އަމިން އެވެނިއުގެ އެޕާޓްމަންޓްތަކެއް؛ އެފްއޭއެމްގެ މައްސަލާގައި ދިރާސާއެއް ކުރަން ޖެހިގެން އެ ކުންފުންޏަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފެށުން މަޑުޖެހިއްޖެ - (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
އެފްއޭއެމް މައްސަލަ: އަމިން ކޮންސްޓްރަކްޝަންގެ ބަޔަށް މަޑުޖެހުމެއް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް އެކި ފަރާތްތަކުން ދިން ފައިސާއަށް އެ އިދާރާގެ އިސް ވެރިން ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަމިން ކޮންސްޓްރަކްޝަނަށް ކުރާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކުރުމަށް ފަހު ދިރާސާއެއް ކުރަން ވެގެން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމަންޓެއް ގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ބައްސާމްގެ އިތުރުން ދައުވާކޮށްފައިވަނީ:
-
މުހައްމަދު އަގީލް، ފެހިކުރި/ގއ. ގެމަނަފުށި - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
-
ހަސަން ވަހީދު، މ. ހިރިނައިދޫ - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
-
އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
ތަފްސީލް - ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހުގެ ސެކްޝަނުން މިއަދު މެންދުރުފަހު 1:30އަށް އަޑުއެހުން ތާވަލުކުރުމަށް ފަހު، އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.
ކެންސަލްކުރި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، ކުންފުންޏަކަށް ކުރާ ދައުވާއެއް އޮވެފައި ވަކިވަކި ފަރުދުންނަށް ކުރާ ދައުވާތަކެއް އޮތުމުން މައްސަލަ ގެންދާނެ ގޮތް ދިރާސާކުރަން ބޭނުންވާތީ ކަމަށެވެ.
"ކުންފުންޏަކަށް ކުރާ ދައުވާއެއް ވެސް ހިމެނޭތީ އިބްތިދާއީ އަޑުއެހުންތައް ގެންދަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން ދިރާސާކުރަން އަޑުއެހުން ކެންސަލްވީ. ދިރާސާކޮށް އެ ކަން ބަލާފައި އަޑުއެހުންތައް ފަށަން ވެގެން،" އެ އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ކުންފުނިތަކަށް ޖިނާއީ ދައުވާކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި އެބަ ހުއްޓެވެ. ދައުވާކުރާ އެހެން ފަރާތްތަކާ އެކުގައި އެއް އަޑުއެހުންތަކެއް ބާއްވައިގެން ވެސް ބަލާފައިވެ އެވެ. ދައުވާ ލިބޭ އެހެން މީހުނާ ވަކިން ގެންދާ ގޮތަށް ވެސް މައްސަލަތައް ބަލަ އެވެ.
އެނގުން މުހިންމު - މި މައްސަލާގައި އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން ބައްސާމު އަމިން އެވެނިއުގައި އުޅެމުންދިޔަ ދެ އެޕާޓުމެންޓް ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ގުޅުން ހުރި - މި މައްސަލާގައި ބައްސާމުގެ މައްޗަށް، ހިޔާނާތްތެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއް އުފުލައި އެ ޝަރީއަތްތައް ކޯޓުގައި ކުރިއަށް އެބަދެ އެވެ.
ކޮމެންޓް (2)
މަދީ
ހުސެން ސައީދު