ގެދޮރިވެރިޔާ ސްކީމުގެ ދަށުން އަޅާ ފްލެޓުތައް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ގެދޮރުވެރިޔާ ފްލެޓުުތަކުގެ ކުލި ކުޑަކުރަން ސޯލިހު ގޮވާލައްވައިފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2ގައި އަޅަން ފެށި 'ގެދޮރުވެރިޔާ' ފްލެޓުތަކުގެ ކުލީގެ ގޮތުގައި އެ ސަރުކާރުން ކަނޑައެޅި އަދަދު ފަހުން ބޮޑުކޮށްފައިވާތީ، ކުލި ކުޑަކުރަން ރައީސް ސޯލިހު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން އެ ގައުމުގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އެޅި 4،000 ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން މިހާރު ވަނީ ފަށައިފަ އެވެ.
ތަފްސީލް - ވެރިކަން ބަދަލުވުމުގެ ކުރިން އޭރުގެ ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ފްލެޓުތަކުގެ ކުލި ކަނޑައަޅާ އާންމުކޮށްފަ އެވެ.
15 ނޮވެމްބަރު 2023ގައި އާންމުކޮށްފައިވާ ގޮތުން:
-
3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7،000ރ، އަދި މަރާމާތު ފީގެ ގޮތުގައި މަހަކު 1،000ރ.އާ އެކު ކުއްޔަށް ޖުމްލަ 8،000ރ.
-
2 ކޮޓަރީގެ މަހު ކުއްޔަށް 5،000ރ. އަދި މަރާމާތު ފީގެ ގޮތުގައި މަހަކު 1،000ރ.އާ އެކު ޖުމްލަ 6،000ރ.
ނަމަވެސް ފަހުން މިދިޔަ ފެބްރުއަރީ މަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން އޭރު ނިންމި އަދަދަށް ބަދަލު ގެނެސްފައިވާކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ، ލޯނެއް ނަގައިގެން ހިންގާ މަޝްރޫއަކަށްވާއިރު، އެ މަޝްރޫއުގެ ދަށުން ނަގާ ކުލި ކަނޑައަޅާ މީގެ ކުރިން އިއުލާނުކޮށްފައި ހުރި އަގުތަކަކީ ރަނގަޅު އަގުތަކެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ދައްކަން ޖެހޭ ލޯނުގެ އަދަދަށް ބަލާއިރު ފްލެޓަށް ނަގަން ޖެހޭ މަހު ކުއްޔަކީ:
-
ދެ ކޮޓަރިއަށް 9،000ރ.
-
ތިން ކޮޓަރިއަށް 13،000ރ.
ރައްޔިތުންނަށް ލުއިވާނެ ގޮތަކަށް މި އަގުތައް ސަބްސިޑައިޒްކޮށް، ފަހުން ނިންމާފައިވަނީ:
-
ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް މަހު ކުއްޔަށް 7،000ރ. އަދި މެއިންޓެނެންސްއަށް 1،000ރ.އާ އެކު މަހަކު ޖުމްލަ 8،000ރ؛ ޑައުންޕޭމެންޓަށް 15،000ރ.
-
ތިން ކޮޓަރީގެ އެޕާޓުމެންޓަށް މަހު ކުއްޔަށް 9،000ރ. އަދި މެއިންޓެނެންސްއަށް 1،500ރ.އާ އެކު މަހަކު ޖުމްލަ 10،500ރ؛ ޑައުންޕޭމެންޓަށް 25،000ރ.
މިނިސްޓަރު ވިދާޅުވީ މި އަގުތައް ކަނޑައަޅާފައިވަނީ ބަޖެޓަށް ބުރަ ނުވާނެހެން ކަމަށެވެ. މި އަގުތަކާ އެކު ވެސް ލޯނަށް ސަބްސިޑައިން ކުރުމަށް ބަޖެޓުން 100 މިލިއަން ރުފިޔާ އަހަރަކު ހޭދަވާނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ފްލެޓުތައް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވާއިރު ކުރީގެ ރައީސް ސޯލިހު މިއަދު ވަނީ ފްލެޓުތަކުގެ ކުއްޔަށް ގެނައި ބަދަލަކީ ރައްޔިތުންނަށް ވީ ބޭއިންސާފެއް ކަމަށް ވިދާޅުވެ، ބަޔާނެއް ނެރުއްވައިފަ އެވެ.
ސޯލިހު ވިދާޅުވީ ދައުލަތުން ނިންމާފައިވާ އާންމު ރައްޔިތުންނާ ގުޅުންހުރި ނިންމުންތައް ބަދަލު ކުރުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.
"ވީމާ ކުރިން ހަމަޖައްސާވައިވާ ގޮތަށް ކުލި ހަމަޖެއްސުމަށް ގޮވާލަމެވެ،" ކުރީގެ ރައީސް ވިދާޅުވި އެވެ.
ސޯލިހުގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުން:
-
ގެދޮރުވެރިޔާ ފްލެޓު ލިބޭ މީހުން ފްލެޓަށް ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނު ހޯދުމަށް ލުއިދިނުމަށް އޭރު ނިންމާފައިވަނީ ފުލެޓު ކުލި ދައްކަން ފަށާނީ ތަން ހަވާލުކުރާތާ 3 މަސް ފަހުން ކަމަށް
-
އެއްވެސް އެޑްވާންސް ފައިސާއެއް ނުނަގަން ނިންމާފައިވާނެ ކަމަށް
އެއީ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމެއް ކަމަށް ވެސް އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.