ހައި ކޯޓު (ދައުރު ފައިލް ފޮޓޯ/އިބްރާހިމް އަޒްމީ)

ހައި ކޯޓު

ޑްރަގުގެ ބޮޑެއް ބަންދުން ދޫކޮށްލަން ކުރީގެ ގާޒީ ފާއިޒް ނިންމެވި ގޮތް ގޯސްކަމަށް ހައި ކޯޓުން ކަނޑައަޅައިފި

ގާޒީ ހުސެއިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓުން ވަކިކޮށްފައިވަނީ މި މައްސަލާގައި؛ ހައި ކޯޓުގެ ހުކުމްގައި ބުނީ ހައްޔަރުކުރުމުގެ އިޖުރާއަތު ރަނގަޅު ކަމަށް ފުރަތަމަ ނިންމުމަށް ފަހު އެ ނިންމުން ބަދަލުކުރި ގޮތެއް އެނގެން ނެތް ކަމަށް

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ދައުވާ މީގެ ކުރިން ކޮށްފައިވާ އަލީ އަންވަރު މުހައްމަދު މަސްތުވާތަކެތީގެ މައްސަލައެއްގައި މިފަހުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލަން، އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި އެ އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަލީ އަންވަރުގެ ބަންދުގެ މުއްދަތު ޖެހުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު ގާޒީ ފާއިޒް މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކޮށްފަ އެވެ.

އަންވަރު، ކޯޒީކޯނާ/ސ. ހިތަދޫއަކީ އޮކްޓޫބަރު 2019ގައި 'އަލްޝަބާން' ނަމަކަށް ކިޔާ އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކޮށް ދައުވާ ކުރި މީހެކެވެ.

އަންވަރު، 41، މިފަަހަރު ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގަ އެވެ. މި މައްސަލާގައި މިދިޔަ 11 އޮކްޓޫބަރުގައި ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ޖެހި އެވެ. އެކަަމަކު ބަންދު މުރާޖައާކުރަން ހާޒިރުކުރުމުން ޝަރުތަކާނުލައި ބަންދުން ދޫކޮށްލީ އެވެ.

ބަންދުން ދޫކޮށްލަން ގާޒީ ފާއިޒް ނިންމެވީ، އޭނާ ހައްޔަރުކުރި އިޖުރާއަތުގައި އުނިކަން ހުރި ކަމަށް ބެލެވޭތީ ކަމަށް އަމުރުގައިވެ އެވެ.

އެހެންކަމުން ފުލުހުން އާ އަމުރެއްގެ ދަށުން ހަމަ އެދުވަހު އަލުން އޭނާ ވަނީ، ހައްޔަރުކޮށްފަ އެވެ. އިތުރު އަމުރެއްގެ ދަށުން އަންވަރު ހައްޔަރުކުރަން ބެލިއިރު އޭނާ ވަނީ ވައިގެ މަގުން ސްރީ ލަންކާއަށް ފުރާފަ އެވެ. އޭނާ ހައްޔަރުކުރީ ސްރީ ލަންކާއަށް އެތެރެވިޔަ ނުދީ ފޮނުވާލުމާ އެކު އެވެ.

އެނގުން މުހިއްމު - ހައްޔަރުކުރި އިޖުރާއަތު ގޯސްކަމަށް ގާޒީ ފާއިޒް ނިންމެވީ، އެންމެ ފުރަތަމަ އަންވަރު ހައްޔަރުކުރަން ދިން އަމުރާ އެކު، ބަލައި ފާސްކުރުމުގެ އަމުރެއް ވެސް ނެރެފައިވާއިރު، ބަލައި ފާސްނުކޮށް އޭނާ ހައްޔަރުކޮށްފައިވާތީ އެވެ. އެ އަމުރުގައި ވާގޮތުން ބަލައި ފާސްކުރުމުގެ އަމުރެއް ނެރެދީފައި އޮންނަ ހާލަތުގައި ފުރަތަމަ ތަންފީޒުކުރަންޖެހޭނީ އެ އަމުރެވެ. އެހެންނޫނީ އެ އަމަލުކުރެވެނީ ހައްޔަރުކުރުމުގެ ރަނގަޅު ނޫން ގޮތަކަށް ކަމަށް ފާއިޒު ކަނޑައެޅުއްވި އެވެ.

ތަފްސީލް - މި އަމުރު ބާތިލުކޮށް ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ، ޖިނާއީ އަދުލުގެ ނިޒާމަށް ބަލާއިރު ހައްޔަރު އަމުރެއް ތަންފީޒުކުރުމަށްޓަަކައި ބަލައި ފާސްކުރުމުގެ އަމުރު ފުރަތަމަ ތަންފީޒުވުން ލާޒިމުކުރާ އިޖުރާއަތެއް ނެތް ކަމަށެވެ. އެހެންކަމުން އަންވަރު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ގޯސް ނޫން ކަމަށް ކަނޑައެޅި އެވެ.

ހުކުމްގައި އިތުރަށް ބުނިގޮތުގައި:

  • އަންވަރު ބަންދުކުރަން ދިން ފުރަތަމަ އަމުރުގައި ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައެޅުމަށް ފަހު އެ ނިންމުމާ ދުރަށް ގޮސް ހައްޔަރާ މެދު އަލުން ގޮތެއް ކަނޑައަޅަން ޖެހުނު ސަބަބެއް އެނގޭކަށް ނެތް

  • ނިހާއީ ވެފައިވާ މި އަމުރަށް ބަދަލެއް ގެންނަން ޖެހުނު އަސާސެއް ބަޔާންކުރުމެއްނެތި އަންވަރުގެ ހައްޔަރާ މެދު އަލުން ގޮތެއް ކަނޑައަޅާފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް

"އެހެންކަމުން އިސްތިއުނާފް ރައްދުވާ ފަރާތް އެންމެ ފުރަތަމަ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައެޅުމަށް ފަހު ކަމަށްވުމުން ދެވަނަ ފަހަރަށް ބަންދުގައި ބެހެއްޓުމަށް އެދުމުން ހައްޔަރުކުރި އިޖުރާއަތު ގޯސްކަމަށް ބުނެ ބަންދުން ދޫކޮށްލަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ނުބެލެވެ އެވެ،" ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނެެރެފައިވާ ހުކުމްގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް