ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/އެމްއޭސީއެލް)

ބިން ހިއްކުން

ހިލޭ ބިން ދޭން ތާއީދެއް ނުކުރަން، އެކަމަކު ރައްޔިތުން އެދޭތީ ދިނުން މައްސަލައެއް ވެސް ނޫން: މުއްތޮލިބް

ރަސްމާލޭން ހިލޭ ބިން ދޭން ސަރުކާރުން ނިންމީ ދާއިމަށް ހިލޭ ބިން ދިނުމަކީ ތާއީދުކުރެވޭ ހައްލެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މުއްތޮލިބް މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވަނިކޮށް
28 ޑިސެމްބަރު 2025
3

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބުގެ އަމިއްލަ ހިޔާލަކީ ހިލޭ ބިން ނުދިނުން ކަމަށާއި ނަމަވެސް ރައްޔިތުން އެދޭނަމަ ދިނުމަކީ މައްސަލައެއް ވެސް ނޫން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ނަމުގައި މި ސަރުކާރުން ތަރައްގީކުރާ ރަށުން 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ މިދިޔަ ނޮވެމްބަރު މަހު އިއުލާންކޮށްފަ އެވެ.

އޭގެ ކުރިން މިދިޔަ 25 އޭޕްރީލްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެވަޑައިގެން މިނިސްޓަރު މުއްތޮލިބް ވިދާޅުވެފައިވަނީ މި ގޮަތަށް ދިގު މުއްދަތަކަށް ހިލޭ ބިން ދިނުން ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް އެފަދަ މުހިންމު ކަމެއް ބަދަލުކުރުމަކީ އޭނާއަށް އެކަނި ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށް ވިދާޅުވި އެވެ. އެކަން ބަދަލުކުރަން ގާނޫނަށް އިސްލާހު ގެނެސްދިނުމަށް ވެސް އެ ދުވަހު އޭނާ މަޖިލީހުގައި އެދިވަޑައިގަތެވެ.

ބުނީ ކީކޭ؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތޮލިބް އޭރު ދެއްކެވި ވާހަކައާ ގުޅޭ ގޮތުން 'ދައުރު'އިން ސުވާލުކުރުމުން މިއަދު ވެސް އޭނާ ތަކުރާރުކުރައްވައި ވިދާޅުވީ "އައިޑިއޮލޮޖިކަލީ [އެ ވިސްނުން] ގަބޫލެއް ނުކުރަން، ސަރުކާރުން މިހާ ހަރަދުކޮށްފައި ކުރާ ކަމެއް، އެ ހިލޭ ދޭން ވާނެ،" ކަމަށެވެ.

އެހެން ނަމަވެސް ހިލޭ ބިން ދޫކުރުމުގެ ސިޔާސަތު މި ސަރުކާރުން ދަމަހައްޓަން ޖެހުނު ސަބަބު ވެސް މިނިސްޓަރު ސާފުކޮށްދެއްވި އެވެ. އެންމެ ބޮޑު ސަބަބަކީ ޒަމާނުއްސުރެން ފެށިގެން ދައުލަތުގެ ބަންޑާރަ ބިން ހިލޭ ގޯތީގެ ގޮތުގައި ދޫކުރަމުން ގޮސްފައިވުމާއި، ހިލޭ ގޯތި ދޫކުރަން ޖެހޭނެ ކަމަށް ދިވެހިން ގަބޫލުކުރާތީ އެވެ.

"ގޯތި ދިނުމަކީ ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެންމެ އަސާސީ އެއް ކަންތައް. އެހެންވެ ރައްޔިތުން ގަބޫލުކުރޭ ހިލޭ ގޯތި ލިބެން ވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ރަށްރަށުގައި މިހާރު ވެސް ހިއްކާ ބިންތަކުން އެ ރަށު ކައުންސިލުން ހިލޭ ގޯތި ދޫކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ފުރުސަތު މާލޭގެ ރައްޔިތުންނަށް ވެސް ލިބެން ޖެހޭނެ ކަމަށް އެ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ރަށްރަށުގެ ބިން ހިއްކަންދާ ހަރަދާއި މާލޭ ސަރަހައްދަށް ބިން ހިއްކާ ވަރާ ބަލާއިރު މާ ބޮޑު ފަރަގެއް ނެތް ކަމަށް ދޭހަވާ މޭރުމަކުން ވެސް މިނިސްޓަރު ވާހަކަ ދެއްކެވި އެވެ.

"ރަށްރަށުގައި ހިއްކާ ބިން ވަކި އަގުހެވެއް ނޫން މާލެއަށްވުރެ. ހަމަ އެއްވަރަކަށް ހަރަދުކޮށްގެން ހިއްކަނީ. އެހެންނަމަވެސް މާލެ ސަރަހައްދުގައި މި މައްސަލައަކަށް ވަނީ މި ސަރަހައްދުން ބިމުގެ ވެލިއު ބޮޑުވީމަ،" މިނިސްޓަރު ވިދާޅުވި އެވެ.

ރަށްރަށުގައި ގޯތި ދޫކުރާ އުސޫލުން މާލޭ ސަރަހައްދުގައި ހިއްކާ ބިމުން ހިލޭ ގޯތި ދޫކުރުމަކީ ސަރުކާރަށް ކުރެވެން އޮތް ކަމަކަށް ވާނަމަ 'މައްސަލައެއް' ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް (3)

ބެއްޔާގެ ދަރި

29 ޑިސެމްބަރު 2025
މާލެ އަތޮޅު ކޮންމެ ފަޅެއް ހިއްކިޔަސް އެއީ މާލޭ މީހުންންށް ގޯތި ދިނުން ލާޒިމް ތަނަކަށް ވެފައި މިއޮތީ. މާލެ އަތޮޅު ފަޅު ހިއްކައިގެން ރިސޯޓެއް ހަދާ ނަމަ އެ ތަނަކުން ހިއްސާ ވެސް މާލޭ ރައްޔިތުންނަށް ދޭންޖެހޭ ހިސާބުގައި މިކަން މިއޮތީ
1 2

ސިކުނޑި

28 ޑިސެމްބަރު 2025
މިއަށޭ ކިޔަނީ ދެ އުޅި އެއްނުވާ ވާހަކައޭ! ތާއީދެއް ނުކުރޭ އެކަމަކު، ދިނުން މައްސަލައެއްވެސްނޫން!
2 1

ސުޖާއު

29 ޑިސެމްބަރު 2025
@ސިކުނޑި ވަރަށް ރަގަޅު ވާހަކަ އެއް... ހިލޭ ބިން ދީގެންނުވާނެ ހުރިހާރައްޔިތުންގެ ހައްގުގަ...
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް