2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށާއި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ. (ފޮޓޯ/މަޖިލިސް)

ރިޔާސީ ބަޔާން 2026

10 ރިސޯޓު ތަރައްގީކޮށް، ކޮންމެ ދިވެއްސަކީ ރިސޯޓު ވެރިއަކަށް ހަދާނަން: ރައީސް

ރައީސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކުރާނެ ކަމަށް. އެ ރިސޯޓުތަކުން ކޮންމެ ދިވެހި ރައްޔިތަކަށް ހިއްސާދޭނެ ކަމަށާއި ހިއްސާގެ ފައިދާ ޖަމާވާން ފަށާނީ 2030ގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި
5 ފެބްރުއަރީ 2026

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ހުރިހާ ދިވެހި ރައްޔިތުންގެ އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދޭން ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކުރާނެ ކަމަށެވެ.

"މިކަމާ މެދު ކެބިނެޓުގައި މަޝްވަރާކޮށް، ސަރުކާރުން ނިންމާފައިވަނީ ސަރުކާރު ކުންފުނި މެދުވެރިކޮށް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަކަމާ އެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭން،" ރައީސް ވިދާޅުވި އެވެ.

"އަދި ކޮންމެ ރައްޔިތަކީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ހުރިހާ ރިސޯޓުތަކުގެ ހިއްސާދާރެއްގެ ގޮތުގައި ހަމަހަމަކަމާ އެކު ގާނޫނަކުން ކަނޑައަޅާ ހަމަޖައްސަން. ނަތީޖާއެއްގެ ގޮތުން މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްކަމުގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތަކު ވެ، ދިވެހި ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ ޖަމާވާން ފަށާނެ."

ތަފްސީލު - ރައީސް އަންދާޒާ ކުރައްވަނީ، އެ އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އިން ފެށިގެން ކަމަށެވެ.

"ހިސާބު ހަދާލާއިރު އެވަރޭޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއްގައި ނަމަ، އެ އާއިލާގެ ކޮންމެ މެމްބަރަކު މަދުވެގެން 10 ރިސޯޓުގެ ހިއްސާދާރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ.

ރައީސް ވިދާޅުވީ އެކަން ހަގީގަތަކަށް ހަދަން ކުރަންޖެހޭ އެންމެހާ ކަންކަން ވަރަށް ހަލުވިކަމާ އެކީ ކުރިއަށްގެންދާނެ ކަމަށެވެ.

އެނގުން މުހިންމު - ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރެވޭ ގޮތް މަގުފަހިކުރުމަށްޓަކައި، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ގާނޫނު އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު، މިދިޔަ ޑިސެމްބަރުގައި ވަނީ ފާސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް