އައްޑޫން އަތުލައިގަތް ސިނގިރޭޓްތައް ނައްތާލުމަށް އިއްޔެ އައްޑޫ ޕޯޓު ސަރަހައްދުގައި ބޭއްވި ހަރަކާތުގެ ތެރެއިން. (ފޮޓޯ/ކަސްޓަމްސް)

ކަސްޓަމްސް

ހިތަދޫ ވިޔަފާރި ބަނދަރުން އަތުލައިގަތް 1.8 މިލިއަން ސިނގިރޭޓް ނައްތާލައިފި

މި ތަކެތީގެ ޑިއުޓީއަށް 15 މިލިއަން ރުފިޔާ އަރާ ކަމަށް ކަސްޓަމްސްއިން މީގެ ކުރިން ބުނެފައިވޭ

ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގެންފައިވާ 1.83 މިލިއަން ސިނގިރޭޓު އިއްޔެ ނައްތާލާފައިވާ ކަމަށް އެ މުއައްސަސާއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ ތަކެތި ނައްތާލާފައިވަނީ، އެކަމަށްޓަކައި އިއްޔެ ހިތަދޫ ވިޔަފާރި ބަނދަރުގައި ބޭއްވި ހަރަކާތެއްގަ އެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްއިން މިރޭ ވަނީ ބަޔާނެ ނެރެފަ އެވެ.

ތަފްސީލު - ކަސްޓަމްސްގެ ބަޔާނުގައި ބުނީ:

  • އިއްޔެ ނައްތާލި ތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިތަދޫ ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގައި ހިތަދޫ ޕޯޓުން އަތުލައިގަނެފައިވާ ސިނގިރޭޓް ޝިޕްމަންޓެއް

  • މި ތަކެތި ރާއްޖެ އެތެެރެ ކުރަން މަސައްކަތްކޮށްފައި ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދާ ހިލާފަށް

  • މި މައްސަލަ ކަސްޓަމްސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުން

 މި ޝިޕްމަންޓް އަތުލައިގަތްކަން ކަސްޓަމްސްއިން ހާމަކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު މެދު ތެރޭ އެވެ. އެ ތަކެތީގެ ޑިއުޓީއަށް 15 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރު ކަސްޓަމްސްއިން ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަނީ އާންމުުވެފަ އެވެ. އެއާއެކު ބޮޑު ބްލެކް މާކެޓެއް އުފެދި، ދުންފަތުން މީގެ ކުރިން ލިބެމުންދިޔަ ޑިއުޓީ އެތައް ގުނައަކަށް ދަށްވެގެން ގޮސްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް