މާލޭގެ މޭޔަރު އާދަމް އާޒިމް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު، އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު - (ފޮޓޯ/އެމްޓީސީސީ)

އެމްޑީޕީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން އާދަމް އާޒިމަށް މާރިޔާ ގޮވާލައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އެކްސްގައި އާދަމް އާޒިމަށް ރައްދު ދެއްވަމުން ވިދާޅުވީ ވެސް އޭނާއަކީ މާލެ މޭޔަރު ޕްރައިިމަރީގައި ވަކި ފަރާތަކަށް ނުޖެހި ހުންނެވި ބޭފުޅެއް ކަމަށް
8 ޑިސެމްބަރު 2025

ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިވެ، ވެރިކަން ގެއްލުމާ އެކު ޕާޓީގެ މެންބަރުން ތިބީ މާޔޫސްވެގެން ރަޖާގަނޑު ލައިގެން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ވާހަކައަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ރައްދު ދެއްވައިފި އެވެ.

ވީކިހިނެއް؟ - އެމްޑީޕީގެ ފެކްޝަންތަކުގެ ވާދައިގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ އަންނަ ކައުންސިލް އިންތިހާބަށް މާލޭގެ މޭޔަރުގެ ޓިކެޓަށެވެ. އެ ގޮތުން:

  • ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ތާއީދުކުރަނީ، މިހާރު ވެސް މާލޭގެ މޭޔަރަކަށް ހުންނެވި އާދަމް އާޒިމަށް

  • ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މި ފަހުން އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލްގެ ފެކްޝަނުން ތާއީދުކުރަނީ، މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމަށް

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވަނީ އެމްޑީޕީއަށް ވެރިކަން ގެއްލުނު ފަހުން "މާޔޫސްކަމުގެ ރަޖާގަނޑު' ލައިގެން ޕާޓީގެ މެންބަރުން ތިއްބައި ރޫހު ގެނެސްދެއްވީ އޭނާ ކަމަށް ވިދާޅުވެފަ އެެވެ.

ބުނީ ކީކޭ؟ - އާޒިމްގެ އެ ވާހަކައަށް ރައްދު ދެއްވަމުން، އެމްޑީޕީގެ މިދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އެކްސްގައި ވިދާޅުވީ މާލޭގެ މޭޔަރު ޕްރައިމަރީގައި އޭނާ ހުންނެވީ ވަކި ފަރާތަކަށް ތާއީދުކުރައްވައިގެން ނޫން ކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބުން ބަލިވުމުން "ހުން އައިސް ރަޖާލައިގެން ތިބީ ފިނޑި ބައެއް" ކަމާއި އެ ހާލަތުގައި "އެމްޑީޕީ ކޮޅަށް ޖެއްސެވީ އާދަމް އާޒިމް" ކަމަށް ވިދާޅުވެ، މި މޭރުމުން އެމްޑީޕީ ހަރުގޭގައި ވާހަކަ ދެއްކެވުމުން އޭނާ ވާހަކަދައްކަވަން ޖެހިވަޑައިގަތީ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ލިއުއްވި ދިގު ޕޯސްޓްގައި އެންމެ ފުރަތަމަ އިޝާރާތްކުރެއްވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ބަދަލުވި ފަހުން އެމްޑީޕީގެ ސަޕޯޓަރުން ކުރި މަސައްކަތަށެވެ.

ނަޝީދުގެ ނަން ނުގެންނަވައި މާރިޔާ ވިދާޅުވީ އެ ސަރުކާރު އިސްތިއުފާ ދިނުން ނޫން ގޮތެއް ނެތް ކަމަށް ބުނެ އެމްޑީޕީ ވެރިކަމުން އެ ފަހަރު ވަކިކުރީ ކަމަށެވެ.

ބެލެވޭ ގޮތުގައި މާރިޔާ އިޝާރާތްކުރެއްވީ، އެ ދުވަހު އާދަމް އާޒިމްގެ ބޭބެ އަދި ޖެހިގެން އައި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 7 ފެބްރުއަރީ 2012ގައި އިދިކޮޅު ފަރާތްތަކުގެ މުޒާހަރާގެ ތެރެއަށް ވަދެ "އެއްވެސް ޝަރުތެއްނެތި އިސްތިއުފާ ދޭން" އޭރުގެ ރައީސް ނަޝީދަށް ގޮވާލައްވާފައިވާތީ އެ ކަމަށެވެ.

"ޖަހާނެ ބަޑިއެއް، ބިޑިއެއް، ވޯޓާ ގަންއެއް، މުގުރެއް، ޕެޕަސް ޕްރޭއެއް، ހުކުމަކަށް ޖެހިލުމެއް ނެތި، ނުކުތީ އެމްޑީޕީގެ ރީނދޫ ލަޝްކަރު،" އޭރުގެ ގިނަ މުޒާހަރާތައް ވެސް ލީޑްކުރައްވަން ހުންނެވި މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ކެމްޕެއިން ޖަލްސާއެއްގައި މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ (ފޮޓޯ/ސޯލިހުގެ ކެމްޕެއިން)

ޕީޕީއެމްގެ ސަރުކާރެއް 2013ގައި އެކުލަވާލި ފަހުން އޭރު އިދިކޮޅުގައި ތިބި ގިނަ ސިޔާސީ މީހުން ޖަލަށް ލުމުން ވެސް ޖަލުގެ ގޮޅި އާއި ޕެޕާ ސްޕްރޭ އާއި މުގުރަށް އަދި ޖަހާނެ ހުކުމަކަށް ބެލުމެއް ނެތި، އެ ދުވަހު ވެސް މަގުމަތީ ތިބީ އެމްޑީޕީ ސަޕޯޓަރުންކަން މާރިޔާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަމުން އެ ޕާޓީގެ ހިތްވަރުގަދަ ސަޕޯޓަރުންނާ ދިމާއަށް އެހާ ކުޑައިމީސްކޮށް ވާހަކަ ދެއްކެވުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އެމްޑީޕީގެ މަންމަ ކަމަށް އެމްޑީޕީ މެންބަރުން ބުނާ މީހެއްގެ ހައިސިއްޔަތުން އަދި މި ނޫން ވެސް އެތައް ހައިސިއްޔަތަކުން އަޅުގަނޑަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ރައްޔިތުންގެ މަޖިލީހުގައި މާލޭގެ މައްޗަންގޯޅި އުތުރު ދާއިރާ ދެ ދައުރެއްގައި ތަމްސީލްކުރެއްވި މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ރީނދޫ ލަޝްކަރަށް ނިސްބަތްކުރައްވައި އެމްޑީޕީ ރަޖާލައި ހުން އައިސް ފިލާ ތިއްބައި ނެރުނީ ތިމާ ކަމަށް ވިދާޅުވެ އެ ދެއްކެވި ވާހަކަފުޅަށް މަނިކުފާނު އެމްޑީޕީގެ ރީނދޫ ލަޝްކަރުގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އެކު ހުންނެވި މާރިޔާ ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ވަކި ފަރުދަކަށް ވުރެ އެމްޑީޕީގެ 'ރީނދޫ ލަޝްކަރު' ބޮޑުވާނެ ކަމަށެވެ.

"އެކަން ދަނީ އެމްޑީޕީގެ ރީނދޫ ލަޝްކަރު، ކޮންމެ ދުވަހަކުމެ ސާބިތުކޮށްދެމުން،" މާރިޔާގެ ޕޯސްޓް ނިންމަވާލައްވަމުން ލިއުއްވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް