ދެހާސްއެކާވީހުގައި ބޭއްވި ކޮޕް26ގެ ބައްދަލުވުމުވެއްގެ ތެރެއިން ޝައުނާ ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ ގެޓީ)
ކަނޑުއަޑިން ތެލާއި މިނަރަލް ހޯދުމުން ކަނޑުތައް ސުންނާފަތިވެ، ފަތުރުވެރިކަމަށް އަސަރުކުރާނެ: ޝައުނާ
ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި (އެސްއީޒެޑް) އިންވެސްޓްކުރެވޭނެ އިގުތިސޯދީ ހަރަކާތްތަކުގެ ދާއިރާތަކުގެ ތެރޭގައި ކަނޑުއަޑިން ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމެނުމުން ކުރީގެ އެންވަޔަރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވަނީ މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭ އިގުތިސޯދީ މަސައްކަތްތަކުގެ ލިސްޓަށް ބަދަލު ގެންނަވައިފަ އެވެ. އެއާ އެކު، އެ ލިސްޓުގައި ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތަކާ އެކު ވަނީ ތެލާއި ގޭހާއި މިނެރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް ހިމަނުއްވައިފަ އެވެ.
ތަފްސީލް - އެ ނިންމެވުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޝައުނާ މިއަދު އެކްސްގައި ވިދާޅުވީ، ރާއްޖޭގެ ކަނޑު އަޑިން މައިނިންގެ މަސައްކަތާއި ތެޔޮ ހޯދުމަށް މަގުފަހިވާ ގޮތަށް ގާނޫނީ ގޮތުން ބާރުދިނުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
މިއީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކަށް އޮތް ނުރައްކަލެއްކަމަށް ޝައުނާ ވިދާޅުވި އެވެ.
"މީގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތައް ސުންނާފަތިވެ، ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަަރު ކުރާނެ،" އޭނާ ލިޔުއްވި އެވެ.
ރައީސްގެ ނިންމެވުމަކީ ދުރުވިސްނުމެއް ނެތި ނިންމަވާފައިވާ، އޭގެ ސަބަބުން އިއާދަނުކުރެވޭނެ ފަދަ ގެއްލުން ލިބޭނެ ކަމެއްގެ ގޮތުގައި ޝައުނާ ސިފަކުރެއްވި އެވެ.