ޓެލެތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީއެސްއެމް)

ރާއްޖެ-ލަންކާ

ދިވެހިން ލަންކާއަށް ދޭ އެހީ 2.4 މިލިއަން ޑޮލަރަށް ވުރެ ގިނަވާނެ: މިނިސްޓަރު

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު މިއަދު ލަންކާ ސަރުކާރާ ހަވާލުކުރައްވާނެ ކަމަށް

ބާރުގަދަ ތޫފާނެއްގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީ ލަންކާއަށް އެހީވުމަށް ދިވެހިން އެއްކުރި ޖުމްލަ ފައިސާގެ އަދަދު 2.4 މިލއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ލަންކާއަށް އެހީތެރިވުމަށް ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ބޮޑު ޓެލެތޯނެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ޓެލެތޯނަށް އާއްމުންނާއި ކުންފުނިތަކާއި އިދާރާތަކުން ވަނީ ގިނަ އަދަދަކުން ފައިސާ ހަދިޔާކޮށްފަ އެވެ. އެގޮތުން ޖުމްލަ ލިބުނު ފައިސާގެ އަދަދު 8 ލައްކަ ޑޮލަރަށް އަރާ ކަމަށް ޕީއެސްއެމުން ވަނީ ބުނެފަ އެވެ.

އެ ފައިސާ ލަަންކާއަށް ހަދިޔާކުރުމަށް، ފޮރިން މިނިސްޓްރީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ، ދިވެހިންގެ އެހީތެރިކަން އެއަށް ވުރެ ބޮޑުވާނެ ކަމަށެވެ.

އެގޮތުން ޓެލެތޯނުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުން އެއްކުރާ ފައިސާއާ އެކު ދިވެހިންގެ ފަރާތުން ދޭ ޖުމްލަ އެހީ، 2.4 މިލިޔަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ޓެލެތޯނަށް ލިބުނު ފައިސާ މިއަދުގެ ވަގުތެއްގައި ލަންކާގެ ސަރުކާރާ ހަވާލުކުރާނެ އެވެ.

އޭނާ ވިދާޅުވީ ޓެލެތޯނަށް ލިބުނު ތަރުހީބުން، ލަންކާއާ މެދު ދިވެހިން ދެކޭ ގޮތް ހާމަވެއްޖެ ކަމަށާއި އެގޮތުން ލަންކާއަކީ ދިވެހިންގެ ދެވަނަ ގެދޮރުކަމާއި ދެ ގައުމުގެ ދެމެދުގައި އަހުވަންތަކަން އޮތްކަން އެނގިވަޑައިގެންފި ކަމަށެވެ. އަދި ލަންކާއަށް އެންމެ ފުރަތަމަ އެހީވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - މުސީބާތުގެ މި ވަގުތުގައި ދިވެހިން ދިން މި އެހީތެރިކަން ލަންކާގެ މީހުން ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާ ގިނަ ފައިސާ އެއްކުރުމުން އެކަމަށް ޝުކުރު އަދާކޮށް، ބައެއް މީހުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައި ވެ އެވެ.

ކޮމެންޓް (2)

މަބުނީ

2 ޑިސެމްބަރު 2025
އެމެރިކާއިންވެސް 2މިލިއަންޑޮލަރު. ދިވެހިން މުއްސަންޖޭދޯ. ގައުމުގެ ދަރަނިފިލވަން ޓެލެތޯނެއް ބާއްވަން ވަރަށްފެނޭ.
0 0

އަސްލުވެސް

3 ޑިސެމްބަރު 2025
@މަބުނީ މީ ހާދަސަޅި ކޮމެންޓެކޭ. މިއީ އެއްބައިވަންތަވާންވޯ ވަގުތު. އެކަމަކު އެކަކުވެސް ތިއަކަށް ފައިސާ ނުލާނެ. އެންމެން ބުނަނީ ސަރުކާރުން އިސްރާފު ބޮޑުވީމައޭ ދަރަނި ނުދެއްކެނީ. ހެޔޮނިޔަތުގައި ކަންކަން ކުރިނަމަ މިގޮތަށް ހިރހާ ކާރިސާއަކުން ގައުމު އަރައިގަނެވޭނެ އަސްލު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް