އަމިން އެވެނިއުގެ އެޕާޓްމަންޓްތަކެއް - (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަޑުޖައްސާލުމަށް ފަހު އަމިން ކޮންސްޓްރަކްޝަނަށް ކުރާ ދައުވާގެ މައްސަލަ ކޯޓުން ބެލުމަށް ނިންމައިފި

އެފްއޭއެމްގެ ކޮރަޕްޝަނުގެ މައްސަލައެއްގައި، ކުންފުންޏަކަށް ކުރާ ދައުވާއަކަށްވާތީއާ އެކު ކުރިއަށްދާނެ ގޮތެއް ދިރާސާކުރުމަށް އޮގަސްޓް މަހު މަޑުޖައްސާލި ޝަރީއަތް އަލުން ފަށައި މައްސަލަ ކޯޓަށް ބެލޭނެ ކަމަށް ނިންމާފައިވޭ
21 އޮކްޓޯބަރު 2025

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ތެރެއިން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައެއްގައި، އަމިން ކޮންސްޓްރަކްޝަނަށް ކުރާ ދައުވާ މަދަނީ މިންގަނޑަށް ފެތޭ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދަން މިއަދު ނިންމައިފި އެވެ.

ވީކިހިނެއް؟ - އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމަންޓެއް ގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ބައްސާމްގެ އިތުރުން ދައުވާކޮށްފައިވަނީ:

  • މުހައްމަދު އަގީލް، ފެހިކުރި/ގއ. ގެމަނަފުށި - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  •  ހަސަން ވަހީދު، މ. ހިރިނައިދޫ - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

ނަމަވެސް އަމިން ކޮންސްޓްރަކްޝަންގެ ބައި ކޯޓުން މަޑުޖައްސާލަފައި އޮތީ، ކުންފުންޏަކަށް ކުރާ ދައުވާއެއް އޮވެފައި ވަކިވަކި ފަރުދުންނަށް ކުރާ ދައުވާތަކެއް އޮތުމުން މައްސަލަ ގެންދާނެ ގޮތް ދިރާސާކުރަން ބޭނުންވެގެން ކަމަށް ބުނެ އެވެ.

އޮގަސްޓް މަހު ކޯޓުން އެ ބައި މަޑުޖައްސާލުމަށް ފަހު މިއަދު ހެނދުނު 8:30އަށް އަމިން ކޮންސްޓްރަކްޝަންގެ ބައި ވަކިން ތާވަލުކޮށްފައިވެ އެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިއަދު ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ނިންމެވީ:

  • މަދަނީ މިންގަނޑުން ހެކި ވަޒަންކޮށް، އެ ދައުވާއަކީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ޖެހޭ ދައުވާއެއް ކަމަށް

  • މައްސާލަގައި ދައުވާ ރައްދުވާ އެެންމެންގެ ބައި ވެސް އެއްހަމަ ކަމަށް ފެންނާތީވެ، އެންމެންގެ ބައިތައް ވެސް އެކީގައި ކުރިއަށް ގެންދާ ގޮތަށް

މީގެ އިތުރުން އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ދައުވާއަށް އިންކާރުކޮށްފައިވެ އެވެ.

އެނގުން މުހިންމު - މި މައްސަލާގައި އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ބައްސާމު އަމިން އެވެނިއުގައި އުޅެމުންދިޔަ ދެ އެޕާޓުމެންޓް ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ގުޅުން ހުރި - އެފްއޭއެމްގެ ރައީސަކަށް ބައްސާމް ހުންނެވި އިރު އެ ތަނަށް އެކި ފަރާތްތަކުން ދިން ފައިސާއަށް ހިނާޔާތްތެރިވި އެތައް މައްސަލައެއް ދަނީ ތަހުގީގުކުރަމުންނެވެ. ބައްސާމް މިހާރު ވެސް ގެންދަވަނީ، އެއިން އެއް މައްސަލައެއްގައި ކޯޓުން އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް