އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ކުޑަކުއްޖަކަށް ފަރުވާ ދެނީ

މަރު

އެ ދަރިފުޅު ލިބުނީ 15 އަހަރު ފަހުން؛ ގެންގުޅެން ލިބުނީ އަށް މަސް

އާއިލާއިން ތުހުމަތު ކުރާ ގޮތުގައި، ފުރަތަމަ ފިރިހެން ދަރިފުޅު ކުއްލިއަކަށް ވަކިވުމުގައި ހޮސްޕިޓަލުގެ އިހުމާލު އެބައޮތް

އުމުރުން 40 އަހަރަށް ވުރެ މަތިވި ފަހުން ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅާ އެކު، އެ އާއިލާގެ އުފާވެރިކަން ހުރީ އިންތިހާގަ އެވެ. ކުރިން ދެ އަންހެން ދަރިން ލިބުނު ނަމަވެސް، އެ ދެމަފިރިންނަށް ފިރިހެން ކުއްޖެއް މި ލިބުނީ 15 އަހަރު ފަހުންނެވެ. އެހެންވެ، އެ ދެމަފިރިންނާއި ހުރިހާ ކުދިންގެ ވެސް ދިރިއުޅުން އެނބުރުނީ، ކޮއްކޮ ޔޫނުސް ހުސައިން އަބްދުﷲ ވަށައިގެންނެވެ.

އެކަމަކު އެއީ ކުރު މުއްދަތެއްގެ ހިތްހަމަޖެހުމެކެވެ. މާ ބޮޑަށް ކެއްސާތީ އުމުރުން އަށް މަހުގެ ޔޫނުސް ހޮސްޕިޓަލަށް ގެންދިޔަތާ ހަފުތާއެއް ފަހުން އެތަނުން ނެރުނީ ކުއްޖާގެ ފުރާނަ ނެތް ހަށިގަނޑެވެ. ކޮއްކޮއާ އެކު އާއިލާގެ ހުރިހާ އުފަލެއް ވެސް ވަޅުޖެހުނީ އެވެ.

"އެއީ ހަމަ އަޅުގަނޑުމެންގެ ފެމެލީގެ ޖޯއީ. އެހާ ދުވަސްކޮށްފައި ކޮއްކޮއެއް ލިބުނީމާ އެންމެން ވެސް އުޅުނީ ވަރަށް އުފަލުން،" ޔޫނުސްގެ ދޮށީ ދައްތަ ޔުނާލް ހުސައިން ބުންޏެވެ.

"ހެނދުނު ހޭލައިގެން ކޮއްކޮ ކައިރިއަށް ނުގޮސް، އެކަކު ވެސް އެއްތާކަށް ވެސް ނުދާނެ." 

އާއިލާއިން ބުނަނީ އިހުމާލެކޭ

ޔުނާލް ބުނި ގޮތުގައި، ކޮއްކޮއަކީ އުފަންވީއްސުރެ ސިއްހަތު ރަނގަޅު ކުއްޖެކެވެ. ކާންދޭން ފަސޭހަ، އެއްގޮތަކަށް ވެސް ނުރޯ، އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ. އެކަމަކު މި މަހުގެ 18 ވަނަ ދުވަހު ފުރަތަމަ ކޮއްކޮ އައިޖީއެމްއެޗުގެ އީއާރަށް ގެންދިޔައީ މާ ބޮޑަށް ކެއްސައި ހޮޑުލައި އާދަޔާހިލާފަށް ރޯތީ ކަމަށް ބުންޏެވެ.

ފުރަތަމަ ދުވަހު ބޭސް ދީފައި ދޫކޮށްލި ނަމަވެސް ދެ ވަނަ ދުވަހު އެޑްމިޓްކުރި އެވެ. އެކަމަކު ކޮއްކޮގެ ހާލަތު ދިޔައީ ދަށަށެވެ. އައިވީ ގުޅާފައި ބޭއްވިތާ ދެ ދުވަސް ފަހުން ކުއްޖާގެ ސިފަ ވެސް ނޭނގޭ ވަރަށް ދުޅަވާން ފެށި ކަމަށާއި އޭރު ވެސް ކޮންމެ ދުވަހަކު ވެސް ޓެސްޓުތައް ހަދަން އެކި ކަހަލަ ސާމްޕަލްތައް ނަގަމުން ދިޔަ ކަމަށް ޔުނާލް ބުންޏެވެ.

"އައިވީ ހުއްޓާލާފައި ބުނީ ލިވާގެ އެންޒައިމެއް ވަރަށް ބޮޑަށް މަތިވެގެން ދުޅަވަނީ ކަމަށް. އެކަމަކު އެއީ ކޮން އެންޒައިމެއް، ކީއްވެގެންވާ ކަމެއް، މަތިވަނީ ކިހިނެއް ވެގެން ކަމެއް ވެސް ނުބުނޭ. އެއްވެސް ތަފްސީލެއް ނުދޭ،" އޭނާ ބުންޏެވެ.

އައިވީ ހުއްޓާލުމުން، ޔޫނުސްގެ ހާލު ކޮންމެވެސް ވަރަަކަށް ރަނގަޅުވި އެވެ. ބަނޑު ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުން ދުޅަ ތިރިވި އެވެ.

އެކަމަކު ޔުނާލްގެ ޝަކުވާއަކީ އެހާ ހިސާބަށް ވެސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކޮއްކޮ ބަލަން އައިސްފައިނުވުމެވެ. އަބަދުވެސް އަންނަނީ، މެޑިކަލް އޮފިސަރެއް ނޫނީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ކަމަށާއި "ޗާޓް ޗެކްކޮށް، ކޮއްކޮގެ ބުރަކަށީގައި ކަށިގަނޑު ޖައްސާލައި މާ ބޮޑު އެއްޗެއް ނުބުނެ ދަނީ" ކަމަށް ބުންޏެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް އައީ ކޮއްކޮގެ ހާލަތު އަނެއްކާވެސް ދަށްވާން ފެށުމުން، ބައްޕަ ނަރުހަކާ ދިމާއަށް ހަޅޭއްލަވައިގަތުމުން ކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރު އައިސް ރިޕޯޓުތައް ބަލާފައި ބުނީ، ލިވާ ހަލާކުވަނީއޭ ބޭރަށް ދާން ތައްޔާރުވާށޭ. އެހާ ތަނަށް އަޅުގަނޑުމެންނަކަށް ނޭނގޭ މިހާ ސީރިއަސް ވަމުންދާ ކަމެއް،" ޔުނާލް ބުންޏެވެ.

އޭނާ ބުނީ މިދިޔަ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއް ކަމުން، ރާއްޖޭން ބޭރަށް ދިޔުމަށް އާސަންދަ ހަމަޖެއްސުމާއި ޕާސްޕޯޓު ހަދަން ވެސް ދަތިތައް ކުރިމަތިވި ކަމަށެވެ. ރިފަރެލް ލެޓާ އާއި އާސަންދަ އާއި އެހެން އިންތިޒާމްތައް ވެސް ހަމަޖައްސަން ޖެހުނީ 'ވަރަށް ބޮޑަށް އާދޭސްކޮށްގެން' ކަމަށް ބުންޏެވެ.

ޔޫނުސް ފުރަން ހަމަޖެހުނީ ހޮނިހިރު ދުވަހެވެ. އެކަމަކު ހުކުރު ދުވަހު ކުއްޖާ އަނެއްކާވެސް މާ ބޮޑަށް ދުޅަވެ، ފުުރާނަ ދިޔައީ އެވެ. އެންމެ ފަހު ވަގުތު ސީޕީއާރު ދޭން މަސައްކަތް ކުރި ނަމަވެސް، އެ ވަގުތު އަނގަޔާއި ނޭފަތުން އައީ ހުސް ލޭ ކަމަށް ބުންޏެވެ. ޝޮކް ޖައްސުވާ މެޝިން ހުރި ނަމަވެސް، އެ ހުރީ ބޭނުން ކުރެވޭ ހާލަތެއްގައެއް ނޫން ކަަމަށާއި ހުރިހާ ކަމެއް ކުރަން ޖެހުނީ މެނުއަލްކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޫނުސްގެ މަރުގެ ސެޓްފިކެޓްގައި އޮތީ، އަށް މަހުގެ ތުއްތު އެ ކުއްޖާ މަރުވީ ލިވާ ފެއިލްވެގެން ކަމަށެވެ. އަދި އެ ކުއްޖާގެ ހާލަތު ދެނެގަނެވުމާއި މަރުވުމާ ދެމެދު ހަތް ދުވަސް ހޭދަވި ކަމަށް އޭގައި އޮތެވެ.

"ދެން ވިސްނާލައްވާ. ހަތް ދުވަސް ކުރިން ޑޮކްޓަރުންނަށް އެނގިއްޖެ ކޮއްކޮގެ ލިވާ ފެއިލްވަމުންދާ ކަމަށް. އަޅުގަނޑުމެން ގާތު އެހެން ބުނި ނަމަ، މިއަށް ވުރެ ރަނގަޅު ފަރުވާ ހޯދުމަށް، އެހެން ހޮސްޕިޓަލަކަށް ނޫނީ ރާއްޖޭން ބޭރަށް ދާން މަސައްކަތް ކުރެވުނީސް ނޫންތޯ،" ޔުނާލް ބުންޏެވެ.

"މިއީ ހަމަ ވަރަށް ބޮޑު އިހުމާލެއް."

އާއިލާގެ މި ތުހުމަތުތަކާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ބަހެއް އަދި ނުލިބެ އެވެ.

ޔުނާލް ބުނީ ކޮއްކޮގެ މަރުން މަންމަ އާއި ބައްޕައަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. ފަނަރަ އަހަރަށް ފަހު ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅުގެ މަރަށް ފަހު، އެންމެން ވެސް ތިބީ ޝޮކުގަ އެވެ.

ޔުނާލްގެ ދެކޭ ގޮތުގައި އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ، އެންމެ ރަނގަޅަށް ފަރުވާ ދިން ނަމަ، ކޮއްކޮގެ ފުރާނަ ސަލާމަތްކުރެވުނީސް ކަމަށް ހިތަށް އަރާފަ އެވެ.

ކޮމެންޓް (11)

ރަދުން

30 ޖޫން 2025
އެހާ އުނދަގުލުން ދަރިން ނުހޯދަ، ހާލުގައި އުޅޭ ކުޑަކުދިން އެޑޮޕްޓް ކޮށްގެން ބަލަންވީނު ދޯ.
1 7

ރޯނޭ

2 ޖުލައި 2025
@ރަދުން ފާޑުކިޔަން ގޮތް ކިޔަން ދިވެހިން 1 ވަނަ. އެހެންމީހުންނަށް ގޮތް ކިޔާދޭމީ ފުރަތަމަ އެކަން ކޮއްބަލަ.
3 0

އެމްއޯ

29 ޖޫން 2025
ވަރަށްވެސް ހިތާމަވެރި ހާދިސާއެއް. މިކަހަލަ ކަންކަން ތަކުރާރުވަނީ ރާއްޖޭގަ މެޑިކޯ ލީގަލް ނިޒާމެއް ނެތުމުން. ސަރުކާރުތަކުން ކުރަނީ ވައްކަން، ފެސިލިޓީސް ތަރައްގީ ނުކުރޭ.
10 1

ހުދުހުދު

29 ޖޫން 2025
އޭ އަސްލުވެސް ދިވެހިން ޓެކްސް ދައްކާ ވަރާ އަޅާ ބަލާފަ އެއްވެސް ހާލެއްގަ ޤަބޫލުކުރެވޭ ކަމެއް ނޫން... އެކަމަކު އެންސްޕާ ސްޕޯކްޕާރސަންއަކަސް އާސަނދަ ބާކޮށްލިޔަސް މީ ބޮޑުވަރު، އެއްވެސް ޙާލެއްގަ ޢާއިލާގެ މައްސަލައެކޭ ބުނުންވެސް ކަޑަ އެޔޮތީ އެއް ހަފްތާވިޔޭ ގައިމު >.< ... މާތް ކަލާނގެ މި ދެމަފިރިންގެ ހިތާމަ ލުއި ކުރަށްވާށި.
4 0

އަސްމާ

29 ޖޫން 2025
އާއިލާއަށް ކެތްތެރިކަން ދެއްވާށި- އާމީން. ދިވެހިން އާސަންދަ އަދި އެންސްޕާއަށް ބަރޯސާ ވުމަކީ ދެރަކަމެކެވެ. ކިރިޔާވެސް ދެވޭނަމަ އަމިއްލަ އަށް ހަރަދުކޮށްގެންވެސް ބޭރު ގައުމަކަަށް ދިއުން މަގޭ ނަސޭހަތަކީ.
12 0

ކޮއްކޮ ދައްތަ

29 ޖޫން 2025
@އަސްމާ އަމިއްލަ ގޮތުން ވެސް ބޭރަށް ދާން އާއިލާ ތިބީ ތައްޔާރަށް، އެކަމަކު ކުޖާ އޮސްސިޖަން ނުލާ ނުދެވޭތީ، އާއިލާގެ ސަރުކާރުގެ މަތީ ފަންތީގެ މީހަކު ނެތީމަ އެއް ހުދަ ނުލިބިފަ އޮތީ..
4 0

ނުބުނާތިނުބުނަމޭ

29 ޖޫން 2025
މިޒަމާނުގަ ދަރިން ހޯދުން ދިރާސާއިން ދައްކަނީ ވަރަށް ބޭކާރު، ޚަރަދުބޮޑު އަދި ނިމޭއިރު އެއްވެސް ފައިދާއެއް ނުވާ ކަމެއްގެ ގޮތުގަ.
2 22

ރަދުން

30 ޖޫން 2025
@ނުބުނާތިނުބުނަމޭ ރަނގަޅު ވާހަކައެއް. ދަރިން ހޯދާނެކަމެއް ނެއް
0 1

ނަން

29 ޖޫން 2025
ދިސް ބްރޯކް މައި ހާޓް.
7 0

ތެފައާސާ.

29 ޖޫން 2025
ސިއްހީ ނިޒާމުގެ ފެންވަރު އޮތީ އެހާމެ ދަށުގައި. ބޭސް ލިބުން އެހާ އުނދަގޫ. އާސަންދަ/އެންސްޕާ ހޯދަން މިހާ ތުރާލުގައި އުޅެން ޖެހުނު ޒަމާނެއް އަދި ނާދޭ. މި ހުރިހާ ކަމެއް މިހެން ހުއްޓަސް ރައީސް މުއިއްޒު އިސްކަންދެއްވާކަމަށް ފެންނަނީ ނުކަތާވަރަށް ސިޔާސީ މީހުން އައްޔަންކޮށް، އެ ބައިގަނޑަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ އިސްރާފު އެނގިދާނެތީ އެއީ ކިހާ އަދަދެއްގެ ބައެއްކަން ފޮރުވަން ފޫގަޅައިގެން ހުންނެވިތަން. ހިތާމަހުރި.
12 1

އައިޝާ

29 ޖޫން 2025
މަންމަ އާއި ބައްޕަ ކައިރީގަ ބުނޭ ނުރޮއި ކެތްތެރިވާށޭ. ﷲ ގެ ހަޟްރަތުގައި ކެތްތެރިންނަށް ވަނީ އުފާވެރި ހަބަރޭ. ފަހުން ލިބެން އޮތް ނަސީބު މާބޮޑުވެފައި އުފާވެރިއޭ. ކުޑަކުޑަ ދަރިފުޅަށް މާތްﷲ ސުވަރުގެ މިންވަރު ކުރައްވާށި. ލޮބުވެތި މައިންބަފައިންނަށް ކެތްތެރިކަން ދެއްވާށި. ދުއާ އަކީ އަޅުގަނޑަށާއި ދަރިން ލިބުމުގެ އުފަލުން މަހުރޫމުވެފައި ތިބި އެންމެހައި މުސްލިމުންނަށް އެކަލާނގެ ދަރީން ދެއްވުން. އާމީން
37 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް