އަައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ހިންގަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

15 އަހަރު ފަހުން ލިބުނު ދަރިފުޅު މަރުވުން: ކަންކަން ރަނގަޅު ކުރަން ހުރި ކަމަށް ބުނެ އައިޖީއެމްއެޗުން އެދުނީ މާފަށް

ބައެއް ކަންކަމަށް ސީދާ އެއްބަސް ނުވި ނަމަވެސް ހޮސްޕިޓަލުގެ ފަރާތުން އެއީ މިހާރަށްވުރެ ރަނގަޅު ކުރަން ޖެހޭ ކަންކަން ގަބޫލު ކުރާ ކަމަށް އައިޖީއެމްއެޗްއިން އާއިލާއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވޭ

ދެމަފަރިއަކަށް 15 އަހަރު ފަހުން ލިބުނު ދަރިފުޅު އުމުރުން އަށް މަހުގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މައްސަލައިގައި އަމާޒުވި އިހުމާލުގެ ބައެއް ތުހުމަތުތަކަކީ ރަނގަޅު ކުރަން ހުރި ކަންކަން ކަމަށް ގަބޫލު ކުރާކަން ފާހަގަކޮށް، އެކަމަށް އެއާއިލާގެ ކިބައިން އެ ހޮސްޕިޓަލުން އިއްޔެ މައާފަށް އެދެފި އެވެ.

ވީ ކިހިނެއް؟ - އަށް މަހުގެ ޔޫނުސް ހުސައިން އަބްދުﷲ ގދ. ތިނަދޫ/އަލަމާވިލާ,، މާ ބޮޑަށް ކެއްސާތީ އައިޖީއެމްއެޗްއަށް ގެންދިޔަތާ  ހަފްތާއެއް ފަހުން، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ، މިދިޔަ ޖުލައި މަހު ފަހުކޮޅު އެވެ. އެގޮތުން:

  • މިކަމާ ގުޅިގެން ޔޫނުސްގެ އާއިލާގެ ފަރާތުން އައިޖީއެމްއެޗްއަށް އިހުމާލުގެ ތުހުމަތުތަކެއް ކުރި އަދި އެ މައްސަލަ ބަލަމުންދާކަމަށް ހެލްތު މިނިސްޓްރީން އޭރު ބުނެފައިވޭ

  • އައިޖީއެމްއެޗްގެ ކަމާ ބެހޭ ކޮމިޓީން އެ މައްސަލަ ބަލައި، އާއިލާއާ އެކު މިދިޔަ ބުދަދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަން ހިނގާފައިވާ ގޮތް ހިއްސާކޮށްފައިވޭ

  • އެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް ހިމެނޭ ހުލާސާއެއް އިއްޔެ އާއިލާއިން ލިޔުމުން ފޮނުވައިވޭ

ތަފްސީލު - އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އައިޝަތު ޒައިބާ އަހްމަދު ސޮއިކޮށް އާއިލާއަށް ފޮނުވި ތިން ސަފްހާގެ ސިޓީގައި އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޔޫނުސް ނިޔާވެފައިވާތީވެ، "ހޮސްޕިޓަލުގެ ފަރާތުން އިހްލާސްތެރިކަމާ އެކު ނިހާޔަތަށް މައާފަށް" އެދިފައިވެ އެވެ. އަދި އާއިލާގެ ފަރާތުން ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދިނެވެ.

ބައެއް ތުހުމަތުތަކަށް ހުރީ ސީދާ އެއްބަސް ނުވެ، ނަމަވެސް ހޮސްޕިޓަލުގެ ފަރާތުން އެއީ ރަނގަޅު ކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.

އާއިލާއިން ކުރި ބޮޑު އެއް ތުހުމަތަކީ، ބަލީގެ ސިީރިއަސްކަން ދެނެގަތުން އައިޖީއެމްއެޗްއަށް ލަސްވުމެވެ. އެ ތުހުމަތަށް އެ ސިޓީގައި ބުނީ، ބަލީގެ ސީރިއަސްކަން އެންމެ އަވަސް މިނުގައި ދެނެގަތުމަށް ޑޮކްޓަރުންނަށް އުނދަގޫތަކެއް ވީ، "އާންމު ވައިރަލް ހުމެއްގައި ވެސް ހުންނާނެ ފަދަ އަލާމަތްތަކެއް" ޔޫނުސްގެ ހުރުމުން ކަމަށެވެ.

"އާންމުކޮށް ދިމާވާ ވައިރަލް ބައެއް ހުންތަކުގައި ވެސް ލިވާ އެންޒައިމްސް އެލަވޭޓްވުމަށް ފަހު، ނޯމަލްވެ އެވެ. ނަމަވެސް ޕޭޝަންޓު [ޔޫނުސް]ގެ ފެންނަ އިތުރު އަލާމާތްތައް ނުވަތަ ސިމްޕްޓަމްތަކަށް ބަލައި އިތުރު ޓެސްޓުތައް ހަދައި، ފަރުވާ އަވަސްކުރުމުގެ މުހިންމުކަން ގަބޫލުކުރަމެވެ," އެ ސިޓީގައި ލިޔެފައިވެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި އޮޕަރޭޝަން ތިއޭޓަރުގައި ޑޮކްޓަރުންތަކެއް ހަރަކާތްތެރި ވަނީ (ފޮޓޯ/އައިޖީއެމްއެޗް)

ލެބޯޓަރީ ޓެސްޓުތަކުގެ ނަތީޖާ ހިމެނޭހެން ޔޫނުސް ބަލީގެ ހާލަތާ ބެހޭ މައުލޫމާތު އެކަށީގެންވާ އަވަސް މިނެއްގައި ހިއްސާ ނުކުރާ ކަމަށް އާއިލާއިން ބުނެފައިވެ އެވެ. އެ ތުހުމަތުތަކަށް ހޮސްޕިޓަލްއިން ބުނީ:

  • ބަލީގެ ހާލަތާއި ހެދެމުންދާ ޓެސްޓުގެ ނަތީޖާ އާއި ފަރުވާ ކުރިއަށްދާ ގޮތަކީ، އެކަށީގެންވާ އަވަސް މިނެއްގައި ބަލި މީހާއާ ނުވަތަ މި ހާލަތުގައި އާއިލާއާ ހިއްސާ ކުރެވެން ވާނެ މައުލޫމާތު ކަމަށް

  • "ބަލި މީހުންނާއި އާއިލާއާ އެކަށިގެންވާ ގޮތަށް މުހާތަބުކޮށް ފުރިހަމަ މައުލޫމާތު ދިނުމަކީ އަޅުގަނޑުމެން މިހާރަށް ވުރެ ރަނގަޅު ކުރެވިދާނެ ކަމަށް ގަބޫލު ކުރަމެވެ."

އޭގެ އިތުރުން، ސަރުކާރު ބަންދު ދުވަސްތަކެއް އައުމުގެ ސަބަބުން އަލްޓްރާ-ސައުންޑު ސްކޭން ހެދުން ލަސްވި ލަސްވުމަށް ސިޓީގައި ބުނީ، އެޑްމިޓްކޮށްފައިވާ ބަލި މީހެއްގެ ސްކޭން އެގޮތަށް "ލަސްވެގެން ވާނެ ކަމަށް ގަބޫލުނުކުރާ" ކަމަށެވެ. އަދި ހޮސްޕިޓަލުން އެކަން ކުރިއަށް އޮތް ތަނުގައި "އިތުރަށް ހަރުދަނާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން" ދީފައިވެ އެވެ.

ބަންދު ދުވަހަކަށް ވުމުން، ރާއްޖޭން ބޭރަށް ދިޔުމަށް އާސަންދަ ހަމަޖެއްސުމާއި ޕާސްޕޯޓު ހަދަން ވެސް އާއިލާއަށް ދަތިތައް ކުރިމަތިވި އެވެ. އެކަމަށް ސިޓީގައި ބުނެފައި ވަނީ: 

  • ރާއްޖެއިން ބޭރަށް ބަލިމީހާ ރިފާ ކުރުމަށް ފަހު، ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުގެ ގުޅުން ހުރި އިދާރާތަކާ (އާސަންދަ/އެންސްޕާ) ހިމެނޭހެން އެ އާއިލާއިން ގުޅިގެން ކުރާ މަސައްކަތެއް؛ އަދި މިހާތަނަށް އެކަން ކުރަމުން އައީ ވެސް އާސަންދަ އާއި އެންސްޕާ އާއި އާއިލާތައް ގުޅިގެން އާއިލާތަކުގެ ފަރާތުން އެ އިންތިޒާމް ހަމަޖައްސާ ގޮތަށް

  • ނަމަވެސް އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ގޮތަށް، މިފަދަ ހާލަތެއް ދިމާވެފައިވާ ބަލިމީހަކަށް ނުވަތަ އެ އާއިލާއަކަށް މިކަމުގައި އިތުރު މަގު ދައްކައިދިނުމާއި އެހީތެރިކަން ބޭނުންވާކަން މިހާރު ހޮސްޕިޓަލަށް ވަނީ ދެނެގަނެވިފައި

"އަދި މިފަދަ ކަންކަމުގައި ބަލި މީހުންނާއި އާއިލާއިން އުފުލާ ތަކުލީފުތައް މިހާރަށް ވުރެ ކުޑަކޮށް، މިކަންތައްތައް ސަރުކާރުގެ ކަމާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން މިހާރަށް ވުރެ ފަސޭހަވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންތެރިކަން ގަބޫލުކުރުމެވެ،" އެ ތަކުލީފުތައް ލުއިކުރުމަށް ހަމަޖެއްސިދާނެ ގޮތަކާ މެދު އެ އިދާރާތަކާ އެކު މަސައްކަތް ކުރާނެކަން ފާހަގަކޮށް، ސިޓީގައި ލިޔެފައިވެ އެވެ.

ސިޓީގައި އިތުރަށް ބުނީ، ހޮސްޕިޓަލުގެ އަމާޒަކީ، ރައްކާތެރި އަދި ފުރިހަމަ ސިއްހީ ފަރުވާއެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"ޔޫނުސް ހުސައިން އަބްދުﷲ މި ހޮސްޕިޓަލުގައި ނިޔާވުމާ ގުޅިގެން މި ހޮސްޕިޓަލުގެ ފަރާތުން އަދިވެސް އެއްފަހަރު ނިހާތަނަށް މައާފަށް އެދެވެ،" ސިޓީ ނިންމާލަމުން ބުންޏެވެ.

އައިޖީއެމްއެޗްގެ ބަސް - މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލްއާ މިއަދު 'ދައުރު'ން ސުވާލު ކުރުމުން ފުރަތަމަ ވިދާޅުވީ ޗެކް ކުރުމަށްފަހު ޖަވާބެއް ދޭނެ ކަމަށެވެ. އަދި އޭގެ ދެ ގަނޑި އިރުފަހުން ވިދާޅުވީ، މިއަދަކީ ބަންދު ދުވަހެއް ކަމުން ހޮސްޕިޓަލުގެ މެއިލްއަށް ސުވާލުތައް ފޮނުވުމަށެވެ. އަދި އޮފީސް ހުޅުވުމުން، ޖަވާބު ދޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް