ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު
ގާޒީ ފާއިޒު ކްރިމިނަލް ކޯޓުން ވަކިކޮށްފި
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެން ފާއިޒު ރަޝާދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީކިހިނެއް؟ - ފަނޑިޔާރު ހުސެން ފާއިޒު މަގާމުން ވަކިކުރުމަށް ނިންމައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވީ، މީހެއްގެ ބަންދާ މެދު ގޮތް ކަނޑައެޅުމުގައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެ އެވެ.
ފާއިޒް ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ އިޖުރާއަތުތައް ފުރިހަމަކޮށްފައި ކަމަށް ނިންމައި އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމަން އެ މައްސަލަ ދިރާސާކުރި ކޮމިޓީން އިއްޔެ ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.
ތަފްސީލް - އެކަމާ މެދު ގޮތެއް ނިންމަން މިއަދު ނެގި ވޯޓުގައި ފާއިޒް މަގާމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ.
ދެކޮޅަށް ވޯޓުދެއްވީ އަށް މެންބަރުންނެވެ.
އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި، ޖޭއެސްސީން ފާއިޒާ ގުޅޭ ގޮތުން ދެ މައްސަލައެއް ބެލި އެވެ. އެއީ:
-
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ގޭ ބަންދަށް ދޫކޮށްލި މައްސަލަ؛ އޭނާ އަލުން ގޭ ބަންދަށް ދޫކޮށްލީ މިދިޔަ ޑިސެމްބަރުގައި
-
މަސްތުވާތެކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ދައުވާ މީގެ ކުރިން ކޮށްފައިވާ އަލީ އަންވަރު މުހައްމަދު، މަސްތުވާތަކެތީގެ މައްސަލައެއްގައި މިފަހުން ހައްޔަރުކުރުމުން ޝަރުތެއްނެތި ދޫކޮށްލި މައްސަލާގައި؛ އޭނާ ބަންދުން ދޫކޮށްލުމުން ސްރީ ލަންކާއަށް ދިޔަތަނާ އަލުން ހައްޔަރުކޮށް މިހާރު ވަނީ ބަންދުކޮށްފައި
އޭގެ ތެރެއިން ފާއިޒު ވަކިކުރުމަށް ޖޭއެސްސީން ނިންމީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ދައުވާކޮށްފައިވާ އަންވަރު ބަންދުން ދޫކޮށްލަން ފާއިޒު ނިންމެވި މައްސަލާގައިކަން މައުލޫމާތު ލިބެ އެވެ.