިނގުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. ގާސިމް ވިދާޅުވީ:

  • ރައީސް މުހައްމަދު މުއިއްޒަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއްވެސް މީހަކަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާށޭ؛ ބޭނުން ނެތް އަނގަތެޅުމުގެ ފުރުސަތު ވެސް އެއްވެސް މީހަކަށް ނުދެއްވާށޭ 

  • ގާނޫނުގައި ހުރި އިންތަކާއި މިންތައް މާތްވެގެންވާ އިސްލާމުދީނުގައި ހުރި އިންތަކާއި މިންތައް ހިފަހައްޓަވާށޭ؛ އެއީ މަނިކުފާނަށް ލާޒިމު ކަމެކޭ

  • އެކަން ނުކުރައްވައިފި ނަމަ ހުރިހާ އެއްޗެއް އަތުން ގެއްލިގެންދާނެ

"އެހެންވީމާ ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް އަންނަން އެބަ ޖެހޭ. ރައީސް މުއިއްޒަށް ކެރިވަޑައިގަންނަވަންޏާ އެކަން ކުރައްވާ. ދިވެހި ގައުމަށް އިހުލާސްތެރިވުމުގެ ވިސްނުން އޮތިއްޔާ މޫނަކަށް ކަދުރާއަކަށް ބެލުމެއް ނެތި އެކަން ކުރައްވާ. ހަޅޭއްލެއްވިޔަ ނުދެއްވާށޭ ހިމާރު ފެލޭހެން، ދޮގު ވާހަކަތައް ދައްކައި ނޫސްތަކާ އެއްޗެހި ބޭނުންހާ އެއްޗެއް ލިޔެ، މީޑިއާއިން ލިޔެ، މީހުން އޮރިޔާން ބާލަން ޖާގަދެއްވައިގެން ނުވާނެ!. އެއީ މަދަނީ ކުށެއް ނޫނޭ. އެއީ ޖިނާއީ ބޮޑު ކުށެެއް!" ހިތްހަމަ ޖެހިވަޑައިނުގަތް ހުންނަވާ ގާސިމް ވިދާޅުވި އެވެ.

އިންތިހާބުތައް ވެސް ނީލަމަކަށް ވެފައިވާކަން ފާހަގަކުރައްވާ ގާސިމް އިތުރަށް ވިދާޅުވި ގޮތުން، ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި މާމިގިލީ ދާއިރާ ފިޔަވައި ހުރިހާ ދާއިރާތަކުގައި ޕީއެންސީއަށް ތާއީދުކުރަން ނިންމެވީ ވެސް ސަރުކާރުން ގާނޫނުތަކަށް ގެންނަމުންދާ އިސްލާހުތަކަށް ތާއީދުކުރައްވާތީ ކަމަށެވެ.

އަންނަ ކައުންސިލް އިންތިހާބުގައި އިިދިކޮޅަށް ވޯޓުދީގެން ކުރެވޭނީ ކޮން ކަމެއްތޯ ވެސް ގާސިމް ސުވާލުކުރެއްްވި އެވެ. އެ އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދިނަސް، ރައީސް މުއިއްޒު ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ވެރިކަމުން ނުބޭލޭނެ ކަމަށާއި އެހެންވީމާ ބޭކާރު ކަމެއް ކުރަނީ ކީއްކުރަންތޯ ގާސިމް ސުވާލުކުރެއްވި އެވެ. ރައްޔިތުންނަށް ކަމެއްކޮށްދެން ބޭނުންވަންޏާ ޕީއެންސީ ކައުންސިލަރުން ހޮވައިގެން ނޫނީ ކުރިއަށް އޮތް ތިން އަހަރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެންވީމާ ރައްޔިތުން ވިސްނަންވީ. [ކައުންސިލްތަކުގެ އިންތިހާބުގައި] ޕީއެންސީ ނޫން އެހެން ބަޔަކަށް ވޯޓުދީގެން މިއަންނަ ތިން އަހަރު ތިބޭފުޅުންނަށް ކުރެވޭނީ ކޮން ކަމެއްތޯ؟ ދައުލަތުން ބަޖެޓު ދިނިއްޔާ ކަލޭމެނަށް ކަމެއް ކުރެވޭނީ. ނުދިނަސް ކުރެވޭނެ ހަމަ އެއް ކަމެއް ވެސް ނޯންނާނެ،"

"އެހެންވީމާ ރައްޔިތުންނަށް ހެޔޮކޮށް ކަންތައް ކޮށްދެން ބޭނުމިއްޔާ [ކަމެއް ކޮށްދެވޭނީ] ޕީއެންސީ މެންބަރުން ހޮވިއްޔާ. އެހެންނޫނީ ނުކުރެވޭނެ. ދަރަނިތައް އަދާކުރެވޭނީ ވެސް ރައްޔިތުންގެ އެއްބާރުލުން އޮތްކަން ރައީސް މުއިއްޒަށް ދައްކައިގެން."

ކޮމެންޓް (4)

ތެފައާސާ.

15 ފެބްރުއަރީ 2026
ކައުންސިލަރުން އިތުރުކުރަން އިސްލާހެއް ގެނައިނަމަ އެއަށްވެސް ތާއީދުކުރުން ނޫންގޮތެއް ނޯންނާނެކަން އަަހަރެމެންނަށް އެނގޭ. ކުރިއަށް މި އޮތީ ރޯދަމަސްވީމާ، މިހިސާބުން ކުރުކޮށްލާނަން!!
1 0

އައިވޯންޓް

14 ފެބްރުއަރީ 2026
ދަރަނި ދެއްކޭނީ ވެސް ދެއްކޭ މީހުންނަށޭ އެއީ އެމްޑީޕީ އާއި އަރާއަރަފޯދިގެންވާ ކަމެއް ނޫނޭ
0 0

އުވާލާ

14 ފެބްރުއަރީ 2026
މާލެ ސިޓީ ކައުންސިލަކީ އެއީ ވަކި ސަރުކާރެއް ނޫނޭ ސަރުކާރުން އިންތިހާ އަށް ޓެކްސް ނަގަމުން އަންނައިރު މާލެ ސިޓީ ކައުންސިލަށް އަންނަ ބަޔަކު އާމްދަނީ ހޯދަން އަގުތަކެއް ކަނޑައެޅުމުން އެފައިސާ ހަމަ ދަމައިގަންނަން ޖެހޭނީ ރައްޔިތުންގެ ގޮހޮރަށް އަތްބާނައިގެންނޭ އެއްގޮތަކަށް ވެސް މާލެ ސިޓީ ކައުންސިލަކީ އާމްދަނީ ހޯދަން ވެސް ޖެހޭނެ ބައެއް ނޫން.
0 0

ކޮސް

14 ފެބްރުއަރީ 2026
ކާޑެއްދޫ އެއަރޕޯޓުގެ ބަދަލާއި އެބޭޅާ ކަރުގައި އެއެޅުވިއެއްޗެއް އެޅުވިފަހުން މިވަނީ ވަރުގަދަ " ކަމެއް" ޖެހިފަތާދޯ........!!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް