ރައީސް މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގައި (ފޮޓޯ/ ރައީސް އޮފީސް)

އެސްއީޒެޑްތަކުގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތްކުރެވޭ ގޮތް ހަދައިފި

ކުރިން ކަނޑައަޅާފައިވަނީ ގޭސް ހޯދުން އެކަނި. ނަމަވެސް މިއަދު މުރާޖައާކޮށް ނެރުނު ލިސްޓްގައި ތެލާއި ގޭހާއި މިނެރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް ވަނީ ހިމަނާފައި
27 ޖެނުއަރީ 2026

ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި (އެސްއީޒެޑް) އިންވެސްޓްކުރެވޭނެ އިގުތިސޯދީ ހަރަކާތްތަކުގެ ދާއިރާތަކުގެ ތެރޭގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައި، އެ ލިސްޓް ރައީސް މުހައްމަދު މުއިއްޒު މިއަދު މުރާޖައާކުރައްވައިފި އެވެ.

ވީކިހިނެއް؟ - އަަހަރަކު އެއް ފަހަރު މި މިންގަނޑު ކަނޑައަޅަން ވާނެ ކަމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން:

  • ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގުތިސޯދީ މަސައްކަތްތައް ކަނޑައަޅަން ޖެހޭ

  • އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްމަންޓްގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅަން ޖެހޭ

  • ރައީސްގެ ގަރާރަކުން މިކަން ކަނޑައަޅަން ޖެހެނީ، ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތިން

  • ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރިން މުރާޖައާކޮށް ރައީސްގެ ގަރާރަކުން އަލުން ކަނޑައަޅަންޖެހޭ

ތަފްސީލް - ރައީސް މިއަދު ނެރުއްވި ގަރާރުގައި އެސްއީޒެޑްތަކުގައި އިންވެސްޓްކުރެވޭނެ ދެ މިންގަނޑެއް ކަނޑައަޅުއްވާފައިވެ އެވެ. އެއީ:

  • ބައެއް އިގުތިސޯދީ މަސައްކަތްތައް ހިންގަން 100 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދެއް

  • ޓައުންޝިޕްމަންޓް މަޝްރޫއުތަަކަށް 500 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދެއް

މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭ އިގުތިސޯދީ މަސައްކަތްތަކުގެ ލިސްޓަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެއީ ލިސްޓުގައި ހިމެނޭ މަސައްކަތުގެ ދާއިރާ ފުޅާކުރުމެވެ. އެގޮތުން:

  • ކުރިން ހިމަނާފައިވަނީ ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް

  • މިއަދު މުރާޖައާކޮށް ނެރުނު ލިސްޓްގައި ހިމަނާފައިވަނީ ތެލާއި ގޭހާއި މިނެރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް

މީގެ އިތުރުން އިންވެސްޓްކުރެވޭ ދާއިރާތަކަކީ:

  • އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް

  •  ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިން ހިދުމަތްތައް

  • ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް

  •  ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް

  • އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް

  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާ

  • ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގާ މަސައްކަތްތައް

  • ފުޑް ސެކިއުރިޓީގެ ދާއިރާ

ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި އެންމެ ކުޑަ އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިއަން އެމެރިކާ ޑޮލަރު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ބައިތަކަށް ކަމަށް ވެސް ގަރާރުގައި ކަނޑައަޅާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް