ހުއިފިލަނޑާތަކެއް ހިއްކަން ބަހައްޓާފައި: ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މީގެ މަސްވެރިކަން ކުރޭ

ފުލުހުން

ތިލަފުށީ ގުދަނަކުން 2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގަށް ނެގި މައްސަލައެއް؛ ތަކެތި ނީލަމަށް

މި ތަކެތި ހުރީ ތިލަފުށިން މާލެ ގެނެސް މާލޭގެ ދެ ގެެއެއްގައި ރައްކާކޮށްފައި؛ ގުދަނުގެ ވެރިފަރާތުގެ ވެސް އަދި އެ ތަކެތި ނެގި މީހާގެ އަތުގައި ވެސް އެ ވިޔަފާރި ކުރުމުގެ ހުއްދައެއް ނެތް

ކ. ތިލަފުށީގެ ގުދަނެއްގައި ހުރި 2 މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއް ވަގަށް ނެގި މައްސަލައެއް ބަލަން ފަށައި، އެ ތަކެތީގެ ވެރިފަރާތް ދެނެގަނެވިފައިނުވާތީ، އެ ތަކެތި ނީލަމުގައި ވިއްކާލަން ފުލުހުން ނިންމައިފި އެވެ.

ތަފްސީލް - ފުލުހުން ބުނިގޮތުގައި މިދިޔަ 31 ޑިސެމްބަރުގައި ހުށަހެޅި މި މައްސަލާގައި ތުހުމަތުކުރެވެނީ، 29 ޑިސެމްބަރު ވަނަ ދުވަހު، ގުދަނުގެ ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ބުނީ:

  • ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި 

  • ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި 

  • ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ

  • މި ވިޔަފާރި ކުރީ 'ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު'ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން

  • މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު، މައްސަލަ ހުށަހެޅި މީހާ އާއި އެ ތަކެތި ނެގި ކަމަށް ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރުމުން، ދެ މީހުން ވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވޭ

  • ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ހުރީ ހަލާކުވެފައި. އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތުމުން، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ވަނީ އެދިފައި

ޕީޖީ އޮފީހުން ލަފާ ދީފައިވަނީ، 'ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތު ގަވާއިދު'ގެ ދަށުން ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭ ނަމަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި މިލްކުވެރިކަމާ މެދު ހިލާފު އުފެދި، ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށް ލަފާގައިވެ އެވެ.

"އެހެންކަމުން، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ ލަފާދެއްވާފަ އެވެ. މިގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެކަމަށް ޕީޖީ އޮފީހުން ވަނީ ލަފާދެއްވާފަ އެވެ،" ފުލުހުން ބުންޏެވެ.

ފާހަގަކުރެވޭ - މި ތަކެތި ވަގަށް ނަގައިގެން ގެއެއްގައި ރައްކާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި މުދާތައް ހޯދުމަށް މިދިޔަ މަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.

ނަމަވެސް، ކޯޓުން ނިންމާފައިވަނީ، ފުލުހުން އެ މައްސަލާގައި ކުރަމުންދާ ތަހުގީގު ނިމެންދެން ނުވަތަ ކޯޓުން އެ މައްސަލާގައި ވަކި ގޮތެއް އަންގަންދެން އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އެހެންވެ، އެ ތަކެތި އޭނާއާ ހަވާލުކުރަން އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް