ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ސަރުކާރު ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރުމަށް ރަށާއި ބިން ދެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި

ސަރުކާރުގެ ފަރާތުން މިދިޔަ ހަފްތާގައި މަޖިލީހަށް ހުށަހެޅި މި ބިލު، މިއަދުގެ މަޖިލިސް ޖަލްސާގައި ފާސްކޮށްފައި ވަނީ 64 މެންބަރުންގެ ވޯޓުން

ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ)ތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރެވޭ ގޮތް މަގުފަހިކުރުމަށްޓަކައި، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ގާނޫނު އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި، ޓޫރިޒަމް ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާން އެވެ. އަދި އެ ބިލު ދިރާސާ ކުރި މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ބައެއް ކުދި ބަދަލުތަކާ އެކު، މިއަދުގެ މަޖިލިސް ޖަލްސާގެ ތަޅުމަށް ހުށަހެޅި އެވެ.

ތަފްސީލު - ކޮމިޓީން ނިންމި ގޮތަށް ބިލު ފާސްކުރަން ފާސްވީ 64 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މި ބިލުގައި ގެންނަ ބޮޑު އެއް ބަދަލަކީ ސަރުކާރު ކުންފުނިތަކަށް ރިސޯޓު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރެވޭ ގޮތަށް ހެދުމެވެ.

ގާނޫނުގެ ފަސް ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން ބިމާއި ފަޅު ކުށްޔައް ދެވެނީ ތިން ގޮތަކަށެ އެވެ. އެއީ:

  • 1-

    ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން، ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުށްޔަށް ދިނުން؛ ނުވަތަ

  • 2-

    ހިންގުމަށް ބޭނުންވާ މަޝްރޫއޫއެއްގެ ތަފްސީލާ އެކު، އެ ތަނަކަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އެ ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުށްޔަށް ދިނުން

  • 3-

    ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލު ކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ރިސޯޓެއް ތަރައްގީކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރުން

އެ މައްދާއަށް އިތުރު އަކުރެއްގެ ގޮތުގައި ސަރުކާރުން ހުށަހެޅީ، ދައުލަތުގެ ކުންފުންޏަކަށް ރިސޯޓެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކަނޑައެޅޭ ވަކި ޝަރުތުތަކާ އެކު ދޫކުރެވޭ ގޮތަށް ހެދުމަށެވެ.

ޝަރުތުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެސްއޯއީއަކަށް މިގޮތަށް ތަނެއް ދޫކުރަން ވާނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން އަދި އެފަދައިން ދޫކުރާނެ ރަށް، ބިން ނުވަތަ ފަޅު އަދި އެތަނެއްގެ ދޫކުރާނީ ދައުލަތުގެ ކޮން ކުންފުންޏަކަށްތޯ ވަޒީރުންގެ މަޖިލީހުން ފާސް ކުރަން ޖެހޭނެ

  • ދައުލަތުގެ ކުންފުންޏަށް އެތަނެއް ދޫކުރެވޭނީ، މި އިސްލާހުގައިވާ ގޮތުގެ މަތިން، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން

  • ދޫކުރާ ތަނަށް ދަކަން ޖެހޭ އެކުއިޒިޝަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަންވާނެ

  • އޭގެ އިތުރުން، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ ހާލަތްތަކުގައި، މިނިސްޓްރީން ކަނޑައަޅާ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ތަރައްގީގެ މަޝްރޫއޫއަކަށް ހަރަދުކުރުމަށް ޝަރުރު ކުރެވިދާނެ

މި އިސްލާހުގައިވާ ގޮތުން ޔޮޓް ބަނދަރު ހިންގުމަށް ވެސް ރަށްރަށާއި ފަޅު ބިން ދައުލަތުގެ ކުންފުނިތަކަށް ދެވޭ ގޮތަށް ހިމަނާފައިވެ އެވެ. އަދި ދައުލަތުގެ ކުންފުނި ކަމަށް މާނަ ކުރަނީ އެ ކުންފުންޏެއްގައި މަދުވެގެން ސަރުކާރުގެ %45 ހިއްްސާ އޮންނަ ކުންފުނިތަކަށެވެ. 

ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި ބަދަލަކީ، އެސްއޯއީއާއެކު ހަދާ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، އެ ކުންފުންޏެއްގެ ސަރުކާރުގެ ހިއްސާ %45އަށް ދަށްވެގެންދާ ގޮތަށް ބަދަލު ނުކުރެވޭނެ އެވެ. އެއަށް ވުރެ ކުޑަކޮށް އެ ހިއްސާ ބަދަލުކުރުމަށް ހުރަހެއް ނެތެވެ.

ކޮމެންޓް (1)

ސިކުނޑި

3 ޑިސެމްބަރު 2025
މިއީވަރަށް ނުރައްކާތެރި ރޭވުމެއްގެ ދަށުން ވަގުތީ މަންފާއެއް ހާސިލުކުރަން ކުރާކަމެއް! ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަންދޫބުން އެ ރައްޔިތުންނަށް ހަރާމްކޯރުވާނަމަ ރައްޔިތުން މަގުމައްޗަށް ނިކުންނާނެ! ބޭނުންހާގޮތެއް ހަދަން ގާނޫނު ބަދަލު ކުރުމަކުންނެއް ގާނޫނީ އިޖުރާއަތެއް ފުރިހަމައެއް ނުކުރެވޭނެ!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް