ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް (ފޮޓޯ/އެފްޑީސީ)

ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލިން 500-1،000ރ. ކުޑަކޮށް ޑައުންޕޭމަންޓަށް ވެސް ބޮޑު ލުއެއް ދެނީ

3 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭމަންޓަށް 8،000ރ. އާއި 2 ކޮޓަރި ފްލެޓަށް 6،000ރ. ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި

މިދިޔަ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓަށް މި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ މަހު ކުލިން 500-1،000ރ. ކުޑަކޮށް، ޑައުންޕޭމަންޓަށް ލުޔެއް ދިނުމަށް ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިގޮތަށް ވިދާޅުވީ، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ބާއްވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ބައެއް އާންމުން ވަނީ ގެދޮރުވެރިޔާ ފްލެޓްގެ ކުއްޔާއި ޑައުންޕޭމަންޓަށް ކަނޑައަޅާފައިވަނީ މާ ބޮޑު އަގެއް ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ. ބައެއް މީހުން އެދުނީ، ހިޔާ ފްލެޓްގެ ކުއްޔާ އެއްވަރުގެ އަދަދެއް ހަމަޖެއްސުމަށެވެ.

ތަފްސީލު - މީގެ ކުރިން އޮތް އަވަށު ބައްދަލުވުމެއްގައި ވެސް މި ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ލުޔެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ މާ ބޮޑު ތަފްސީލެއް އެމަނިކުފާނު އޭރު ހާމައެއް ނުކުރައްވަ އެވެ.

މިރޭގެ ބައްދަލުވުމުގައި އާންމުން ވެސް އެ އަގުތަކާ ގުޅިގެން ޝަކުވާކުރި ފަހުން، ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި ރައީސް ވަނީ ސަރުކާރުން މިކަމަށް ދޭނެ ލުއިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ:

  • 3 ކޮޓަރި ފްލެޓްތަކަށް މެއިންޓެނެންސް ފީއާ އެކު ޖުމްލަ މަހު ކުއްޔަށް މިހާރު ކަނޑައަޅާފައިވާ 10،500ރ.ގެ ބަދަލުގައި 10،000ރ.އަށް ކުލި ކުޑަކުރުމަށް

  • 3 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭމަންޓަށް މިހާރު ކަނޑައަޅާފައިވާ 25،000ރ.ގެ ބަދަލުގައި 8،000ރ.އަށް ކުޑަކުރުމަށް

  • 2 ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު ޖުމްލަ މަހު ކުއްޔަށް މިހާރު ކަނޑައަޅާފައިވާ 7،000ރ. ގެ ބަދަލުގައި 6،000ރ.އަށް ކުލި ކުޑަކުރުމަށް އަދި ޑައުންޕޭމަންޓަށް އެއް މަހުގެ ކުލި ނަގާ ގޮތަށް

"އެހެންވީމާ އެފްޑީސީއިން [ފަހި ދިރިއުޅުން ކޯޕަރޭޝަނުން] އެގްރިމަންޓްތައް އާކޮށް، ރިވައިސް ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ސަރުކާރުގެ ފަހު ހަފްތާގައި 15 ނޮވެމްބަރު 2023ގައި އޭރު މި ފްލެޓްތަކުގެ އަގު ކަނޑައަޅާ އާންމުކުރި އެވެ. އެގޮތުން:

  •  3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7،000ރ، އަދި މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،000ރ.އާ އެކު ކުއްޔަށް ޖުމްލަ 8،000ރ. 

  • 2 ކޮޓަރީގެ މަހު ކުއްޔަށް 5،000ރ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،000ރ.އާ އެކު ޖުމްލަ 6،000ރ. 

ނަމަވެސް ފަހުން މިދިޔަ ފެބްރުއަރީ މަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން އޭރު ނިންމި އަދަދަށް ބަދަލު ގެނެސްފައިވާކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ ލޯނެއް ނަގައިގެން ހިންގާ މަޝްރޫއަކަށް ވާއިރު، އެ މަޝްރޫއުގެ ދަށުން ނަގާ ކުލި ކަނޑައަޅާ މީގެ ކުރިން އިއުލާނުކޮށްފައި ހުރި އަގުތަކަކީ ރަނގަޅު އަގުތަކެއް ނޫން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް