ކްރިމިނަލް ކޯޓު (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ޑްރަގު އެތެރެކުރުމުގެ 'ބޮޑެއް' ދޫކޮށްލުމުން ލަންކާއަށް ދިޔަ ތަނާ އަނެެއްކާ ހައްޔަރަށް

މީނާއަކީ 2019 ވަނަ އަހަރުގައި އީރާންގެ ބޯޓަކުން ޑްރަގު އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކޮށް ދައުވާކުރި މީހެއް؛ މިފަހުން އަނެއްކާ ޑްރަގާއެކު ހައްޔަރުކުރުމުން ލަންކާއަށް

މަސްތުވާތެކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ދައުވާ މީގެ ކުރިން ކޮށްފައިވާ އަލީ އަންވަރު މުހައްމަދު، މަސްތުވާތަކެތީގެ މައްސަލައެއްގައި މިފަހުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލުމުން ލަންކާއަށް ދިޔަ ތަނުން އަނެއްކާ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަންވަރު، ކޯޒީކޯނާ/ސ. ހިތަދޫއަކީ އޮކްޓޫބަރު 2019ގައި، 'އަލްޝަބާން' ނަމަކަށް ކިޔާ އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކޮށް ދައުވާ ކުރި މީހެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ކައިރިން އަތުލައިގަތް މި ބޯޓުން:

  • މަސްތުވާތަކެތި ފެނުނު މައްސަލާގައި 13 މީހަކު ހައްޔަރުކުރި 

  • އެ މައްސަލާގައި އަންވަރު ހައްޔަރުކުރީ އިތުރު ދެ މީހަކާ އެކު، އެކަމުގައި އިސްކޮށް ހަަރަކާތްތެރިވި މީހުން ކަމަށް ތުހުމަތުކޮށް 

  • ނަމަވެސް ދައުލަތުން ފަހުން ވަނީ އޭނާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައި

ތަފްސީލް - އަންވަރު، 41، މިފަަހަރު ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގަ އެވެ. މި މައްސަލާގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ޖަހާފައިވެ އެވެ. އެކަަމަކު ބަންދު މުރާޖައާކުރަން މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރުތަކާނުލައި ބަންދުން ދޫކޮށްލީ އެވެ.

ބަންދުން ދޫކޮށްލަން އެ ދުވަހު ބަންދާ މެދު ގޮތް ނިންމެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ:

  • އޭނާ ހައްޔަރުކުރި އިޖުރާއަތުގައި އުނިކަން ހުރި ކަމަށް ބެލެވޭތީ 

  • އެކަމަކު މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ ހޯދާފައިވާތީ، އެކަންކަމަށް ބިނާކޮށް އަލުން އޭނާ ބަންދު ކުރުމުގެ އަމުރަކަށް އެެދެވިދާނެ ކަމަށް އެ އަމުރުގައިވޭ

އެހެންކަމުން ފުލުހުން އާ އަމުރެއްގެ ދަށުން މިހާރު ވަނީ އަލުން އޭނާ ހައްޔަރުކޮށްފަ އެވެ. ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހާފަ އެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި:

  • މިދިޔަ ހޮނިހިރު ދުވަހު ބަންދުން ދޫކޮށްލުމާ އެކު، އިތުރު އަމުރެއްގެ ދަށުން އަންވަރު ހައްޔަރުކުރަން ބެލިއިރު އޭނާ ވަނީ ވައިގެ މަގުން ސްރީ ލަންކާއަށް ފުރާފައި

  • ސްރީ ލަންކާއަށް އެތެރެވިޔަ ނުދީ ފޮނުވާލުމާ އެކު އަލުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، އޭނާ ދިރިއުޅޭ އެޕާޓުމަންޓުން ތިން ޕެކެޓެއްގައި ހުރި 16 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އަދި އޭނާގެ ޕާސްޕޯޓުގެ އިތުރުން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކާއްޓާއެއް ވެސް އެ ތަނުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކަމަކު އަންވަރު ކޯޓުގައި ބުނެފައިވަނީ، މަސްތުވާތަކެތި ފެނުނު އެޕާޓުމަންޓަކީ އޭނާ ދިރިއުޅޭ ތަނެއް ނޫން ކަމަށާއި އެތަނަށް ވަދެ ނިކުމެ ވެސް ނުހަދާ ކަމަށެވެ. އަދި އެ ތަނުގެ ތަޅުދަނޑިި ވެސް އޭނާގެ އަތުގައި ނޯންނަ ކަމަށް ބުންޏެވެ. އެކަމަކު ފުލުހުން ބުނީ އެ އެޕާޓުމަންޓުން ފެނުނު ކައްޓާއާ ބެހޭ ގޮތުން ސީންގައި ސުވާލުކުރުމުން، އެއީ އޭނާ ބައެއް އެއްޗެހި ކައްކާއިރު ކިރުމުގައި ފަސޭހައަކަށް ބޭނުންކުރާ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް