ޕީޖީ އައްބާސް ޝަރީފް : އަމިން ކޮންސްޓްރަކްޝަން ސަލާމަތްވި ހުކުމް ގާނޫނީ އުސޫލާ ހިލާފު ކަމަށް ބެލެވޭ ކަމަށް އެ އޮފީހުން ބުނި - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަމިން ކޮންސްޓްރަކްޝަން ސަލާމަތްވި ހުކުމް ގާނޫނާ ހިލާފު ކަމަށް ބެލެވޭ: ޕީޖީ

ޕީޖީ އޮފީހުން މިއަދު ބުނީ ބައްސާމްގެ މައްޗަށް ކުށް ސާބިތުވި މުއާމަލާތާ ގުޅިގެން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދައުވާ ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފުކަމަށް ބެލެވޭ ކަމަށް

އެފްއޭއެމްގެ ފައިސާއިން އަމިން އެވެނިއު ޕެންޓްހައުސްއެއް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް ކަމަށް ބުނާ މައްސަލާގައި އަމިން ކޮންސްޓްރަކްޝަން ސަލާމަތްވި ހުކުމް ގާނޫނާ ހިލާފުކަމަށް ބެލެވޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - މި މައްސާލަގައި ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 23 އަހަރަށް ޖަލަށް ލާން ހުކުމްކުރި އިރު، ކްރިމިނަލް ކޯޓުން ނިންމީ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ތަފްސީލް - ޕީޖީ އޮފީހުން މިއަދު ބުނީ ބައްސާމްގެ މައްޗަށް ކުށް ސާބިތުވި މުއާމަލާތާ ގުޅިގެން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދައުވާ ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފުކަމަށް ބެލެވޭ ކަމަށެވެ.

އެ އޮފީހުން އިތުރަށް ބުނީ:

  • އަމިން ކޮންސްޓްރަކްޝަންގެ ބައި ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ޕީޖީ އޮފީހުން ގަސްތުކުރާ ކަމަށް

  • މި ކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ ޝަރީއަތް ނިމުނުގެ ގޮތުގެ ފުރިހަމަ ރިޕޯޓް މި އޮފީހަށް ލިބުމުން

އެނގުން މުހިންމު - 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.

ނަމަވެސް ބައްސާމާއި އަމިން ކޮންސްޓްރަކްޝަންސްގެ ފަރާތުން ބުނަނީ އެ ލޯނު އެފްއޭއެމަށް ލިބުމުގެ މާ ކުރިން ބައްސާމް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކުންފުންޏަކަށް ކުރާ ދައުވާއަކަށް ވާތީ ކުރިއަށް ދާނެ ގޮތުގެ ދިރާސާއެއް ހަދަން ކަމަށް ބުނެ އަމިންގެ ބައި ދުވަސްކޮޅަކަށް ކޯޓުން މަޑުޖައްސާ ވެސް ލި އެވެ.

ގުޅުން ހުރި  - އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލާގައި ބައްސާމް މިހާރު ވެސް ގެންދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ކޮމެންޓް (1)

ސިކުނޑި

6 ޖެނުއަރީ 2026
އައްބާސްމެން ހިތައް އަރާހާ ގޮތަކަށް ހުކުމް ނެރެން އުޅޭނީ ތާސްކުޅޭއިރު! ބައްސާމު އެޕާޓްމަންޓެއް ގަތީމާ، ނުވަތަ ޑޮލަރު މާރު ކުރަން ބޭނުންވީމާ، ކުންފުންޏަކަށް އިނގޭކަށް ނުޖެހޭ އެއީ ކިހިނެތް ހޯދާފައިވާ ފައިސާއެއްކަން! ފައިސާގައި ވެރިފަރާތް ޖަހާފައި އޮންނަ ނަމަތާ ސުވާލެއްވެސް ކުރަން އިނގޭނީ!! ނުނިޔަތެއްގައި ކުރިޔަސް ތިކަން ބެލެވޭނެ އެއްވެސް ބުއްދީގެ ހަމައެއްނެތް! އެހެންނޫނަސް ރިޕޯޓް ނުލިބެނީސް ތިފަދަ ކޮމެންޓެއް ޕީޖީ ކުރުމަކީ ނާތަހުޒީބު ކަމެއް! އަދި ހަމަހަމަކަން ގެއްލި ވަކި ފަރާތަކަށް ޖެހިފައިވާ ކަމުގެ ހެއްކެއް! ބޮޑަށް ވައްތަރީ އެހެން ކަމެއްކުރަން އުޅޭހެން! އެ ކުންފުންޏަކީ ލާރި އޮތް ކުންފުންޏެއް!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް