އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު (ކ) އާއި ރައީސް ބައްސާމް އަދީލް ޖަލީލް؛ ބައްސާމަށް ކޮށްފައިވާ ދައުވާ ޝަރީއަތުގައި ޖަވާޒު މިއަދު ހެކިބަސް ދެއްވި

އެފްއޭއެމް

ޑޮލަރު މާރުކޮށް ލިބުނު ކަމަށް ބުނާ ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ނުވަންނަކަން ބައްސާމް އެންގެވި: ޖަވާޒު

އަމިން ކޮންސްޓްރަކްޝަނަށް އެފްއޭއެމުން ޑޮލަރު ފޮނުވައި އޭގެ ބަދަލުގައި ގަނޑުކޮށް ލިބުނު ދިވެހި ރުފިޔާ އެކައުންޓަށް ޖަމާކުރިތޯ ބައްސާމާ ސުވާލުކުރެއްވުމުން އެކައުންޓަށް ނުވަންނަ ކަމަށް ވިދާޅުވި ކަމަށް، ހެކިބަސް ދެއްވަމުން ޖަވާޒު ވިދާޅުވި
14 ޑިސެމްބަރު 2025

އެފްއޭއެމުން އަމިން ކޮންސްޓްރަކްޝަނަށް ޑޮލަރު މާރުކުރަން ވެގެން ކަމަށް ބުނެ 1 މިލިއަން ޑޮލަރުގެ ޗެކެއް މެދުވެރިކޮށް ދޫކުރުމަށް ފަހު އޭގެ ބަދަލުގައި ގަނޑުކޮށް ދިވެހި ރުފިޔާ ލިބުނު ނަމަވެސް އެކައުންޓަށް ޖަމާނުކުރާ ކަމަށް ފިނޭންސް ޑިޕާޓްމަންޓުންނާއި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެންގެވި ކަމަށް އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ޖަވާޒު މިހެން ވިދާޅުވީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަންނަން އެފްއޭއެމުން އަމިން ކޮންސްޓްރަކްޝަނަށް 1 މިލިއަން ޑޮލަރު ދިން ކަމަށް ބުނާ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ހެކިބަސް ދެއްވަމުންނެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ:

  • އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލް، ފެހިކުރި/ގއ. ގެމަނަފުށި - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  •  ހަސަން ވަހީދު، މ. ހިރިނައިދޫ - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  • ބައްސާމް - ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

ހެކިބަސް ދެއްވުމަށް ޖަވާޒު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރީ، އަގީލް ފިޔަވައި ދެން ދައުވާކޮށްފައިވާ ފަރާތްތަކުގެ ބަޔަށް ދައުލަތުން ހުށަހެޅި ހެކިވެރިއެއް ގޮތުގަ އެވެ.

ތަފްސީލް - ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖަވާޒު ވިދާޅުވީ އެއް މިލިއަނެއްހާ ޑޮލަރުގެ ފައިސާއެއް ލިބުނުކަން ހަނދާނުގައި ހުންނެވީ ކްލަބްތަކަށް މާލީ އެހީ ދިނުމަށް ފީފާއިން 'ކޮވިޑް ރިލީފް ލޯނެއް' ގޮތުގައި ދޫކުރި 1 މިލިއަން ޑޮލަރު ކަމަށެވެ.

އެ ފައިސާ ކްލަބްތަކަށް ދޫކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވި ކަމަށް ޖަވާޒު ވިދާޅުވި އެވެ.

އަމިން ކޮންސްޓްރަކްޝަނަށް 1 މިލިއަން ޑޮލަރު ދޫކުރި ޗެކުގައި ޖަވާޒު ސޮއިކުރެއްވި އެވެ. އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކަށް ވާތީވެ އެ ފައިސާއާ ގުޅޭ ގޮތުން ބައްސާމާއި އަގީލް ގާތުގައި ސުވާލުކޮށްގެން ސާފުކުރި ކަމަށް ޖަވާޒު ވިދާޅުވި އެވެ.

"ބައްސާމާއި އަގީލާ ވެސް އަޅުގަނޑު ސުވާލުކުރިން. ބައްސާމް ވެސް އަގީލް ވެސް ވިދާޅުވި ކޭޝްކޮށް ލިބުނު ކަމަށް. އެ ފައިސާ ދިވެހި ރުފިޔާ، އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރިންތޯ އެހުމުން ދެ ބޭފުޅުން ވެސް ވިދާޅުވީ އެކައުންޓަށް ނުވަންނަ ކަމަށް،" ޖަވާޒު ވިދާޅުވި އެވެ.

"އޭގެ ދުވަސްތަކެއް ފަހުން އަޅުގަނޑު އެފްއޭއެމުން އިސްތިއުފާ ދީފިން،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ޖަވާޒުގެ ހެކިބަހުގައި އިތުރަށް ފާހަގަކުރެއްވި ބައެއް ކަންކަމަކީ:

  • އެފްއޭއެމުން ޑޮލަރުގެ މުއާމަލާތްކުރަނީ، ދިވެހި ރުފިޔާއިން މުވައްޒަފުންނަށް މުސާރަ ދިނުމާއި އިދާރީ ހަރަދުތައް ހަމަޖައްސަން ޖެހޭތީވެ

  • އެއް ގޮތަކަށް ޑޮލަރު މާރުކުރަނީ ޑޮލަރު ލިބުމުން ދިވެހި ރުފިޔާ ވަގުތުން ފޮނުވާ ގޮތަށް ޑޮލަރު ފޮނުވައިގެން، އާންމުކޮށް މާރުކުރާ އުސޫލުން

  • ބައެއް ފަހަރު މުސާރަ ދެވުން ލަސްވެއްޖެ ނަަމަ، ލޯނެއްގެ ގޮތުގައި ކުންފުނިތަކުން ދިވެހި ރުފިޔާ ނަގާފައި ޑޮލަރު އެފްއޭއެމަށް ލިބުމުން އެ ކުންފުނިތަކަށް ފޮނުވާ؛ ޖަވާޒުގެ ހަނދާނުގައި ހުރީ އެލިއާ، އެލް މޮބައިލް، އަދި ޗެކްމާކް

  • ޑޮލަރު މާރުކޮށްގެން ކޭޝްކޮށް ފައިސާ ލިބޭ ނަމަ އާންމުކޮށް ފައިސާ ލިބޭ ދުވަހު ވަގުތުން ވަގުތަށް އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރާނެ؛ ނަމަވެސް ޖަމާކުރަން ލާޒިމުވާ ޓައިމްލައިނެއް އުސޫލެއްގައި ބަޔާންކޮށްފައެއް ނުވޭ

އެނގުން މުހިންމު - 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް