އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. (ދައުރު ފޮޓޯ)

ދީފަ އޮތް ޓިކެޓް އަތުލުމަށް ފަހު އެމްޑީޕީން އެ ދާއިރާގެ ޕްރައިމަރީ ބާއްވަނީ

ޓިކެޓް އަތުލުމަށް ފަހު އެ ދާއިރާގައި ޕްރައިމަރީ ބާއްވަނީ އެ މީހާގެ ރިކޯޑެއް ޕީޖީ އޮފީހުގައި އޮތުމުން ކަމަށް އެމްޑީޕީން ބުނޭ

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހަނިމާދޫ ދާއިރާގެ ރައީސްގެ މަގާމަށް އެމްޑީޕީ ޓިކެޓް ލިބިފައި އޮތް ފަރާތުގެ ޓިކެޓް އަތުލުމަށް ފަހު، އެ މަގާމަށް ޕްރައިމަރީއެއް ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެންމެ މީހަކު ކުރިމަތިލާފައި އޮތުމުން އެ ދާއިރާގެ ޓިކެޓް މީގެ ކުރިން ކަށަވަރުވެފައި އޮތީ މިހާރު ވެސް އެ ކައުންސިލްގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ އަބްދުއްސައްތާރު ހަސަން އަށެވެ. އެގޮތުން:

  • އެކަން އެ ޕާޓީން އަބްދުއްސައްތާރު ހަސަންއަށް ލިޔުމުން އެންގުމަށް ފަހު، ފަހުން ވަނީ އެ މަގާމަށް މީހަކު ހޮވުމަށް ވޯޓުލުން ބޭއްވުމަށް ނިންމާފައި

  • ސަބަބެއް ކަމަށް ބުނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އޭނާގެ ރިކޯޑެއް އޮތުމުން

ތަފްސީލު - ޓިކެޓް އަތުލުމާ ގުޅިގެން އަބްދުއްސައްތާރު ހަސަން ވަނީ އެކަމާ ގުޅިގެން އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީއަށް އެ ޝަކުވާ ހުށަހަޅާފަ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އަބްދުއްސަތާރު ހަސަންއަށް އެ ކޮމިޓީން ފޮނުވި ޖަވާބު ސިޓީގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސަތާރު ސޮއިކުރައްވައި ފޮނުއްވި ޖަވާބުގައި ވަނީ:

  • ކެންޑިޑޭޓުން ކަނޑައެޅުމުގައި ބަލަނީ މިކަމުގައި ގައުމީ މަޖިލީހުން އެންޑޯސްކޮށްފައިވާ އުސޫލަށް 

  • އެގޮތަށް އުސޫލެއް ހެދީ މިކަމުގައި "ދާއިރާތަކުގެ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށް އިސްކަން ދީގެން ޕާޓީއަށް އަދި ދާއިރާއަށް/ރަށަށް އެންމެ ފައިދާ" ހުރި ގޮތެއްގެ މަތިން ކެންޑިޑޭޓުން ކަނޑައެޅުމުގެ މުހިންމު ކަމުގެ މައްޗަށް ބުރަވެ

  • ބައެއް ދާއިރާތަކުގައި ތަފާތު އެކި މައްސަލަ ދިމާވުމުން، އެ މައްސަލައެއް ހައްލުކުރުމުގައި ކޮމިޓީން ބަލަނީ އެ ރަށެއްގެ އަދި ޕާޓީގެ މަސްލަހަތާއި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑު ގޮތަކަށް

"[އެ] އުސޫލުގެ ދަށުން ހަނިމާދޫ [ކައުންސިލް ރައީސްގެ ޓިކެޓް]ގެ މައްސަލަ ހަލުކުރަން ބަލާއިރު، އަބްދުއްސައްތާރު އެކަނި ކައުންސިލް ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި އޮތަސް، 31 ޑިސެމްބަރު 2025ގައި ޕާޓީގެ ފަރާތުން ކެންޑިޑޭޓުގެ ކުށުގެ ރިކޯޑް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ސާފުކުރިއިރު، އަބްދުއްސައްތާރުގެ ރެކޯޑް އޮތް ކަމަށް ވަނީ ފާހަގަކުރެވިފައި،" އެ ރެކޯޑް އެޓޭޗްކޮށް ފޮނުވި އެ ސިޓީގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު އަދި ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އަނަސް (ވ).

އެއާ އެކު، ސިޓީގައި ބުނީ މި މައްސަލައިގައި ހަނިމާދޫ އާއި ޕާޓީގެ މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ކޮމިޓީން ބެލި ކަމަށެވެ. އަދި އެކަން ކުރުމުގައި ބެލީ ގައުމީ މަޖިލީހުން އެންޑޯސްކޮށްފައިވާ އުސޫލަށް ކަމަށް ބުންޏެވެ.

އެގޮތުގެ މަތިން ކޮމިޓީން ނިންމީ، އަބްދުއްސައްތާރު ހަސަން ވެސް ހިމެނޭ ގޮތަށް ޕްރައިމަރީއެއް ބާއްވައި ކާމިޔާބުކުރާ ކެންޑިޑޭޓަކާ އެކު ކުރިއަށް ދިޔުމަށް ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އެއީ "ޕާޓީއަށާއި ހަނިމާދުއަށް ވެސް މި ވަގުތު އެންމެ މަސްލަހަތު ހުރި ގޮތް" ކަމަށް ފާހަގަކޮށްފައިވެ އެވެ.

ބުނީ ކީކޭ؟ - މިކަމާ ގުޅިިގެން އަބްދުއްސައްތާރު ހަސަން މިއަދު 'ދައުރު'އަށް ވިދާޅުވީ، ޓިކެޓް އަތުލީ ނާއިސާފުން، ވަކި މީހަކަށް ޓިކެޓް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ކޯޓަކުން ހުކުމެއް ނާންނަހާ ހިނދެއްގައި އެ މީހަކީ މައުސޫމް މީހެއް. މި [ޓިކެޓް އަތުލި] އުސޫލުން ބަލާ ނަމަ، މުޅި ގައުމުގައި ވެސް ތިބެނީ ކުށްވެެރިން. އަޅުގަނޑަކީ ކުށްވެރިއެއް ނޫން،" ކައުންސިލް ރައީސްގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވި އަބްދުއްސައްތާރު ހަސަން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ހަނިމާދުއަކީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުލް ގަފޫރު މޫސާ (ގަޕޯ) ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ދާއިރާގެ މައި ރަށެވެ.

އެމްޑީޕީން މިދިޔަ އޮގަސްޓު މަހު ކައުންސިލް އިންތިހާބަށް ޝައުގުވެރިވާ މީހުން ބެލުމަށް ހުޅުވާލި އިއުލާނުގައި، ޝަރުތުތަކުގެ ގޮތުގައި ބަލާނެ ކަމަށް އޮތީ އެ ޕާޓީގެ މެންބަރަކަށް ވުމާއި ގާނޫނުގައި އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަައް ހަމަވުމެވެ.

އެ ޝަރުތުތަކުގެ ތެރޭގައި އެ މީހެއްގެ މައްސަލައެއް ޕީޖީގައި އޮތުމަކީ އެ މީހަކަށް އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ގެއްލޭ ކަމެއް ނޫނެވެ.

ކޮމެންޓް (1)

ދުރުމި

9 ޖެނުއަރީ 2026
މޑޕ ގެ މާލޭގެ މޭޔަރުކަމަށް ނުކުމެގެން އުޅެނީ މމޕރސ ގެ ބޮޑެއް . އާދަމް އާޒިމް ޕްރައިމަރީ ކާމިޔާބު ކުރިޔަސް މޑޕ ން އޭނަ އާއި ދެކޮޅަށް އެހެން މީހަކު ނެރޭނެ .
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް