ފުލުހުންގެ އިސްކަންދަރު ކޮށި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

2 މިލިއަން ރުފިޔާގެ ހުއިފިލަނޑާގެ މައްސަލަ: ފުލުހަކަށް ތުހުމަތުކޮށްފި

ފުލުހުން ބުނީ ތުހުމަތުކުރެވޭ ފުލުސް އޮފިސަރު މިހާރު ހުރީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ކަމަށް

ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއް އޮޅުވާލައިގެން ގެންދިޔަ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ފުލުހަކު ވެސް ހިމެނޭ ކަމަށް ތުހުމަތުކޮށް މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރިކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ -  މިދިޔަ 31 ޑިސެމްބަރުގައި ފުލުހުންނަށް މައްސަލަ ހުށައެޅީ 29 ޑިސެމްބަރުގައި ގުދަނުގެ ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. އެ ހުއިފިލަނޑާތައް ހަލާކުވާތީ ނީލަމުގައި ވިއްކާލަން އިއްޔެ ފުލުހުން ވަނީ ނިންމާފަ އެވެ.

ތަފްސީލު - ފުލުހުންގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވީ، މި މައްސަލައިގައި ފުލުސް އޮފިސަރަށް ކުރެވެނީ އެ ތަކެއްޗަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ. އެއީ އިންވެސްޓިގޭޓިވް އޮފިސަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ވަނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ،" ފުލުހުން ހިއްސާކުރި މެސެޖްގައި ބުންޏެވެ.

"އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް ދަނީ ތަހުގީގުކުރަމުން."

މި މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ބުނީ:

  • ހުއިފިލަނޑާތައް ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި

  • ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހު، ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި 

  • އެ ތަކެތީގެ ބަރުދަނުގައި 1,438 ކިލޯ ހުރި. އޭގެ ތެރޭގައި ރާއްޖެއިން ބޭރުކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ

  • މި ވިޔަފާރިކުރީ 'ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާ ބެހޭ ގަވާއިދު'ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން

  • މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު، މައްސަލަ ހުށަހެޅި މީހާ އާއި އެ ތަކެތި ނެގި ކަމަށް ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރުމުން، ދެ މީހުން ވެސް ވަނީ އޭގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް