މާލެ މާރުކެޓް ސަރަހައްދުން ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ތަރައްގީއަށް ގަސް ކަނޑަން ޖެހިދާނެ؛ އެކަމަކު މާ ގިނައިން އިންދާނަން: ތޯރިގު
ތަރައްގީގެ މަޝްރޫއުތަކުގައި ބައެއް ފަހަރު ގަސް ކަނޑަން ޖެހޭ ކަމަށާއި މުހިންމީ ތިމާވެއްޓަށް ކުރާ ގެއްލުން ވީހާ ވެސް ކުޑަކޮށް ތަރައްގީ ގެނައުން ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައިި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ސުވާލު އަމާޒުކުރީ ބޮޑުތަކުރުފާނު މަގު ހަދާ މަޝްރޫއުގެ ދަށުން އެ މަގުގައި ހުރި ދުވަސްވީ ގަސްތައް ކަނޑާ މައްސަލައިގަ އެވެ.
ބުނީ ކީކޭ؟ - ތޯރިގު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގައި އެ ލިބޭ ކުރިއެރުމާ އެކު ކޮންމެވެސް ކަހަލަ ނޭދެވޭ އަސަރުތަކެއް ވެސް ފޯރާނެ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އެފަދަ ނޭދެވޭ އަސަރުތައް ކުޑަކުރަން ފާހަގަކޮށް ތޯރިގު އިޝާރާތްކުރެއްވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށެވެ. ވިދާޅުވީ ކަނޑާ ގަސްތަކަށް ވުރެ އިންދާ ގަހުގެ އަދަދު މާ ގިނަވާނެ ކަމަށެވެ.
"ތަރައްގީގެ މަޝްރޫއެއްގައި ހުންނާނެ ގަސް ނަގަން ޖެހޭ ހާލަތު ވެސް. މަގެއްގެ މެދުގައި ގަހެއް ހުރެއްޖެ ނަމަ އެ ގަސް ނަގަން ޖެހޭ ހާލަތެއް އޮވެއްޖެއްޔާ އެ ގަސް ނަގާނެ. ބައެއް ފަހަރު އެ ގަސް ނަގައިގެން ގޮސް އެހެން ތަނެއްގައި އިންދޭ ކަހަލަ ގަސް ހުންނާނެ. އެހެން ނޫނީ ކަނޑަން ޖެހޭ ހާލަތު ހުންނާނެ،" ތޯރިގު ވިދާޅުވި އެވެ.
"ގަސް ބަހައްޓައިގެން ނުކުރެވޭނެ ތަރައްގީ ވެސް ހުންނާނެ. އެކަހަލަ ހާލަތްތަކުގައި ގަސް ނަގަން."
މަޝްރޫއުތައް ހިންގާއިރު ބައެއް ފަހަރު ގަސްތައް އެހެން ތަންތަނަށް ވެސް ބަދަލުކުރާއިރު، ބައެއް ގަސްގަހަކީ، ތޯރިގު ވިދާޅުވި ގޮތުގައި, އެގޮތަށް ހުރި ތަނަކުން ނަގައިފި ނަމަ ދެން ނުހެދޭނެ ގަސްގަހެވެ.
ވިލިމާލޭގެ 2 ނިކަގަސް؛ ނުކަނޑާ ވޭތޯ މަސައްކަތް ކުރިން
މި ފަހުން ވިލިމާލޭގެ ރައްޔިތުން އެދިގެން އެ ރަށުގައި ހުރި، ދުވަސްވީ އަދި ހިމާޔަތްކޮށްފައިވާ ދެ ނިކަގަސް ކަނޑާލަން ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ގޮތުން 'ދައުރު'ން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ އެ ދެ ގަސް ކަނޑާނުލާ ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
"އަޅުގަނޑު ޕާސަނަލީ މީގެ 10 އަހަރު ކުރިން އެތަންތަނަށް ދިޔައިން. ގޮސް ބެލިން، އެ ގަސްތައް ބަހައްޓައިގެން ކުރެވޭނެ ކަމަކީ... ކައިރީގައި ހުރި ގޭގެއަށް ލިބިފައި ހުރި ގެއްލުމާއި މިދިޔަ 10 ވަރަކަށް އަހަރު ނޫނީ އެއަށް ވުރެ ގިނަ އަހަރު އެ މީހުން އުޅުނު ހާލު [ގެއްލުން ލިބުނީމަ]،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގަސްގަހުގެ މޫ ސާފުކޮށް، ކަނޑައިގެން ވެސް އެ މައްސަލައަށް ހައްލެއް ނުލިބުނު ކަމަށެވެ. ނަމަވެސް އާންމުންނަށް އެހާ ބޮޑެތި ގެއްލުން ލިބޭ ހާލަތްތަކުގައި, އޭނާ ވިދާޅުވީ, ކޮންމެވެސް ހައްލެއް ހޯދަން ޖެހޭނެ ކަމަށެވެ.
ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން އިންދި ބައެއް ގަސްތައް މިހާރު މަރުވެފައިވާއިރު، މިނިސްޓަރު ވިދާޅުވީ "މަރުވެއްޖެއްޔާ އަޅުގަނޑުމެން [ބަދަލުގައި ގަހެއް] އިންދާނެ" ކަމަށެވެ. މަރުވުމުގެ އިތުރުން ބައެއް ކުދިކުދި ގަސްތައް އުފުރާ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ.
"އަޅުގަނޑުމެން ވަރަށް ހެޔޮ ނިޔަތުގައި މިކަންކަން މި ކުރަނީ. ކުދި ގަސް ބޮޑެތި ވާނީ. ކުދި ގަސް ވެސް، ވަރަށް ރަނގަޅު ގަސް ޖަހާފައި އެ ހުރީ. ހައިވަކަރު ވެސް އަޅުގަނޑު ހަނދާން ވަނީ، 100 އަށްވުރެ ގިނަ ގަސް އެތަނަށް ގެންދިޔައިން،" ތޯރިގު ވިދާޅުވި އެވެ.