އެއްބަސްވެ ދެބަސްވަމާ: ދުޅަހެޔޮ، ބަދަހި އެމްޑީޕީ އަނބުރާ ގެނެވޭނެތަ؟

ދެބަސްވުންތަކާ އެކު ވެސް ބޮޑު ސިޔާސީ ޕާޓީއެއް ގޮތުގައި މިހާތަނަށް ސަލާމަތުން އޮތް ޕާޓީއަކީ އެމްޑީޕީ. އެމްޑީޕީއަކީ ދެބަސްވުންތަކާއި ތަފާތު ހިޔާލުތަކަކީ ބާރެއް ގޮތުގައި ދެކިގެން އެ އަސާސް މަތީ އުފެދުނު ޕާޓީއެއް. ނަމަވެސް މި ވަގުތު އޮތް ލީޑާޝިޕް ކޯޅުން ޕާޓީގެ ބަލިފަޔަކަށް ވަނީ ބަދަލުވެފައި
5 ޑިސެމްބަރު 2025
4

އެމްޑީޕީ އުފެދިގެން އައީ ވެސް ހިޔާލު ތަފާތުވުމަކީ ބާރެއް ގޮތުގައި ދެކިގެނެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެ ޕާޓީގެ އަސާސެވެ. ވެރިންގެ ކޮންމެ ކަމަކަށް ވަރިހަމަވެގެން ތިބެން ނުޖެހޭ ކަމަށް ގަބޫލުކުރާ ބަޔެއްގެ ބުރަ މަސައްކަތެކެވެ. މަދު ބަޔަކު ބިނާކުރި ނަމަވެސް ފަހުން އެތައް ހާސް ބަޔަކު ބައިވެރިވާ، ހައްގުތަކުގެ ނަޒަރިއްޔާތުގެ ސިޔާސީ ޖަމާއަތެކެވެ.

މަގުމަތީގެ ހަލަބޮލި މުޒާހަރާތަކާއި ޕާޓީގެ ގައުމީ މަޖިލީހުގައި ހިނގާ ހޫނު ބަހުސްތަކަކީ އޭރު ޕާޓީގެ ހަކަތަ އެވެ. އެކަމަކު މިއަދު އެ ޕާޓީ ސަލާމަތް ނުވެގެން ވެސް މި އުޅެނީ، ކޮޅެއްގައި ނުޖެހި ދިގުލައިގެން އުޅޭ ޒުވާބަކާ ހުރެގެނެވެ. ފާޅުގައި ބަހުސްކުރުން ޗެމްޕިއަނަކަށް ހެދި ޕާޓީގެ އެންމެ ބޮޑު ބަލިފަޔަކަށް މިވީ ޕާޓީގެ ވެރިންގެ މެދުގައި އޮތް ދެބަސްވުމެކެވެ. 

ދެބަސްވުމެއް މި އޮތީ ސިޔާސަތަކާ ގުޅޭ ވެސް ކަމަކާއެއް ނޫނެވެ. ވެރިކަމާއި ބާރުގެ ވާދައިގެ 'ޒާތީ' ޒުވާބުގަނޑެކެވެ. ދަހަރަކަށްވުރެ ގިނަ ދުވަހު އެމްޑީޕީ ލީޑުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަތް ނަމަވެސް އެ މަނިކުފާނުގެ ލީޑާޝިޕްގައި ދެއްކެވި ބުންވަރު ޕާޓީގެ ހަރަކާތްތެރިންގެ ފަރާތުން ނުފެނެ އެވެ. ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު އޮތް 'ޕަވަ ސްޓްރަލް' ބޮޑުވެ، މެންބަރުން ތިބީ މާޔޫސްކަމެއްގަ އެވެ.

'ދައުރު'އިން އަލަށް މި ފެށި 'އެއްބަސްވެ، ދެބަސްވަމާ' ވޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގެ މައުލޫ ހާއްސަކުރީ ވެސް އެމްޑީޕީގެ އެތެރޭގައި މިދިޔަ ސަރުކާރުން ފެށިގެން އަދިއަދާ ހަމައަށް ހައްލުނުކުރެވިގެން އުޅޭ މައްސަލައަށެވެ.

ފުރަތަމަ އެޕިސޮޑްގައި ވާހަކަ ދެއްކެވި ބޭފުޅުންނަކީ:

  • ހޮސްޓުންގެ ގޮތުގައި 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި 'ދައުރު'ގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް

  • ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް

ބަދަހި އެމްޑީޕީއެއް މުހިންމުވަނީ ކީއްވެ؟

އެމްޑީޕީގެ ހަރަކާތްތެރިންނަކީ އުންމީދެއްގައި ދެގޮތެއް ނުވެ، ހަތް އަހަރު މަގުމަތީގައި ހޭދަކުރި ބަޔެކެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން ޕާޓީގެ ހަރަކާތްތެރިންގެ ހިތްވަރާއި ޖޯޝު ނުގެއްލި އެހާ ދިގު މުއްދަތެއްގައި ދެމިތިބީ އެ މީހުން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހެދުމަށެވެ. އެ މީހުންގެ ބަހުރުވައިން ނަމަ، ތާހިރު ދިރިއުޅުމެއް އުޅެވޭނެ އެހެން ރާއްޖެއެއްގެ ހުވަފެނަށް ޓަކަ އެވެ.

އެ މީހުންގެ ފަލްސަފާއެއް އޮތެވެ. ހެޔޮވެރިކަމުގެ ފަލްސަފާ އެވެ. އިންސާނީ، މަދަނީ، ސިޔާސީ ހައްގުތައް ކަށަވަރުކޮށްދޭ ދައުލަތެކެވެ. ލާމަރުކަޒީ އުސޫލުން ބާރުތައް ދޫކޮށްލައިގެން ރަށްރަށް ތަރައްގީކުރުމެވެ. ތަފާތުކުރުމެއް ނެތި، އިންސާފާއި ގާނޫނީ ހުކޫމާތް ހިންގުމެވެ.

އަހުމަދު ނާއިފް ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ސިޔާސީ ކޮންމެ ޖަމާއަތަކީ މުއައްސަސާއެކެވެ. އެ ޖަމާއަތުގެ ހަގީގީ މިލްކުވެރިންނަކީ އެ ފިކުރުގައި ދެމިތިބި ރައްޔިތުންނެވެ. އެމްޑީޕީއަކީ ވެސް އެ ޕާޓީގެ އާންމު މެންބަރުންގެ ތަރިކައެކެވެ.

މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ވިސްނުމަކީ އެއް ޕާޓީއަކުން ނުވަތަ ޕާޓީތަކެެއް ހިމެނޭ ކޯލިޝަނަކުން ވެރިކަން ކުރަމުންދާ އިރުގައި ވާދަވެރި ޕާޓީތަކުން ވެރިކަމަށް ފާރަވެރިވެ ޖަވާބުދާރީކުރުމެވެ. މި ނިޒާމު ރާއްޖެ އައި ފަހުން ސަރުކާރުތަކުން ގޯސްތައް ހަދަމުންދާކަން ފެންނަން އެބަ އޮތެވެ. ސަރުކާރު ޖަވާބުދާރީކުރެވޭނެ 'ބަދަހި، ވަރުގަދަ' އިދިކޮޅެއް އޮންނަން ޖެހެނީ އެހެންވެ އެވެ.

މި ވަގުތު އެ ދައުރު އަދާކުރުމުގެ ޒިންމާ އޮތީ އެމްޑީޕީގެ ވެސް ބޮލުގަ އެވެ. އިދިކޮޅު ޕާޓީތަކުގެ ތެރެއިން ދައުލަތުން އެންމެ ގިނަ ފައިސާއެއް ދެނީ އެމްޑީޕީއަށެވެ. ގިނަ މެންބަރުން ތިބީ އެމްޑީޕީގަ އެވެ. އިދިކޮޅު ޕާޓީއެއްގައި ގިނަ ރައްޔިތުންތަކެއް ތަމްސީލްކުރަނީ މި ޕާޓީގަ އެވެ. އެކަމަކު ކުރިން ފެނުނު ވަރުގަދަ އެމްޑީޕީއެއް މިހާރު ނުފެނެ އެވެ.

އެމްޑީޕީގެ ވަރުގަދަ ހަރަކާތެއްގައި ސަޕޯޓަރުން (ފޮޓޯ/އަވަސް)

ދެބަސްވުމުގެ ޖާގައަކީ ރަނގަޅެއް، އެކަމަކު ދުޅަހެޔޮ މިންގަނޑެއްގައި

އެމްޑީޕީގެ ހަރަކާތްތައް މަޑުގިނީގައި އޮތް ނަމަވެސް މިހާރު އޮތް ދެބަސްވުންތައް، އެ ޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކާއީލް ނަސީމަށް ފެނިވަޑައިގަންނަވަނީ ރަނގަޅު ކަމެއްގެ ވެސް ގޮތުގަ އެވެ. މި ދެބަސްވުންތައް ދިގުލައިގެންދާއިރު ވެސް ޕާޓީ އެބަ އޮތެވެ. އަދި ޕާޓީގައި އިސް ސަފަށް ވާދަކުރުމުގެ ޖާގަ އޮތް ކަން ވެސް އެބަ ފެނެ އެވެ.

"ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ވެސް ޝައުގުވެރިކަމަށް ފެންނަ އެބަ ތިއްބެވި ހަތަރު ފަސް ބޭފުޅެއް. ތަޅާފޮޅާ ދެބަސްވެފައި ވެސް ޕާޓީއައިގެން ކުރިއަށް ދިއުމުގެ ފުރުސަތު އެބަ އޮތޭ، ޕާޓީގެ އެތެރޭގައި އެ ގާބިލިއްޔަތުކަން އެބަ ފެނޭ. އެ މެޗުއިރިޓީ އެބަ އޮތޭ،" މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާ ތަމްސީލްކުރައްވާ މެންބަރު މީކާއީލް ވިދާޅުވި އެވެ.

އެއީ ރަނގަޅު ނުކުތާއެކެވެ. 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ވެސް މީކާއީލްގެ ވާހަކައަށް ކޮންމެ ވެސް ވަރަކަށް އެއްބަސްވެ އެވެ.

އެތެރޭގެ ހިޔާލުތަފާތުވުންތަކުގައި ޑީއާރުޕީއަށްވީ ގޮތް އެ އޮތީ ފެންނާށެވެ. ޑީއާރުޕީގެ ފިކުރުގެ މީހުން އުފެއްދި ޕީޕީއެމް ވެސް ވުޖޫދުން ފުހެލަން، އެ ޕާޓީގެ އިސް ސަފަށް މާ އުނދަގޫ ކަމަކަށް ނުވި އެވެ. އެމްޑީޕީގައި އުފެދުނު ދެބަސްވުންތަކުގައި، ނަޝީދަށް ވެސް ޖެހިވަޑައިގަތީ އެންމެ ފަހުން އަނބުރާ އެމްޑީޕީއަށް ވަޑައިގަންނަވާށެވެ.

"އެމްޑީޕީއަކީ ޕާޓީ އުފެއްދި ދުވަހުން ފެށިގެން ވެސް ހަމަ އެއް ޕާޓީއެއްގައި، މި ބުނަނީ އެ ޕާޓީއެއް ކެންސަލްކޮށްލާ، ނޫނީ އުވާލައި، އެހެން ޕާޓީއެއް ނުއުފައްދައި، އެ ހުރި ތަޅާފޮޅުމާ އެކު ވެސް ކުރިއަށްދާ ބައެއް،" ޒާހިރު ވިދާޅުވި އެވެ.

'ދައުރު'ގެ އެއްބަސްވެ ދެބަސްވަމާ ވޮޑްކާސްޓްގައި އެމްޑީޕީގެ އެތެރޭގެ ކޯޅުމާ ގުޅޭ ގޮތުން އެންމެ ފުނަށް ހިޔާލު ބަދަލުކުރަނީ

ބަހުސްގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. އެމްޑީޕީގެ އެތެރޭގެ ދެބަސްވުންތައް މިހާރު މި ފެންނަނީ ވިހަގަދަ ޒާތީ ކޯޅުމެއް ގޮތަށެވެ. އެހާ ދުޅަހެޔޮ މިންގަނޑެއްގައި އޮތް ބަހުސެއް ނޫނެވެ. އެމްޑީޕީގެ ޔުނިޓީ އަނބުރާ ގެނެވޭނީ ހިޔާލުތަފާތުވުންތައް ދުޅަހެޔޮ މިންގަނޑެއްގައި ބަހައްޓައި، މިހާރު ހިނގާ ދެބަސްވުން ނިމުމަަކަށް ގެނެސްގެނެވެ. ނާއިފް ދެއްކެވީ މި ވާހަކަ އެެވެ.

"ހިޔާލުތަފާތުވުމަކީ މައްސަލައެއް ވެސް ނޫން. ނަމަވެސް އެ ޕެޗު (އެއްބަސްވުމަކާ ހަމައަށް އާދެވުން) ކުރަން ޖެހޭ. ހެލްތީ ލެވެލްގައި. މީގައި ދެރަތަންކޮޅަކީ އެއީ. ދެބަސްވުންތައް ހެލްތީ ލެވެލްއެއްގައި ނުހިފެހެއްޓޭތީ ސަރުކާރު ޒިންމާދާރުކުރުވަން ސްޓްރޯންގް އޮޕޮޒިޝަނެއްގެ ގޮތުގައި ނުފެނޭ،" ނާއިފް ވިދާޅުވި އެވެ.

'ނިއުޓްރަލް' ޗެއާޕާސަންގެ މުހިންމުކަން

ސިޔާސީ ޕާޓީއަކީ ވަކި ބައެއް ކަންކަމަށް އެއްބަސްވެ، ނަމަވެސް ތަފާތު އެކި ފިކުރުތަކުގެ ކޯލިޝަނެކެވެ. އެމްޑީޕީއަކީ އެފަދަ ޕާޓީއެއްގެ އެންމެ ބޮޑު މިސާލެވެ. އެހެންކަމުން ފެކްޝަންތައް އުފެދުމަކީ އަބަދުވެސް ވާނެ ކަމެކެވެ. އަދި ސިޔާސަތެއްގެ ބަދަލުގައި، ސިޔާސީ ލީޑަރުން ވަށައިގެން ފެކްޝަން އުފެދުމަކީ ވެސް ވާނެ ކަމެކެވެ.

މި ޒާތުގެ ދެބަސްވުންތަކަށް ހައްލެއް ގެނެވޭނީ، ޗެއާޕާސަންގެ މަގާމަށް ވެސް ވާދަކުރައްވާ މީކާއީލް ދެކެވަޑައިގަންނަވާ ގޮތުގައި، އެއްވެސް ފެކްޝަނަކަށް ނިސްބަތްނުވާ ޗެއާޕާސަނަކަށެވެ. ހުރިހާ ފެކްޝަނެއް ވެސް އެއްބަސްކުރުވޭނެ، ވަކި ފެކްޝަނަކަށް ދީއްލައިނުލާނެ ޗެއާޕާސާނެކެވެ.

"ޗެއާޕާސަން އެބަ ޖެހޭ ވާން، ނިއުޓްރަލް ސްޓޭންޑެއްގެ ބޭފުޅަކަށް. ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ހުރިހާ ކެންޑިޑޭޓުންނާ ވެސް ވާހަކަ ދެކެވޭނެ، އެ މީހުން ވެސް އެއްގަލަކަށް އެރުވޭނެ ބޭފުޅަކަށް. އެ ނިޔަތުގައި އަޅުގަނޑު މި ވާދަކުރަނީ ވެސް،" މީކާއީލް ވިދާޅުވި އެވެ. 

އިހުއޮތް ޖޯޝު އެމްޑީޕީއަށް ލިބޭނީ ވެސް ޒުވާން ލީޑާޝިޕަކަށް އެމްޑީޕީ ފުރޮޅިގެން ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ އިބޫ ކެންޕޭން ޓީމް)

މީކާއީލްގެ އެ ވާހަކައަށް ތާއީދުކުރައްވަމުން ނާއިފް ވިދާޅުވި ގޮތުގައި އޭގައި ވަރަށް މުހިންމު ކަމަކަށް ވާނެ އެއް ކަމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގު ނެތް ބޭފުޅަކަށް ވުމެވެ. އަދި ސަމާސާ ރާގެއްގައި ފާހަގަކުރެއްވީ އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް އޮންނަ އެންމެ ދަށް އުމުރު މީކާއީލްގެ ހަމަނުވާނެ ކަމެވެ.

ރިޔާސީ އިންތިހާބެއްގައި ވާދަކުރެވޭނީ އުމުރުން 35 އަހަރު ފުރިގެންނެވެ.

"އަންނަ ރިޔާސީ އިންތިހާބަށް މީކާއީލްގެ އުމުރު ވެސް ނުފުރޭތާ. ވަރަށް ޒުވާން އަދިވެސް. އެހެންވީމާ އެ ޕޮލިޓިކަލް އެމްބިޝަން [ވެރިކަމަށް އައުމުގެ ޝައުގުވެރިކަން] ފުލްފިލްކުރެވެން ވެސް،" ނާއިފް ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރިމަގަށް އެކުލަވާލި މަގުޗާޓުގައި ވެސް މި ޒާތުގެ ހިޔާލެއް ހިމެނިފައިވެ އެވެ. މި މަގުޗާޓަކީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭކަން އިއުލާންކުރައްވައި އެ ކަމުގެ މަސްލަހަތަށް ޗެއާޕާސަންކަމުން މި ފަހުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލްގެ އިސް ނެންގެވުމެކެވެ. އެ މަގުޗާޓުގައި ތަސައްވުރުކޮށްފައި އޮންނަނީ 'ފުލް ޓައިމް' ޗެއާޕާސަނެކެވެ.

އޭގެ މާނައަކީ ޗެއާޕާސަންގެ މަގާމު ފުރުވާ މީހަކަށް ރިޔާސީ ޕްރައިމަރީގައި ވާދައެއް ނުކުރެވޭނެ އެވެ. އެހެން މަގާމެއް ވެސް ނުފުރެވޭނެ އެވެ. މިނިސްޓަރުކަން، ސިޔާސީ އެހެން މަގާމެއް، މަޖިލީހުގެ މެންބަރުކަމާއި ކައުންސިލަރުން ފަދަ އިންތިހާބު މަގާމުތައް ވެސް ހިމެނޭ ގޮތަށެވެ. އޭރުން ޗެއާޕާސަންގެ ހަމައެކަނި ފޯކަސްއަކަށް ވާނީ ޕާޓީ ހިންގުމާއި އިންތިހާބުތައް ކާމިޔާބުކުރުމެވެ.

އެމްޑީޕީގެ އެންމެ ފަހުގެ ކޮންގްރެސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އޭރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަކިން މަޝްވަރާކުރައްވަނީ (ފޮޓޯ: އަބްދޫﷲ ޔަޝާއު/ދައުރު)

ފެއިލްވި ލީޑަރުން ފަހަތަށް ޖެހެންވީތަ؟

'ދައުރު' ގެ ޕޮޑްކާސްޓްގައި މި ހިޔާލު ފާޅުކުރެއްވީ ނާއިފެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީ ބަލިކަށިވުމަކީ ލީޑާޝިޕްތަކުގެ ފެއިލިއާއެކެވެ. އިންތިހާބުތަކުން ބަލިވެ، ފެއިލްވަމުންދާނަމަ ލީޑާޝިޕް ފަހަތަށް ޖެހެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި އެއީ ދުނިޔޭގެ ސިޔާސީ ޕާޓީތަކުގައި މިހާރު އަށަގަންނަމުންދާ ޑިމޮކްރެސީގެ އާދައެކެވެ.

"އޭރުން ދެން އާ މޫނުތަކެއް، ޒުވާން ހިތްވަރު ހުރި އާ ލީޑަރުން ނުކުންނާނޭ އެމްޑީޕީއާ އެކީ ކުރިއަށްދާން،" ނާއިފް ވިދާޅުވި އެވެ.

ރާއްޖޭގައި މި ވަގުތު ހުންނެވި އެންމެ ދޮށީ އަދި އެންމެ ތަޖުރިބާ ހުންނެވި އެއް ނޫސްވެރިޔާ ޒާހިރު ވެސް ފާހަގަކުރެއްވީ ރިޔާސީ ކެންޑިޑޭޓުގެ މައްސަލާގައި ނަޝީދު މި ފަހުން ފާޅުކުރެއްވި ހިޔާލަކީ މައްސަލަ ހައްލުކުރުމަށް ބުރަދަން ހުރި ހިޔާލެއް ކަމެވެ. އެއީ ވެރިކަން ހޯއްދެވުމަށް ދެން ނަޝީދު ވެސް، ސޯލިހު ވެސް ނޫޅުއްވުމެވެ.

"ނަޝީދު މި ވިދާޅުވަނީ ދެ ބޭފުޅުން ވެސް ފަަހަތަށް ޖެހިލަންވީއޭ. އާ ލީޑާޝިޕަކަށް ޖާގަ ދެއްވަންވީއޭ. ނަޝީދަކީ އަޅުގަނޑު ގިނަ ފަހަރު ވަރަށް ހިޔާލު ތަފާތުވާ ބޭފުޅެއް. ނަމަވެސް މި ކަމުގައި ނަޝީދު ނެރުއްވި ހިޔާލުގައި ބުރަދަނެއް ހުރި ކަމަށް ދެކެން،" ޒާހިރު ވިދާޅުވި އެވެ.

ޕާޓީ ހިންގުމުގެ ލީޑާޝިޕް ޒުވާން ކުރުމުގެ ވިސްނުމަށް މީކާއީލް ވެސް އެއްބަހެވެ. ޗެއާޕާސަންގެ މަގާމަށް މީކާއީލް ވާދަކުރައްވަނީ ވެސް އެ ބޭނުމުގަ އެވެ. ނަމަވެސް ރިޔާސީ ޓިކެޓަކީ ކޮންމެ ލީޑަރަކަށް ވެސް ވާދަކުރެއްވުމުގެ ހައްގު އޮތް ކަމެއް ކަމަށް މީކާއީލް ގަބޫލުކުރައްވަ އެވެ. މި ވަގުތު ވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒު އޮތް ލީޑަރުންގެ ތެރޭގައި ނަޝީދު އަދި ސޯލިހު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް މީކާއީލް ދެކެވަޑައިގަންނަވަ އެވެ.

ނަމަވެސް އެ ވާދަކުރުމުގައި މީކާއީލް ގަބޫލުކުރައްވާ "ރަތް ރޮނގެއް" އޮވެ އެވެ. އެއީ ރިޔާސީ ޕްރައިމަރީއަށްފަހު ރިޔާސީ އިންތިހާބަށް އެމްޑީޕީ ނުކުންނަ ވަގުތެވެ. ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވިޔަސް، ކާމިޔާބުކުރެއްވި ކެންޑިޑޭޓަކާއެކު ނާކިޔާބުވާ ލީޑަރުން ވެސް ނުކުންނަވަން ޖެހޭނެ ކަމަށް މީކާއީލް ގަބޫލުކުރައްވަ އެވެ.

"އެއީ އަޅުގަނޑު ދަމާލާ ރަތް ރޮނގު. އެއާ ހަމައަށް [ރިޔާސީ ޕްރައިމަރީގެ ނަތީޖާއާ ހަމައަށް] ހިޔާލު ތަފާތުވުންތައް އޮވެ، ދެބަސްވުންތަކާއެކު ކުރިއަށްދާންވީ. ނަމަވެސް އެެއަށްފަހު، ނުކުންނަވަން ވާނީ އެކުގައި. އެހެން ނޫނީ ދުވަހަކު ވެސް އެމްޑީޕީގެ އާންމު މެންބަރުން އެ ދެ ބޭފުޅުންނަކަށް ވެސް މާފެއް ނުކުރާނެ،" މީކާއީލް ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ ފަހުގެ ކޮންގްރެސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ފޮޓޯ/ޕީއެސްއެމް)

ސިޔާސަތުތަކާއި ހަމަތައް އިސްކުރަން ޖެހޭ

މިއީ އެމްޑީޕީގެ އެތެރޭގެ ބާރުގެ ކޯޅުމުގެ މި މައުލޫގައި އެންމެ ފުރަތަމަ ވެސް ދެކެވުނު ވާހަކަ އެވެ. އެމްޑީޕީގައި ތަމްސީލްވާ ސިޔާސީ ފިކުރެއް އެބަ އޮތެވެ. އެތައް ރައްޔިތަކު އެތައް ގުރުބާނީއެއް ވުމުގެ ފަހަތުގައިވަނީ އެ ފަލްސަފާ އެވެ. ނަމަވެސް އެމްޑީޕީއަށް ނަތީޖާ ނެރުމަށް ލިބުނު ވެރިކަމުގެ ފުރުސަތުގެ ބޭނުން ރަނގަޅަށް ނުހިފުނީ އެވެ.

ސިޔާސީ މަސްރަހު ދިރާސާކުރައްވައި، ނޫސްވެރިޔާ ނާއިފަށް ފެންނަ މަންޒަރަކީ އެމްޑީޕީ ސިޔާސަތުތަކުގެ ޕާޓީއަކަށް ވުރެ ބޮޑަށް ބާރުގެ ވާދަވެރިކަން ދަމަހައްޓަން އޮންނަ މައިދާނަކަށް ބަދަލުވެގެން ދިޔައީ އެވެ. ނަތީޖާއަކީ ހަމަ ގަބޫލުކޮށްގެން ތިބި އެމްޑީޕީގެ ސަޕޯޓަރުން މާޔޫސްވުމެވެ. އެއިން އެއް ބަޔަކު ޕާޓީއާ ފެޔަށް ވެސް ޖެހުނީ އެވެ.

"ސަޕޯޓަރުންތައް ކޮބައި ހެއްޔެވެ؟ ސަޕޯޓަރުން ޕާޓީއާ ފެޔަށް ޖެހި ބަހަކަށް އަރައިގެން ދިޔައީއޭ. ޕާޓީގެ ސިޔާސަތުތަކާއި ގަބޫލުކުރަމުން ދިޔަ ވެލިއުސްއާ ޕާޓީ މާ ދުރަށް ޖެހުމުގެ މާޔޫސްކަމުގައި. އެމްޑީޕީ ބަދަލުވީއޭ ޕަވަ ކޮންސޮލިޑޭޓްކުރާ އެއްޗަކަށް،" ނާއިފަށް ސިޔާސީ މަސްރަހުގެ މަންޒަރު ކުލަވާ ގޮތް ސިފަކޮށްދެއްވި އެވެ.

އޭގެ ބައެއް ވާހަތަކަށް މީކާއީލް ވެސް އެއްބަސްވެވަޑައިގެން ވާހަކަ ދެއްކެވި އެވެ. އެމްޑީޕީން ފުރަތަމަ އިންތިހާބުތަކަށް ނުކުތީ ވަރަށް ތަފްސީލްކޮށް އޮތް މެނިފެސްޓޯތަކާ އެކުގަ އެވެ. މެނިފެސްޓޯގެ ކޮންމެ ކަމެއް ތަންފީޒުކުރާނެ ގޮތް، ތަންފީޒުވެގެންދާނެ މުއްދަތު، ތަންފީޒުކުރުމަށް ހިނގާނެ ހަރަދުތަކުގެ ހިސާބުތަކާ ވެސް އެކުގަ އެވެ.

"ފުރަތަމަ އެމްޑީޕީން ފެނިގެން ދިޔައީ ވަރަށް ބޮޑަށް ސިޔާސަތުތަކެއް އޮވެ މެނިފެސްޓޯ-ބޭސްޑް ކެމްޕެއިންތަކެއް. ނަމަވެސް މި ވަރަށް ފަހަކުން އައިސް އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ އެހާ ބޮޑަށް މެނިފެސްޓޯ-ބޭސްޑް ކެމްޕެއިންތަކެއް ނުހިންގޭކަން،" ވަރަށް ޒުވާން އުމުރުގައި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާން ފެށި މީކާއީލް ވިދާޅުވި އެވެ.

ނާއިފް އެ ވާހަކައަށް އިތުރުކުރި ކަމަކީ ރިޔާސީ އިންތިހާބުގެ މާ ކުރިން ވެސް، ހާއްސަކޮށް އިދިކޮޅު ޕާޓީގެ ހައިސިއްޔަތުގައި އެމްޑީޕީ އޮންނަ އިރު ލިޔުމަށް ތިރިކޮށްފައިވާ ސިޔާސަތުތަކުގެ ދެލިކޮޕީއެއް އޮންނަން ޖެހެ އެވެ. ލީޑަރުންގެ ވަށައިގެން ހިނގާ ދެބަސްވުންތަކަށް ވުރެ ސިޔާސަތުތައް އިސްވާނީ އޭރުންނެވެ.

ނާޝީދާއި ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޕާޓީގެ ސިޔާސަތުތަކާ ދުރަށް ޖެހުނު ކަމަށް ސަޕޯޓަރުންނަށް އިހުސާސްވާން ޖެހުނު އެއް ސަބަބަކީ، ޒާހިރު ވިދާޅުވި ގޮތުގައި، ކޯލިޝަން ހަދައިގެން ވެރިކަމަށް އަންނަން ޖެހުމެވެ. ޕާޓީގެ ސިޔާސަތުތަކަށް ވުރެ ކޯލިޝަންގެ ބައިވެރިންގެ ޑީމާންޑުތަކަށް ސަރުކާރު ދީއްލައިލަން ޖެހެނީ އެވެ. އަދި ރިޔާސީ ނިޒާމަކަށް ވާތީވެ، ރައީސްގެބާރު ވެސް މާ ގަދަވާ ކަމަށް ވިދާޅުވި އެވެ.

"އެހެން ވާކަށް ނުޖެހޭ. އެކަމަކު ދިމާވާ ކަމަކީ އެ. ޕާޓީ އޮތް ތަނުގަައި އޮވެ، ޕާޓީގެ މާ ބޮޑު ވަރުގަދަކަމެއް، މި ބުނީ ޕާޓީގެ ހަމަތަކާއި ސިޔާސަތުގެ ނުފޫޒަށްވުރެ ރައީސުލްޖުމްހޫރިއްޔާ މި ވަނީ މާ ބާރުގަދަ. ސިޔާސަތުތަކަށް ދެން އޭނާ ކޮންމެ ގޮތެއް ވެސް، ކޮންމެ ބަދަލެއް ވެސް ވެރިކަން ލިބުމަށްފަހު ކުރަންވީ،" ޒާހިރު ވިދާޅުވި އެވެ.

ސިޔާސަތުތަކުގެ ނުކުތާގައި މީކާއީލް ގަބޫލުކުރައްވަނީ އެމްޑީޕީ އާންމު މެންބަރުންގެ މުއައްސަސާއެއްގެ ގޮތުގައި އޮތުމެވެ. ޕާޓީ އިސްވެ އުފެދޭ ސަރުކާރަށްވުރެ ޕާޓީއާއި ޕާޓީގެ ސިޔާސަތުތައް ދޮށިވާނެ ކަމަށް މީކާއީލް ގަބޫލުކުރައްވަ އެވެ. އެހެންވެ ކުރިއާލާ ލިޔުމަށް ތިރިކުރެވިފައިވާ ސިޔާސަތުތަކެއް އޮންނަން ޖެހޭ ކަމަށް އޭނާ ވެސް އެއްބަހެވެ.

އޭގެ އިތުރުން ކުރަންވީ ކަމަކީ ރިޔާސީ ޕްރައިމަރީގެ ސައްހަކަން ޕާޓީގެ އާންމު މެންބަރުންނަށް ކަށަވަރުކޮށްދިނުމެވެ. ރިޔާސީ ޕްރައިމަރީގެ 'ރަތް ރޮނގު' ގަބޫލުކުރާނީ ވެސް އޭރުން ކަމަށް މީކާއީލް ވިދާޅުވި އެވެ. މިދިޔަ ޕްރައިމަރީގައި ވެސް މެންބަރުންތަކެއް އުނިކޮށްފައި، އަލުން ވައްދަން ކުރި މަސައްކަތުގައި މެންބަރުންގެ މެދުގައި އެ އުދާސް ފެނުނު ކަމަށް ވިދާޅުވި އެވެ.

ދެން ބޭނުންތެރިކަމަކީ އެމްޑީޕީއަކީ ހުޅުވިފައިވާ ޕާޓީއެއް ގޮތުގައި އޮތުމެވެ. 'އިންކްލޫސިވް ޕާޓީ'އެއް ގޮތުގައި އޮތުމެވެ. ޕާޓީގެ ތެރެއިން މީހުނަށް ފުރުސަތު ހުޅުވިފައި އޮތުމުން ނޫނީ ޕާޓީއަށް އާ މީހުން ނުގުޅޭނެ އެވެ. ކޮންމެ މީހަކަށް ވެސް ޕާޓީގެ ތެރެއިން ޖާގަ ލިބޭ ގޮތަށް އޮތުމަކީ، ދުޅަހެޔޮކޮށް އެ ކަން ވާނެ ކަމެކެވެ. 

"އެމްޑީޕީގެ މަސައްކަތް ދެމިގެން ދާން ވާނީ ހަމައެކަނި މި ފަސް އަހަރަކަށް ނޫން. ކިތަންމެ އަހަރުތަކަކަށް އެމްޑީޕީ ދެމިއޮވެ ޕާޓީގެ ހަރަކާތްތައް ހިންގަން ޖެހޭނެ. ޕާޓީގެ ތެރެއިން މީހުނަށް ފުރުސަތުތައް ލިބޭކަން ފެންނަންޏާ އާ މީހުން ގުޅޭނީ ވެސް. އަދި ކިތަންމެ އަހަރަކަށް އެމްޑީޕީ އޮންނާނެ، އިރާދަކުރެއްވިއްޔާ،" މީކާއީލް ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓް:

'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓަކީ 'ދައުރު' އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ ފަށާ އާ ސީރީޒްއެކެވެ. އެއްބަސްވެ ދެބަސްވުމަކީ އަހަރުމެންގެ ފިތުރަތެވެ. އިންސާނީ ތޮބީއަތެވެ. އިންސާނިއްޔަތު ކުރިއަރައިގެން ދިޔައީ އެންމެން އެެއް ވިސްނުމެއްގައި ތިބެގެނެއް ނޫނެވެ. ތަފާތު ހިޔާލުތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކާއި ބަހުސްތައް ހިންގައިގެންނެވެ. ދެބަސްވާން އެއްބަސްވެގެނެވެ. "އެއްބަސްވެ، ދެބަސްވަމާ" އަކީ މި ގޮތަށް ހުރި ތަފާތު ހިޔާލުތައް އެއްތަންކޮށް އެ ތަފާތުތަކުން ފިލާވަޅުތައް ނަގައިދޭނެ ޕްލެޓްފޯމެކެވެ. މި ވޮޑްކާސްޓް ހޯސްޓުންނަކީ ދައުރުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު ނާއިފްއެވެ.

ކޮމެންޓް (4)

ބާބޫ

7 ޑިސެމްބަރު 2025
ކެރަފާ ނަޝީދަކީ ޑިމޮކްރަޝީގެ ޗެންޕިއަނެއް ނޫން. އެހެނެއް ކަމަކު އޭނާއަކީ ވެރިކަމާ ހެދި ބޫތުގަނެފަ ހުރި އަމިއްލަ އެދުން ބޮޑު މީހެއް. އޭނާ ގަބޫލުކުރާ ގޮތުގަ އެމް،ޑީ،ޕީ ގެ ފުލް ކޮންޓްރޯލް އޮންނަން ޖެހެނީ އޭނާއަށް. އޭނާގެ ކޮންްޓްރޯލް ނޯންނަ މީހަކަށް އެމް،ޑީ،ޕީގެ ޗެއަރ ކަމެއް ނުކުރެވޭނެ. އެގޮތުން ރީކޯ، ޑީޑީ، އަލްހާން އެހެލީ......އޭގެ އިތުރުން އޭނާއަކީ އެންނަންބަރުގެ ލާދީނީއެއް...
4 0

ދެރަނިކަމެތި

5 ޑިސެމްބަރު 2025
އެމްޑީޕީ އުފެދިގެން އައީ އެދުވަސްވަރު ދ ރާއްޖޭގަ ސިޔާސީގޮތުން ވަރަށް ޤާބިލު ތައުލީމީ ހަރުދަނާ ބައެއްގެ ވަރަށްބުރަ މަސައްކަތުންކަން އެފިކުރުގެ އެންމެންނައް އެނގޭނެ ނަމަވެސް މިއަދު އެބޭބޭފުޅުން އެތިއްބަވަނީ ވަރަށްދުރުގަ ބާކީކޮށްފަ ވަކިމީހަކު ބޭނުންވާގޮތަކީ އެންމެފަހުގެ ނިންމުންކަމަށްދެކިގެން އެމީހާ އެނބުރިއައީވެސް ފޮނިކޮޅުބޯލަން މީހަޤީގަތަކީ.
3 1

ނެޓް

5 ޑިސެމްބަރު 2025
ވަރަށް ސާފު އެމްޑީޕީ އެ ސްޓައިލްގައި ހިންގީ އަންނި. ހިރިގާ ކިތަންމެ ވަރަކަށް ވެސް ދެބަސްވާންވީ. އަންނިއާއި ހިރިގާ އެންމެ ހިޔާލު ތަފާތު އިރު އަންނި ޕާޓީ ހިންގި ވަރުގަދަ ގޮތުން ދޭހަކޮށްދެނީ ހިރިގާ މެންގެ އަބުއި ވިސްނުމަށް އޭރު ދީލާލިނަމަ މި އެމްޑީޕީ އެ ސްޓްއިލްގައި ނޯންނާނެކަން. ޕާޓީއާއި މީހުން ދުރަށް ޖެހުނީ އިބޫ ސަރުކާރު ހިންގި ގޮތުން. ކިތަންމެ ވަރަކަށް ދިރާސާ ކުރިޔަސް ނިމޭއިރު އަންނާނީ މި ޖަވާބު.
1 5

އައިރުލު

7 ޑިސެމްބަރު 2025
@ނެޓް ނަޝީދަކީ ކޮންޕިޔުޓަރަކާއި ރިސޯޓަކުން ރާއްޖެ ހިންގަން އައި މީހާ، ޤާނޫނު މުގުރާލުމުގެ ސަބަބުން ބައިކުޅި ކެވި، ބޮނދު ބުޑަށް ސައިވެ، ސިޔާސީ ޙަޔާތް ބަރުބާދުވި އާދަމްހުވާރެއް....
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް