8 އޮކްޓޯބަރު 2024. މި ސްކީމާ ގުޅިގެން މީގެ ކުރިން ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ހާޒިރުވުމަށް، ދައުވާ ލިބޭ އަލްހާން ފަހުމީ، ޝަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީ ކޯޓު ކައިރީގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަލްހާންގެ ސްކީމް: އިންވެސްޓަރަކަށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ އަނެއްކާވެސް ދޭން ޖެހިއްޖެ

މި ހުކުމް ކޮށްފައިވަނީ މައްސަލަ ރައްދުވާ ޝަހުބާން އަދި އަލްހާންގެ ފަރާތުން ކޯޓަށް ހާޒިރުވެފައިނުވާތީ، ގައިރު ހާޒިރުގައި؛ 15 ދުވަސްތެރޭ ފައިސާ ދައްކަން ވަނީ އަންގާފައި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ހިންގި ޕޮންޒީ ސްކީމަށް އިންވެސްޓުކުރި މީހަކަށް، ދޭން ބުނި ފައިދާއާ އެކު 500،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މުއާމަލާތް ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން އަލްހާނާއި ސަހުބާން ފަހުމީއަށް ރައްދުވާ ގޮތަށް މި މައްސަލަ ހުށަހަޅާފައިވަނީ، މިދިޔަ 22 އޮކްޓޫބަރުގަ އެވެ.

އެ މައްސަލާގައި އެދިފައިވަނީ، އޭނާ ދެފަހަރެއްގެ މަތިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަސްތެރޭ އިންވެސްޓުކޮށްފައިވާ ފައިސާ އާއި ފައިދާގެ ގޮތުގައި ލިބެންޖެހޭ ފައިސާ އަދި ކޯޓު ހަރަދާ އެކު، 587،466ރ. ނަގައިދިނުމަށެވެ.

ތަފްސީލް - މި މައްސަލާގައި ކޯޓުން ދެ ފަހަރެއްގެ މަތިން ޖަވާބުދާރީވާން އެންގުމުންވެސް، ޝަހުބާން އަދި އަލްހާންގެ ފަރާތުން ކޯޓަށް ހާޒިރުވެފައިނުވާތީ، ގައިރު ހާޒިރުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި އަންގާފައިވަނީ އެ ފައިސާ ކުރިއަށް އޮތް 15 ދުވަސްތެރޭ ކޯޓަށް ދެއްކުމަށެވެ.

ހުކުމުގައި ބުނީ، އެ އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުންތަކެއް ވެސް ހަދާފައިވާއިރު، ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާއިރު އެ ފައިސާއަކީ އިންވެސްޓުކުރި މީހާއަށް ލިބެންޖެހޭ ފައިސާއެއްކަން އެނގޭ ކަމަށެވެ.

ދައުވާގައިވާ ގޮތުން އެމީހާ ފުރަތަމަ އިންވެސްޓުކުރަނީ، 9 ފެބްރުއަރީ 2022ގައި 'ބްރޯންޒް' ކިޔާ ޕެކޭޖަކަށް 20،000ރ. އެވެ. އެ ޕެކޭޖުގެ އެއްބަސްވުމުގައި ވާގޮތުން:

  • ފައިދާގެ ގޮތުގައި 24 ހަފްތާތެރޭ 46،260ރ. ލިބޭނެ

  • އެކަމަކު އޭނާއަށް ލިބުނީ 15،420 ރުފިޔާ

  • ފައިދާގެ ގޮތުގައި އިތުރަށް ލިބެންޖެހޭ 30،840ރ. ނުލިބޭ

އޭނާ ދެވަނަ ފަހަރަށް އިންވެސްޓުކުރަނީ، 15 ފެބްރުއަރީ 2022ގައި 'ގޯލްޑް ނިއު' ކިޔާ ޕެކޭޖަކަށް 100،000ރ. އެވެ. އެ ޕެކޭޖުގެ އެއްބަސްވުމުގައި ވާގޮތުން:

  • ފައިދާގެ ގޮތުގައި 100 ހަފްތާތެރޭ 500،000ރ. ލިބޭނެ

  • އެކަމަކު އޭނާއަށް ލިބުނީ 10،000 ރުފިޔާ

  • ފައިދާގެ ގޮތުގައި އިތުރަށް ލިބެންޖެހޭ 360،000ރ. ނުލިބޭ

މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގި މި ސްކީމާ މެދު ސަމާލުވާން، މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެންގީ، 10 މާޗު 2023ގަ އެވެ. އެޔަށް ފަހު، ކިންގްސް ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށް، ޖިނާއީ ތަހުގީގެއް ފެށިއިރު، ގިނަ ބަޔަކު މި ސްކީމަށް އިންވެސްޓްކޮށްފައިވެ އެވެ.

އޭގެތެރެއިން ގިނަ ބަޔަކަށް މި ސްކީމުން ގެއްލުންވެފައިވާއިރު، އެ ފައިސާ ހޯދަން ސިވިލް ކޯޓަށް މީގެ ކުރިން ވެސް އެތަށް ބަޔަކު މައްސަލަ ހުށަހަޅައިގެން، އެ ފައިސާ ދައްކަން އަންގާފައިވެ އެވެ. މި މައްސަލާގައި އެ ކުންފުނީގެ ތިން ހިއްސާދާރުން ކަމަށްވާ، އަލްހާންގެ ތިން ބެއިންނަށް ދައުވާ ވެސް ކުރި އެވެ. އެކަމަކު އެ ދައުވާތައް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ދައުވާތައް ގެންދިޔައީ ގެއްލުންވެފައިވާ ގިނަ މީހުންނަށް ބަދަލުދީފައިވާތީ ކަމަށް ޕީޖީން ބުނެފައިވެ އެެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް