އެމްއައިޓީޑީސީން އެ ކުންފުނީގެ ޔޮޓްރެލީ ޕްރޮމޯޓް ކުރަން މީގެ ކުރިން ކުންފުންޏަކާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/އެމްއައިޓީޑީސީ)

އެމްއައިޓީޑީސީ

އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް ފަށައިފި

ސަރުކާރު ކުންފުނިތަކަށް ބަދަލުތަކެއް ގެނައުމަށް ކެބިނެޓުން ނިންމި ނިންމުންތަކުގެ ތެރެއިން ހަރަދު ކުޑަކުރުމުގެ ގޮތުން އެމްއައިޓީޑީސީ އުވާލަން ނިންމީ 1 ސެޕްޓެމްބަރު 2024ގައި
20 ޖެނުއަރީ 2026

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމުގެ މަސައްކަތް ފަށައި، އެ ކުންފުނީގެ ލިކުއިޑޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އެނގުން މުހިންމު - އެމްއައިޓީޑީސީއަކީ މެދު ފަންތީގެ ޓޫރިޒަމް ޕްރޮޕަޓީތައް ތަރައްގީކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެއްދި ކުންފުންޏެކެވެ.

ނަމަވެސް އެ ކުންފުނި އުފެއްދި މަގްސަދު ހާސިލުނުވެ، މަޝްރޫއުތައް ވެސް މަޑުޖެހިފައިވާތީ މި ސަރުކާރުން ނިންމީ އެ ކުންފުންޏަށް ހަވާލުކޮށްފައިވާ މަސައްކަތްތަކާއި މަޝްރޫއުތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އަށް ބަދަލުކުރުމަށެވެ.

ވީ ކިހިނެއް؟ - ސަރުކާރު ކުންފުނިތަކަށް ބަދަލުތަކެއް ގެނައުމަށް ކެބިނެޓުން ނިންމި ނިންމުންތަކުގެ ތެރެއިން ހަރަދު ކުޑަކުރުމުގެ ގޮތުން އެމްއައިޓީޑީސީ އުވާލަން ނިންމީ 1 ސެޕްޓެމްބަރު 2024ގަ އެވެ.

ނަމަވެސް އެކަން މަޑުޖެހިފައި އޮތީ އެ ކުންފުންޏާ ހަވާލުކޮށްފައި އޮތް ލ. ބަރެސްދޫ ޓޫރިޒަމް މަޝްރޫއުއާ ގުޅޭ ގާނޫނީ ކަންތައްތަކެއް ނުނިމި ހުރުމުންނެވެ.

ތަފްސީލު - އެމްއައިޓީޑީސީއަކީ އެ ކުންފުނި އުފެއްދި މަގުސަދުތައް ހާސިލްކުރެވޭ ގޮތަށް ހިންގަމުން އައި ކުންފުންޏެއް ނޫން ކަމަށް، މިދިޔަ އަހަރު ފިނޭންސުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި ސިޓީއެއްގައި ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ކުންފުނި ބަޖެޓުން ބޮޑު ހަރަދެއްކޮށްގެން ހިންގަން ޖެހޭކަން ފާހަގަކޮށް ފިނޭންސުން ބުނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ވެސް އެ ކުންފުންޏަކީ އުވާލަން ޖެހޭ ކުންފުންޏެއް ކަމަށެވެ. 

އެ ސިޓީއާ މެދު ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު ކޮމިޓީން ނިންމީ އެމްއައިޓީޑީސީ އުވާލެވެންދެން އެ މަސައްކަތް ކުރިއަށް ދާގޮތް ކޮމިޓީން ބަލަމުން ގެންދިޔުމަށެވެ. އަދި އެކަމުގެ އަދާހަމަ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަށް ފިނޭންސަށް އެންގުމަށް ފާސްކުރި އެވެ. 

އެމްއައިޓީޑީސީގެ ލިކުއިޑޭޝަން މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވަނީ މި މަހު 29ގެ މެންދުރު 1:30ގެ ނިޔަލަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް